
މަޝްރޫއުތައް ސުންގަޑިތަކަށް ނިންމަން ހާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އަޅަނީ

އާމިނަތު ޝަޒްލާ - 29 ޖޫން 2026 - 13:38
ސަރުކާރުން ޢާންމުންނަށް ދެއްވާ ޚިދުމަތްތައް ހަރުދަނާކުރައްވައި، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމެވުމުގެ މަޤުޞަދުގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ފިޔަވަޅުތައް ކަނޑައަޅުއްވާފައިވަނީ، 28 ޖޫންވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.
އެގޮތުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރެއްވުމަށް ބޭނުންކުރައްވާ "ދުވެލި" ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކުރައްވާފައިވާ "ޕަބްލިކް އިންވެސްޓްމަންޓް މެނެޖްމަންޓް ސިސްޓަމް," ޕޯޓަލް، މި ހަފުތާގެ ނިޔަލަށް އަދާހަމަކުރައްވައި، އެއަށްފަހު ވަގުތުން ވަގުތަށް އަދާހަމަކުރައްވަމުން ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން، ސަރުކާރުން ކުރިއަށް ގެންދަވާ މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގައި އެކަމަށް ޚާއްޞަ ޓީމެއް ގާއިމުކުރެއްވުމަށާއި، މަޝްރޫޢުތައް ދުވަހުން ދުވަހަށް ވިލަރެސްކުރަމުން ގެންދާނޭ ޚާއްޞަ ޔުނިޓެއް، ކޮންމެ ވުޒާރާއެއްގައި ގާއިމުކުރެއްވުމަށްވެސް، ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
އަދި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމެވުމަށްޓަކައި، މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއާއެކު ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށްވެސް ނިންމަވާފައިވެއެވެ.
މީގެ އިތުރުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.
އަދި، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން، އަތޮޅުތެރޭގައިވެސް އެފަދަ ތަންތަން ތަރައްޤީކުރުމުގެ ހުއްދަ ދެވޭނީ، ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުންކަމުގައިވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސިނގިރޭޓްގެ ޑިއުޓީ އަގު ކުޑަ ކުރުން އެއީ ފަހަތަށް އެޅި ފިޔަވަޅެއް ނޫން: ރައީސް
5 ގަޑިއިރު ކުރިން

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ބޮޑުބައި އެމްއޭސީއެލް އިން ނިންމައިފި
7 ގަޑިއިރު ކުރިން

މާލޭގެ މަގުތައް ހަދާއިރު އިސްކަންދޭނީ މައި މަގުތައް ހަދަން: ޑރ މުއްތަލިބު
7 ގަޑިއިރު ކުރިން

ފްރާންސްގެ ރައީސް އަށް ރައީސް ޑރ މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)