logo

ދައުލަތަށް އިންކަމް ޓެކްސްގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިއްޖެ

profile

މުޙައްމަދު ފަޟްލޫން - 17 ޖޫން 2026 - 04:27

މީރާ މެދުވެރިކޮށް، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ.

https://wamco.com.mv/

މިއީ ނިމިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 2.1 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން، މިއަހަރު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރާ އަޅާބަލާއިރު %28.5 އިތުރު އަދަދެކެވެ.

އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ދައްކާ ޓެކުހެވެ. މިގޮތުން، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެ ފަރާތްތަކުން 1.3 ބިލިޔަން ރުފިޔާ ދައުލަތަށް ދައްކާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.2 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %8.3 ގެ ކުރިއެރުމެކެވެ.

މީގެ އިތުރުން، ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި 735 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު 523 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %40 އިތުރު އަދަދެކެވެ.

އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު 214 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 200 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %11.8 އިތުރު އަދަދެކެވެ.

އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ބޭންކްތަކުން ދައްކާ އާމްދަނީގެ ޓެކުހުންނެވެ.

ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި 490 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 159 މިލިޔަން ރުފިޔާއާ އަޅާބަލާއިރު %208 ގެ ބޮޑު އިތުރުވުމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk