logo

ލީބިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި!

profile

ރިޟްވާން މޫސާ - 09 މޭ 2026 - 14:24

ލީބިޔާގެ އަލް-ޒާވިޔާ ސަރަޙައްދުގައި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގުމާ ގުޅިގެން، އެގައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފިއެވެ.

https://wamco.com.mv/

މި ކުރިމަތިލުންތަކާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ޤައުމުގައި މިހާރު ހިންގާ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑައިލާފަ އެވެ.

އެ ޤައުމުގެ ނޭޝަނަލް އޮއިލް ކޯޕަރޭޝަނުން (އެންއޯސީ) ބުނީ، ހުކުރު ދުވަހުގެ ފަތިހު ބަރު ހަތިޔާރު ބޭނުންކޮށްގެން ފެށި ޙަމަލާ ބަދަލުކުރުންތަކުގައި ތެޔޮ ސާފުކުރާ ކާރުޚާނާ ހުންނަ ސަރަޙައްދަށް ވެސް ޙަމަލާތައް އަމާޒުވެފައިވާ ކަމުގައެވެ. މި ހާދިސާއާ ގުޅިގެން އެ ތަނުގެ މުވައްޒަފުންގެ ސަލާމަތަށް ޓަކައި އެންމެން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

ވެރިރަށް ޠަރާބުލުސްއާ 40 ކިލޯމީޓަރު ހުޅަނގުގައި ހުންނަ މި ކާރުޚާނާއަކީ ދުވާލަކު 120,000 ފީފާގެ ތެޔޮ ސާފުކުރުގެ ޤާބިލުކަން ހުރި، އަދި ލީބިޔާގެ މަޝްހޫރު ޝަރާރާ ތެޔޮވަޅާ ގުޅިފައިވާ އިޤުތިޞާދީ މައި ބިނާއެކެވެ.

ވަގުތީ ގޮތުން ކާރުޚާނާ ބަންދުކޮށްފައިވީ ނަމަވެސް، ޢާންމުންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުން މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ކަމާބެހޭ ފަރާތްތަކުން ދީފައިވެއެވެ.

ނަމަވެސް، ކާރުޚާނާ ކައިރީގައިވާ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ކުރިމަތިލުންތައް ފެތުރި، ބަރު ހަތިޔާރުގެ ޙަމަލާތައް ސީދާ ކާރުޚާނާއަށް އަމާޒުވަމުންދާތީ، އޮޕަރޭޝަންތައް އަލުން ފެށުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

2011 ވަނަ އަހަރު ލީބިޔާގެ ކުރީގެ ރައީސް މުޣައްމަރް ޤައްޛާފީގެ ވެރިކަން ވައްޓައިލި ފަހުން ލީބިޔާ އޮތީ ބޮޑުވަޒީރު ޢަބްދުލް ޙާމިދު އަލް-ދަބީބާގެ ސަރުކާރާއި، އިރުމަތީގައި ޚަލީފާ ޙަފްތަރު ޤާއިމުކޮށްފައިވާ ސަރުކާރާ ދެމެދު އުފެދިފައިވާ ސިޔާސީ ބައިބައިވުމެއްގެ ތެރޭގައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk