
ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މައި ދޮރާށްޓަށް 59 އަހަރު!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 12 އޭޕްރީލު 2025 - 04:00
ދެކުނު އޭޝިޔާގެ ހިންދު މާކަނޑުގެ ތެރޭގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮންނަ ކުޑަ ޖަޒީރާ ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލެވެ. މިމަންޒިލަށް ވާސިލުވާ އަދި ދޫކޮށްދާ ފަރާތްތަކަށް މަރުހަބާއާއި އަލްވަދާޢު ކިޔާ މައި ދޮރާށްޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ.
އިނގިރޭސީންގެ ޙިމާޔަތުން ނެއްޓި ދިވެހީން މިނިވަންކަމަށް ކުރި ދަތުރުގެ ތެރޭގައި، ދިވެހިންގެ ބުރަ މަސައްކަތާއި އޭރު ވެރީންގެ ހިކުމަތު ޢަމަލީގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިދެކޭ ޒަމާނީ ކުރިއެރުމާއި ތަރައްޤީއަށް ހުޅުވާލި ދޮރާއްޓަކީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ދޮރާށްޓެވެ. 19 އޮކްޓޫބަރު 1960ގައި ރާއްޖޭގައި މަދަނީ ވައިގެ ދަތުރުފަތުރު ފެށިގެން ދިޔަ ނަމަވެސް، ޚާއްޞަ އޮފީހެއްގެ ދަށުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޚިދުމަތް ސަރުކާރުން ފެއްޓެވީ، 12 އޭޕްރީލް 1966 ގައެވެ. އެދުވަހުން ފެށިގެން މިއަދަށް 59 އަހަރު ފުރުނީއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ފުރަތަމަ ރަންވޭއާއި ބިންގާ 1990 އެޅިގެންދިޔައިރު 1962 ގައި ފުރަތަމަ ފްލައިޓް ޖެއްސިއެވެ. އަވަށްޓެރި ސިލޯނުގެ އެއަރ ސިލޯންގެ ދަތުރުތަކަށް ޖާގަދީ ދިވެހިރާއްޖެ ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވައިދިން ދޮރަކީ ވެސް ދިވެހީންގެ ފަޚުރުވެރި މައި ވައިގެ ބަނދަރެވެ. އެހެން ނަމަވެސް، އެ ބަނދަރު ރަސްމީކޮށް ހުޅުވާފައި ވަނީ 1996ގައެވެ. އެ ޝަރަފު ލިބިވަޑައިގަތީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްމަރްޙޫމް އިބްރާހީމް ނާސިރަށެވެ.
ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވުނު ދިވެހީންގެ މައި އެއާޕޯޓާއެކު ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށިއެވެ. މިގޮތުން އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިރާއްޖޭގައި ފަތުރުވެރިކަން ފެށި އަހަރު ކަމަށްވާ 1972ގައެވެ. އޭރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމުން ހިންގި، އެއާޕޯޓުގެ ބެލެނިވެރި ފަރާތަކަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް - އެމްއޭސީއެލް ހަމަޖައްސައި، 100 އިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުން އެމްއޭސީއެލް ޚިދުމަތް ފެށީ 1994ގައެވެ. އެއާއެކު އެއާޕޯޓަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް އައި މަންޒަރު ދިވެހީންނަށް ދެކެފީމުއެވެ.
ފަހުގެ ތާރީޚުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި ކުރިއެރުންތަކަށް ބަލާލުމަކީ މިއަދު ވަރަށް މުނާސަބު ކަމެއް ކަމަށް ދެކެމުއެވެ. 2022 ވަނަ އަހަރަށް ޖެހިލާނަމެވެ. އެއަހަރަކީ އެ އެއާޕޯޓްގެ ތާރީޚުގައިވެސް ފާހަގަކޮށްލެވޭ އަހަރެކެވެ. ސަބަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އާއި ނޫވިލު ސީޕްލޭން ޓާމިނަލް 2022 ވަނަ އަހަރު ހުޅުވިގެން ދިއުމެވެ. މައި ވައިގެ ބަނދަރުގައި ދެވަނައަށް ހުޅުވުނު އައު ރަންވޭއަކީ، ދިގުމިނުގައި 3400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ކޯޑް-އެފްގެ މިންގަނޑަށް ފެތޭ ގޮތަށް އަޅާފައިވާ ރަންވޭއެކެވެ. މިރަންވޭ ބޭނުން ކުރަން ފެށުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގަޑިއެއްގެ އިރުގެ ތެރޭގައި ޖައްސައި އަދި ފުރާ ފުލައިޓްތަކުގެ އަދަދު 8 އިން 20އަށް ވުރެ މަތިވިއެވެ. އަދި މަތިންދާ ބޯޓު ޖެއްސުމަށްފަހުގައި ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓް 2 މިނިޓަށް ކުރުވެ، ފްލައިޓް ޑިލޭވުމަށްވެސް އުންމީދުކުރި ފަދަ ހައްލެއް ލިބިގެންދިޔައެވެ. އައު ރަންވޭގެ އިތުރުން ހުޅުވުނު ނޫވިލު ސީޕްލޭން ޓާމިނަލަކީ، މުޅި ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ. މި ޓާމިނަލްއިން އެއް ވަގުތެއްގައި، 1000 މީހުންނަށް ޚިދުމަތް ދެވެއެވެ.
ފަހުގެ ތާރީޚުގައި ލިބުނު އަނެއް ކުރިއެރުމަކީ 15 ޖެނުއަރީ 2024ގައި އައު ކާގޯ ޓާމިނަލެއް މައި އެއާޕޯޓްގައި ހުޅުވުމެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޖެނުއަރީ 2018ގައި ބިންގާ އަޅައި އަމަލީ މަސައްކަތް ފެށި އާ ކާގޯ ޓާމިނަލް ހުޅުވައިދެއްވީ، އެ ތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި އަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގައި ހިމެނޭ ގިނަ މަސައްކަތްތަކެއް ކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަސައްކަތުގެ ދަށުން ޒަމާނީ ވަސީލަތްތަކާ އެކު ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުކޮށްފައިވެއެވެ. އެ ޓާމިނަލަކީ ކުރީގެ ޓާމިނަލަށް ވުރެ ތިން ގުނަ ބޮޑު ޓާމިނަލެެކެވެ. އަހަރަކު 120،000 ޓަނުގެ ކާގޯ ހޭންޑްލް ކުރެވެއެވެ. މީގެ އިތުރުން އައު ފަޔަރ ސްޓޭޝަނަކާއި ފިއުލް ފާމް އެންޑް ހައިޑްރޭޝަން ސިސްޓަމެއް ގާއިމުކޮށް ހުޅުވާފައި ވަނީ ވެސް 2024 ވަނަ އަހަރުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި، އާ ޕެސެންޖާ ޓާމިނަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. އަލަށް އަޅާ މި ޓާމިނަލް އަޅަނީ 78،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އެގޮތުން، އާ ޓާމިނަލްގެ މަސައްކަތް ނިމުމުން މިހާރުގެ ޓާމިނަލް ބޭނުންކުރަން ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުންތަކުގައި ހިދުމަތް ދޭން ޑޮމެސްޓިކް ޓާމިނަލްއެއްގެ ގޮތުގައެވެ. ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުން ހަރަދުކޮށްގެން ހަދާ، މި ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލު ކޮށްފައިވަނީ (5.3 ބިލިއަން ރުފިޔާ) އަށް، 2016 ވަނަ އަހަރުއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ހުރިހާ މަޝްރޫއެއް ހިންގާފައި ވަނީ އެއާޕޯޓު ހިންގުމުގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް ނާންނަ ގޮތަށް ރޭވިގެންނެވެ. މި މަޝްރޫއުތަކުގެ ސަބަބުން ބައެއް ހިދުމަތްތައް ވަނީ ދެ ގުނަ އާއި ތިން ގުނަ އަށް ފުޅާކުރެވިފަ އެވެ. މިކަންކަމުގެ ސަަބަބުން އެއާޕޯޓު ހިންގުމުގެ އޮޕަރޭޝަނަށް ބޮޑެތި ފަސޭހަތަކެއް ލިބި، ހިދުމަތްތައް އަވަސްވެގެންދެ އެވެ.
އެއާޕޯޓުގެ ތަރައްޤީއަށް ކުރުމަށް ރޭވިފައިވާ ކަންކަމާ ގުޅޭ ގޮތުން، އެމްއޭސީއެލްގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވެފައި ވަނީ ކުރިޔަށް އޮތް ތަނުގައި އެ އެއާޕޯޓަކީ މިސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެ ކަމަށެވެ. ލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގު މަސައްކަތަކީ، ދިވެހިރާއްޖޭގެ އިޤުތިޞާދު މުޅިން އެހެން ހަރުފަތަކަށް ގެންދިޔުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
2 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
2 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
2 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
2 އަހަރު ކުރިން