logo
ރެއާލް މެޑްރިޑާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން..

ރެއާލް މެޑްރިޑާއި އަލް ހިލާލް ވާދަކުރި މެޗުގެ ތެރެއިން..

ކުލަބު ވޯލްޑްކަޕް: އަލް ހިލާލުން ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

profile

ހަސަން ޝަމްއޫން - 19 ޖޫން 2025 - 03:11

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އެޗުގައި ރެއާލް މެޑްރިޑާއި އަލް ލިހާލް ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެއްޖެއެވެ.

https://wamco.com.mv/

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ އަލް ހިލާލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ އެވެ. މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލް ހިލާލުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ރުބެން ނެވޭސް އެވެ. މީގެ އިތުރުން ވެސް މިހާފުގައި ދެޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ހުސް ފުރުސަތުތަކެއް ލިބިފައެވެ.

ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ ރެއާލް މެޑްރިޑުންނެވެ. އެގޮތުން ފުރަތަމަ މިނެޓުގައި ވެސް އެޓީމުން ވަނީ ނުރައްކާތެރި ދެހަމަލާއެއް އަލް ހިލާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއްހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، ދެވަނަ ހަމަލާ ކީޕަރު ބޯނޯ ވަނީ ގޯލު ރޮނގުމަތިން ދިފާއުކޮށްފައެވެ.

މީގެ އިތުރުން ވެސް މިހާފުގައި ރެއާލް މެޑްރިޑުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މިހާފުގައި ލީޑުހޯދުމަށް އެޓީމަށް މެޗުގެ 88 ވަނަ މިނެޓުގައި ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ އަލް ހިލާލްގެ ކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

https://etukuri.mv/
https://www.aslu.com.mv