logo
މޫނިމާ ލޮޖު،

މޫނިމާ ލޮޖު،

އެޕިސޯޑް 5 — ދަންނަ މޫނެއް!

profile

އާމިނަތު ޝަޒްލާ - 22 ނޮވެމްބަރު 2026 - 03:55

ކޮންމެ ދުވަހަކުވެސް އިރުއަރާ ބީދައިން، ދިޔަމިގިއްޔަށް އިރުއަރައިފިއެވެ. ރަށުތެރެއިން އިވޭ އާންމު އަޑުތަކާއެކު ދުވަސް ފެށުނެވެ. ހަނި މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންގެ ދުރު އަޑުތަކާއި، މަދުމަދުން އިވޭ ސައިކަލުތަކުގެ އަޑުގެ އިތުރުން، ބޭރުގައި ހުރި ގަސްތަކުގެ ހިތްގައިމު ހޫރުންތަކުން އެއީ އާދައިގެ ހެނދުނެއްކަން އިހުސާސްކޮށްދެއެވެ.

https://wamco.com.mv/

މޫނިމާ ލޮޖްގައި ކުރި ރޭ ކުރިމަތިވި ކަންތައްތަކުގެ ތަޖުރިބާތަކަށްފަހު، އެހެން ދުވަސްދުވަހަށްވުރެ ބޮޑަށް އަހަންނަށް ދުވާލުގެ އަލިކަމަށް މަރުހަބާ ކިޔުނެވެ.

މަސައްކަތްތައް ނިންމާލުމަށްފަހު، އެދުވަހުގެ ފަހުގެ ވަގުތެއްގައި އަހަންނަށް މޫނިމާ ލޮޖަށް ދެވުނެވެ. އެތެރެއަށް ވަދެވުނު ވަގުތު، އަރާމުކޮށްލުމަށް ހިތް އެދެން ފެށިއެވެ. ރޭގަނޑު އިވުނު އާދަޔާ ހިލާފު އަޑުތަކުގެ ސަބަބުން ސިކުނޑިއަށް ލިބުނު ބުރަކަމާއި، ރަނގަޅަށް ނުނިދުމުގެ ވަރުބަލިކަން ހަށިގަނޑުން ފާޅުވާން ފެށިއެވެ.

ކޮޓަރިއަށް ވަދެ ތަކެތި ބެހެއްޓުމަށްފަހު، ފަސޭހަ ނިދާ ހެދުމަކަށް ބަދަލު ކޮއްލައިގެން އޮށޯވެލީމެވެ. މާގިނަ އިރެއް ނުވެ އަހަންނަށް ނިދިޖެހިއްޖެއެވެ.

ހޭލެވުނުއިރު އިރުއޮއްސެން ކައިރިވެ، ދުވާލުގެ އަލިކަން ފަނޑުވަމުންދެއެވެ. ތެދުވުމުގެ ކުރިން ފޯނު ބަލާލިއިރު، ގަސްތުކުރި ވަރަށްވުރެ ގިނައިރު ނިދިފައި އޮތްކަން އެނގުނެވެ.

ފެންވަރާ ތާޒާވެލައިގެން، އާދައިގެ ހެދުމެއްލައިގެން ބޭރަށް ހިނގާލަން ދާން ނިންމީމެވެ. މުޅި ދުވަހު މަސައްކަތުގައި އުޅުމަށްފަހު، ހަވީރުގެ ތާޒާ ވައިގެ ތެރޭގައި ވަގުތުކޮޅެއް ހޭދަކޮށްލުން މާ ބޮޑަށްވެސް ރަނގަޅުވާނެތީއެވެ.

ރަށުތެރެއިން ފެންނަމުންދިޔައީ ހަވީރުގެ ހަމަހިމޭން މަންޒަރުތަކެވެ. ބައެއް މީހުން ގެއަށް ދަނީއެވެ. މަގުމަތީގައި ކުދިން ކުޅެމުންދިޔައިރު، ދުރުން މަގުރިބް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ.

މަގުރިބް ނަމާދަށް މިސްކިތަށް ދިޔުމަށް އަހަންނަށް މިސްރާބު ޖެހުނެވެ.

ނަމާދު ނިމިގެން ބޭރަށް ނުކުތް ވަގުތު، މިސްކިތުގެ ދޮރުމަތީގައި މީހަކު ހުއްޓިލައިގެން ހުއްޓާ ފެނުނެވެ. ފުރަތަމަ އެއީ ކާކުކަމެއް ނޭނގުނެވެ. ނަމަވެސް، އޭނާ އަހަންނާ ދިމާލަށް އެނބުރިލި ވަގުތު، އޭނާގެ މޫނުމަތިން ފެނުނީ ވަރަށް ދަންނަ ފަރިތަ ހިނިތުންވުމެކެވެ.

"ޒަޔާން؟"

އޭނާއަކީ ކާކުކަން ދެނެގަތުމަށްޓަކައި ކުޑަވަގުތުކޮޅަކު ބަލަހައްޓައިގެން ހުރީމެވެ.

"ނަދީމް؟"

އޭނާ ހިނިތުންވުމާއެކު އަހަރެންގެ ކައިރިއަށް އައެވެ.

"ބަލާބަލަ! ދިޔަމިގިލިން ކަލޭ ފެނިދާނެ ކަމަކަށް ދުވަހަކުވެސް އުންމީދެއް ނުކުރަން." ނަދީމް ބުންޏެވެ.

އަހަރެމެން ދެމީހުން ވަރަށް ގާތްކަމާއެކު ސަލާމްކޮށް ހާލުއަހުވާލު އޮޅުންފިލުވީމެވެ. ނަދީމަކީ މާލޭގައި އުޅުނުއިރު އަހަރެންގެ ކޮލެޖުގެ ކްލާސް މޭޓެކެވެ. އަހަރެމެން ދިމާނުވާތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އޭނާ ފެނުމުން، އެތައް އަހަރެއްގެ ކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ.

"މިރަށަށް އައިތާ ކިހާ ދުވަހެއް ވެއްޖެ؟" އޭނާ އެހިއެވެ.

"މާ ގިނަ ދުވަހެއް ނުވޭ،" އަހަރެން ޖަވާބު ދިނީމެވެ. "މިކޮޅުގައި ދުވަސްކޮޅަކު މަޑުކޮށްލަން މިއައީ."

"ހަމަ ތެދެއްތަ؟ ކަލޭ އަންނަކަމެއް އަހަރެން ނަކަށް ނޭނގޭ." ނަދީމް ބުންޏެވެ.

"އަހަރެންވެސް އަންނަން ނިންމީ ހަމަ ކުއްލިއަކަށް،" ހިނިއައިސްފައި ހުރެ އަހަރެން ބުނީމެވެ.

ކޮލެޖުގެ ރަހުމަތްތެރިންނާއި، މާޒީގެ ހަނދާންތަކުގެ އިތުރުން ގުޅުން ކެނޑިފައިވާ އެކި މީހުންނާ ބެހޭގޮތުން ވާހަކަދައްކަން އަހަރެމެން ކުޑަވަގުތުކޮޅެއް ހޭދަކުރީމެވެ.

އެއަށްފަހު، ކޮފީއަކަށް ދިއުމަށް ނަދީމް ހުށަހެޅިއެވެ.

"ހިނގާ ކޮންމެވެސް ތަނެއްގައި އިށީނދެގެން ތިބެ ހަމަޖެހިލައިގެން ވާހަކަދައްކާލަން. ވަރަށް ގިނަ ދުވަސްވެއްޖެއެއްނު."

އަހަރެން އެކަމާ އެއްބަސްވީމެވެ.

ކައިރީގައި ހުރި ކެފޭއަކަށް ގޮސް އަހަރެމެންނަށް ފަސޭހައިން ތިބެވޭނެ މޭޒެއްގެ ދޮށުގައި އިށީނީމެވެ. ބޯ އެއްޗަކަށް އޯޑަރު ދިނުމަށްފަހު، އަހަރެމެންގެ ވާހަކަ ކުރިއަށް ދިޔައެވެ.

އަހަރެންގެ ވަޒީފާއާއި، މާލޭގެ ދިރިއުޅުމުގެ އިތުރުން މިރަށަށް އަންނަން ދިމާވި ސަބަބާ ބެހޭގޮތުން ނަދީމް ސުވާލުކުރިއެވެ. އަދި އަހަރެން އޭނާގެ ދިރިއުޅުމާ ބެހޭގޮތުންވެސް ސުވާލުކުރީމެވެ.

އޭނާގެ ކޮފީތަށި ގިރަން ހުރެފައި، ނަދީމް ކުރި ސުވާލަކުން އަހަރެމެންގެ ވާހަކައިގެ މިސްރާބު މުޅިން ހީނުކުރާ ފަދަ ގޮތަކަށް ބަދަލުވެގެން ދިޔައެވެ.

"އެހެންވީމާ، މިކޮޅުގައި ހުންނަނީ ކޮންތަނެއްގައި؟"

"މޫނިމާ ލޮޖްގައި،" އަޅާނުލާ ރާގަކަށް އަހަރެން ޖަވާބު ދިނީމެވެ.

އެ ނަން ބުނި ވަގުތުން ފެށިގެން، އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

އޭނާ ތަށިން ނަޒަރު ވަކިކޮށްލުމަށްފަހު، މަޑުމަޑުން އަހަންނާ ދިމާލަށް ބަލައިލިއެވެ.

"މޫނިމާ ލޮޖްގައޭ؟"

"އާނ. އެތަން ދަންނަންތަ؟"

އޭނާ ވަގުތުން ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި ސަމުސާ ބޭއްވުމަށްފަހު، ބަޔާންކުރަން ދަތި ކުލަވަރަކާއެކު އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނެވެ.

"ޒަޔާން، ތިބުނީ ތެދެއްތަ؟"

އަހަރެން ކުޑަކޮށް ނުރުހިފައި އަހައިލީމެވެ.

"ކީއްވީ؟"

"ހަމަ އަސްލަށްވެސް އެތަނުގައިތަ ތިހުންނަނީ؟"

އަހަރެން ބޯޖަހައިލީމެވެ.

"އާނ. ކިހިނެއްވީ؟"

ނަދީމް ގޮނޑީގައި ލެގިލިއެވެ.

"އެ ގޭގައި އުޅޭއިރު އާދަޔާ ހިލާފު އެއްވެސް ކަމެއް ތަޖުރިބާ ކުރެވުނުތަ؟"

އޭނާގެ އެ ސުވާލުން އަހަރެން ހައިރާންވިއެވެ.

އިރުކޮޅަކަށް އެއްޗެކޭ ނުބުނެ އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ.

"ތިހެން ތިއެހީ ކީއްވެ؟"

އޭނާ ވަށައިގެން ހޯދައިލުމަށްފަހު، އަލުން އަހަންނާ ދިމާލަށް ބަލައިލިއެވެ.

"ކަމެއް ނުވޭ. ހަމަ އޮޅުންފިލުވާލަން އަހައިލީ."

އޭނާގެ އެ ޖަވާބަކުން އަހަރެންގެ ހިތެއް ނުފުރުނެވެ.

ވޭތުވެދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، އޭނާގެ އެ ސުވާލަކީ އިއްތިފާގަކުން އެހި ސުވާލެއް ކަމަކަށް ގަބޫލެއް ނުކުރެވުނެވެ.

އަހަރެން ކޮފީ ފޮދެއް ބޯލުމަށްފަހު، އެވާހަކަ އޭނާއަށް ކިޔައިދޭން ނިންމީމެވެ.

"އަސްލު، ބައެއް ކަހަލަ އާދަޔާ ހިލާފު ކަންތައްތަކެއް ހިނގައިފި."

"ކޮން ކަހަލަ ކަންތައްތަކެއް؟" ނަދީމް އެހިއެވެ.

އަހަންނަށް ހަނދާން ހުރި ހުރިހާ ކަމެއް އޭނާއަށް ކިޔައިދޭން ފެށީމެވެ. މަތީ ފަންގިފިލާއިން އިވޭ އާދަޔާ ހިލާފު އަޑުތަކާއި، ތަޅުންގަނޑުމަތީގައި އެއްޗެއް ދަމާ އަޑާއި، ގޯތިތެރެއަށް ނުކުންނަ ދޮރު ކައިރިން ފެނުނު ފިޔަވަޅުތަކުގެ ވާހަކަ ކިޔައިދިނީމެވެ.

މީގެ އިތުރުން މަތީގައި ހުރި ކުޑަ ގުދަނާއި، އެތަނުން ދުވާ އާދަޔާ ހިލާފު މާވަހާއި، ބަގީޗާ ކައިރިން ފެނުނު ކަމަށް ހީވި ފަނޑު ސޫރައިގެ ވާހަކަވެސް ހިއްސާކުރީމެވެ.

ނަދީމް އެއްވެސް މެދުކެނޑުމެއް ނެތި އަހަރެންގެ ވާހަކަތައް އަޑުއަހަން އިނެވެ.

ދޭތެރެއަކުން އޭނާގެ ކޮފީ ތަށްޓަށް ބަލައިލާ ނުވަތަ ގޮނޑީގައި ހަމަޖެހިލައެވެ. ނަމަވެސް، އަހަރެން ދެއްކި ވާހަކައަކަށް އޭނާ މަލާމާތެއް ނުކުރެއެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ކަމަށް ބުނެ ދޫކޮށްލައެއްވެސް ނުލައެވެ.

ވާހަކަ ނިމުމުން، ކުޑަވަގުތުކޮޅަކަށް އޭނާ ހިމޭނުން އިނެވެ.

"ތިޔައީ ވަރަށް ގިނަ ކަންތައްތަކެއް،" އެންމެ ފަހުން އޭނާ ބުންޏެވެ.

"އެއީ ތެދެއް."

"ކީއްވެ ތިތަން ދޫކޮށްލާފައި ނުދަނީ؟"

އަހަރެން އޭނާއަށް ބަލައިލީމެވެ.

"ތި ބުނީ ކީކޭ؟"

"ތިހާ ގިނަ ކަންތައްތަކެއް ކުރިމަތިވާއިރު، އަދިވެސް އެތަނުގައި ތި ހުންނަނީ ކީއްވެ؟ އަހަރެންގެ ގޭގައި ހުރެވިދާނެ، އަހަރެންގެ ގޭގައި ޒަޔާންއަށް ޖާގަ އެބައޮތް."

އޭނާ އެވީ އެހީތެރިކަމަށް އަހަރެން ޝުކުރުވެރިވީ ނަމަވެސް، އެކަން ގަބޫލުކުރާކަށް އަދި ތައްޔާރެއް ނޫނެވެ.

"އަހަންނަކަށް ނޭނގެ ނަދީމް."

"ނޭނގެއޭ ތިބުނީ ކީއްވެ؟"

އަހަރެން މޭޒާ ދިމާއަށް ބަލަހައްޓައިގެން އިނދެ ވިސްނާލީމެވެ.

"އެ ގޭގެ ކަންތައްތައް ހުރި ގޮތުން ހިތްހަމައެއް ނުޖެހޭ. އެކަން އަހަންނަށް އެނގޭ. އެކަމަކު އެތަނުގައި ހިނގަނީ ކޮން ކަމެއްކަން އޮޅުންފިލުވަން އަހަރެން ބޭނުން."

"ޒަޔާން، އެއްވެސް މީހަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ނުޖެހޭނެ."

"އަހަރެން އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ނޫޅެން."

"ދެން އެހާ ބޮޑަށް އެތަނުގައި މަޑުކުރަން ތި ބޭނުންވަނީ ކީއްވެ؟" ޒަޔާން ބުންޏެވެ.

އަހަރެން މަޑުޖެހިލީމެވެ. އޭނާއަށް ވިސްނައިދެވޭނެ ފަދަ ޖަވާބެއް އަހަރެންގެ އަތަކު ނެތެވެ.

"އަހަރެން ބޭނުމީ ހަގީގަތް އެނގެން،" އެންމެ ފަހުން ބުނީމެވެ.

"އެގޭގައި ހިނގާ ކޮންމެ ކަމެއްގެ ފަހަތުގައި ސަބަބެއް އޮންނާނެކަން ޔަގީން. އެއީ ކޮން ސަބަބެއްކަން ނުހޯދައި އެތަން ދޫކޮށްލާކަށް އަހަރެން ބޭނުމެއް ނޫން."

ނަދީމް އަހަރެންގެ މޫނަށް ފުންކޮށް ބަލައިލިއެވެ.

ދެމީހުން ކުރެ އެކަކުވެސް އިރުކޮޅަކަށް ވާހަކައެއް ނުދައްކައެވެ.

"ކޮންމެއަކަސް، ވަރަށް ބަލައިގެން އުޅޭތި،" މަޑުމައިތިރިކަމާއެކު އޭނާ ބުންޏެވެ. "އަދި އެއްވެސް ވަރަކަށް ބިރުގަންނަ ނަމަ ނުވަތަ އުނދަގޫވާނަމަ އަހަރެންގެ ގެއަށް އާދޭ. އަހަންނަށް ގުޅަން ފަސްނުޖެހޭތި." ނަދީމް ބުންޏެވެ.

އަހަރެން ހިނިތުންވެލީމެވެ.

"އަހަރެން ގުޅާނަން. ޝުކުރިއްޔާ."

އަހަރެމެން އިތުރު ވާހަކަތަކެއް ދެއްކުމަށް މަޑުކުރީމެވެ. އެގޮތުން 'މޫނިމާ ލޮޖް' ގެ މައުޟޫއާ ދުރަށް ޖެހިލައި، އަހަރެމެންގެ ކޮލެޖުގެ ހަނދާންތައް އާކުރީމެވެ. އެ ދުވަސްވަރުގެ އެކުވެރިންގެ ވާހަކަދައްކައި ހީނސަމާސާކޮށް، އޭގެ ފަހުން އަހަރެމެންގެ ދިރިއުޅުމަށް އައިސްފައިވާ ބޮޑެތި ބަދަލުތަކާ ބެހޭގޮތުން ވާހަކަދެއްކީމެވެ.

އަހަރެންގެ ހަޔާތުގެ މުޅިން ތަފާތު ދުވަސްވަރެއްގައި އަހަރެން ދެނެގަނެފައިވާ މީހަކާއެކު މިފަދަ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނު ކަމެކެވެ.

އެހެންނަމަވެސް، އަހަރެމެންގެ ވާހަކަ ކުރިއަށް ދިޔައިރުވެސް، އެ މޫނިމާ ލޮޖުގެ ވާހަކަ އަހަރެން ބުނުމުން އޭނާގެ މޫނުމަތިން ފެނުނު އަސަރުތަކާ މެދު އަހަރެންނަށް ނުވިސްނާ ހުރެވޭ ގޮތެއް ނުވިއެވެ.

އޭނާ އަހަންނަށް ސިއްރުކުރާ ކަމެއް އުޅޭކަން ޔަގީނެވެ. އަދި އޭނާ ހިއްސާކުރަން ބޭނުންވާ ވަރަށްވުރެ ގިނަ މައުލޫމާތު އޭނާއަށް އެނގޭހެން އަހަންނަށް ހީވިއެވެ.

އަހަރެމެން ކެފޭއިން ނުކުތްއިރު، މުޅި ރަށް އޮތީ ވަރަށް ބޮޑަށް ހިމޭންވެފައެވެ. އަހަރެމެން ވަކިވިއިރު، ކަމަކަށް ބޭނުންވެއްޖެނަމަ ގުޅުމަށް ނަދީމް އަނެއްކާވެސް ހަނދާންކޮށްދިނެވެ.

އަހަރެން އެކަން ކުރާނެ ކަމަށް ބުނެ ވައުދުވީމެވެ.

އެނބުރި މޫނިމާ ލޮޖަށް ދިއުމުގެ ކުރިން އަހަރެން އިރުކޮޅަކު ހިނގާލަން މަޑުކޮށްލީމެވެ. އެ ރޭގެ ހިތްގައިމުކަން އާދަޔާ ހިލާފެވެ. ފުރިހަމަވަމުން އަންނަ ހަނދުގެ އަލިން ރަށުގެ ހަނި މަގުތައް އޮތީ އަލިވެފައެވެ. ގަސްތަކުގެ ހިޔަނިތައް މަގުމައްޗަށާއި ގޭގޭގެ ފާރުތަކަށް އެޅިފައިވާ ކޮކާ ހަނދުވަރު ފެންނަނީ ވަރަށް ފުރިހަމަ މަންޒަރެކެވެ.

ހަނދުވަރުގެ އަލީގައި ހިނގާލުމަކީ އަހަރެން އަބަދުވެސް ވަރަށް ގަޔާވާ ކަމެކެވެ. ހާއްސަކޮށް މާލޭގެ ބާރުބޮޑު މަގުތަކާ އަޅާބަލާއިރު، މިފަދަ ރަށްރަށުގެ ހިމޭން ރޭތަކުން ނަފްސަށް ވަރަށް ބޮޑު އަމާންކަމެއް ގެނެސްދެއެވެ.

އަހަރެން ފޯނު ބަލާލީމެވެ.

އޭރު ދަމުން ބައިވެ ބޮޑުވެއްޖެއެވެ.

ލަސްލަހުން ހިނގަމުން އަހަރެން މޫނިމާ ލޮޖާ ދިމާއަށް މިސްރާބު ޖެހީމެވެ. ފަރިތަ ގެތައް ފަހަތަށް ދޫކުރަމުން ދިޔަވަރަކަށް، މޫނިމާ ލޮޖާ ދިމާއަށް އޮތް މަގު އިތުރަށް ހިމޭންވަމުން ދިޔައެވެ.

އެ ގޯއްޗާ ހަމައަށް ފޯރުނުއިރު، ހަނދުވަރުގެ އަލީގައި މުޅި ބަގީޗާ އޮތީ އުޖާލާވެފައެވެ. މަޑު ވައިރޯޅިއާއެކު ގަސްތައް ގުޑަމުންދިޔައިރު، އެ ގަސްތަކުގެ ދިގު ހިޔަނިތައް ބިމުގެ އެކި ދިމަދިމާއަށް ފެތުރިފައި ހުއްޓެވެ.

އަހަރެން ދޮރު ހުޅުވާލުމަށްފަހު ގޯތިތެރެއަށް ވަނީމެވެ.

އެވަގުތު އަހަންނަށް ހުއްޓެވުނެވެ.

ބަގީޗާ ތެރޭގައި މީހަކު ހުއްޓެވެ.

އެއީ ޒުވާން އަންހެން ކުއްޖެކެވެ.

އޭނާ ހުރީ ހިނގާ މަގާ ކުޑަ ތަންކޮޅެއް ދުރުގައި، ގަސްތަކާ ކައިރީގައެވެ. އޭނާ ހުރީ އަހަންނަށް ފުރަގަސްދީގެން ކަމުން، އޭނާގެ ދިގު އިސްތަށިގަނޑު އޮތީ ބުރަކަށިމައްޗަށް އޮހިފައެވެ. ހުދު ހެދުމެއްލައިގެން ހުރި ވަރަށް ދޮން ރީތި ކުއްޖެއްކަން އިނގެއެވެ.

ނަމަވެސް އޭނާގެ މޫނެއް އަހަންނަކަށް ނުފެނެއެވެ.

އެއީ އަވަށްޓެރި ގެއަކުން އެތަނަށް ވަދެ އުޅޭ ކުއްޖެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނަމަވެސް އެ ހިޔާލު ވަގުތުން ބަދަލުވިއެވެ.

މިހާ ދަންވަރު ވަގުތެއްގައި އެ ޒުވާން އަންހެން ކުއްޖާ އެ ބަގީޗާ ތެރޭގައި ކުރަނީ ކީއްބާވައެވެ؟

އަހަރެން އެތެރެއަށް ވަންނަ ދޮރު ކައިރީގައި މަޑުކޮށްލައިގެން އޭނާއަށް ބަލަން ހުރީމެވެ.

އޭނާ ހުރީ އެއްވެސް ހަރަކާތެއް ނެތި ހުއްޓިފައެވެ.

ބަގީޗާގެ ވަށައިގެންވާ އަނދިރިކަމުގެ ތެރެއިން، އޭނާ ލައިގެން ހުރި ހުދު ކުލައިގެ ހެދުން، އޭނާގެ ހަށިގަނޑަށް އެޅިފައިވާ ހަނދުވަރުގެ އަލީގެ ސަބަބުން ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ.

ކުރިން ގޭޓު ތަޅުނުލާ ބެހެއްޓުނީ ބާވައޭ ހިތަށް އަރަމުން، އަހަރެން އަލުން ގޭޓާ ދިމާލަށް ބަލައިލީމެވެ. އެއަށްފަހު، އަނެއްކާވެސް އަހަރެންގެ ސަމާލުކަން އޭނާއަށް ހުއްޓާލީމެވެ.

"މާފުކުރައްވާ؟"

އަހަރެންގެ އަޑާއެކު އެތަނަށް ވެރިވެފައިވާ ހިމޭންކަން މެދުކެނޑިގެން ދިޔައެވެ. ނަމަވެސް އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަހަރެން ވަރަށް ސަމާލުވެ ހުރެ ކުރިއަށް ފިޔަވަޅެއް އެޅީމެވެ.

"ކާކު؟"

އެއްވެސް ޚަބަރެއް ނެތެވެ. އެ އަންހެން މީހާ ހުރީ އަހަރެންނަށް ފުރަގަސްދީގެން ކަމެއް ބަދަލެއް ނުވެއެވެ.

އަހަރެންގެ ހިތުގައި ބަޔާންކުރަން ނޭނގޭ ފަދަ ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. އޭނާގެ ގާތަށް ގޮސް އެތަނުގައި ކުރަނީ ކީއްތޯ އަހަން ބޭނުންވި ނަމަވެސް، އޭނާގެ އެ ހިމޭންކަމުގެ ސަބަބުން އަހަރެން ފަސްޖެހުނެވެ. އަހަރެން ގެއާ ދިމާލަށް ބަލައިލުމަށްފަހު، އަލުން ބަގީޗާއަށް ނަޒަރު ހުއްޓާލީމެވެ. އޭނާ އަދިވެސް އެތަނުގައި ހުއްޓެވެ.

އަހަރެން ކަރުތެރެ ހިއްކައިގަތުމުން ކުޅުދިރުވާލީމެވެ.

"މީހަކު ހޯދަނީތަ؟"

ފުރަތަމަ ފަހަރަށް އަހަރެންނަށް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވުނެވެ. ވަށައިގެންވާ ގަސްގަހާގެހީގެ ކުރިތައް މަޑު ވައިރޯޅިއާއެކު ހެއްލެމުން ދިޔައިރުވެސް، އޭނާގެ އިސްތަށިގަނޑަށް ނުވަތަ ހެދުމަށް އެއްވެސް ހަރަކާތެއް ނާދެއެވެ.

އަހަރެން ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ. ކުއްލިއަކަށް ނަދީމާއެކު ހޭދަވި އެ ހަވީރުގެ ހަނދާންތައް އާލާވިއެވެ.

"އެ ގޭ ތެރެއިން އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވުނު ހެއްޔެވެ؟" އޭނާގެ އެ ސުވާލު އަހަރެންގެ ސިކުނޑީގައި ގުގުމަން ފެށިއެވެ.

ހަނދުވަރުގެ އަލީގައި އޭނާގެ ސިފަ ވަކިކުރެވޭތޯ އަހަރެން އަނެއްކާވެސް ބަލައިލީމެވެ. އެއީ ކާކު ހެއްޔެވެ؟ އަދި އެއަށްވުރެ މުހިންމު ކަމަކީ، އޭނާ އެ ބަގީޗާގެ ތެރެއަށް ވަނީ ކިހިނެއް ހެއްޔެވެ؟

އަހަރެން އަދިވެސް އެއް ފިޔަވަޅު ކުރިއަށް އެޅީމެވެ.

"ތީ ކާކު؟"

އޭނާ އަދިވެސް ހުރީ ހިމޭނުންނެވެ. އެއަށްވުރެ ކައިރިއަށް ދާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އިރުކޮޅަކަށް އަހަރެން އެތަނުގައި ހުރެ، ހަނދުވަރުގެ އަލީގައި ފެންނަން ހުރި އެ ސިހުމުން ފުރިގެންވާ ސޫރައަށް ބަލަހައްޓައިގެން ހުރީމެވެ.

ދެން، އޭނާއަށް ހުއްޓާލާފައިވާ ނަޒަރު ވަކިނުކޮށް، އަހަރެން މަޑުމަޑުން ފޯނަށް އަތްލީމެވެ. އަހަރެން ބޭނުންވީ އޭނާގެ މޫނު ބަލާށެވެ. އެ ވަގުތު ބަގީޗާގައި އެ ހުރީ ކާކުކަން އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

ނަމަވެސް، ފޯނުގެ ފްލޭޝްލައިޓް ދިއްލުމުގެ ކުރިން، އަހަރެންގެ ހިތަށް ބިރުވެރި ޚިޔާލެއް ވަނެވެ. އެއީ އެއްގޮތަކަށްވެސް އެތަނުގައި ހުރެގެންވާނެ މީހަކަށް ނުވާނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

https://wamco.com.mv/
tel:+9607331319