
އެމެރިކާއަށް ދެއްކޭނީ ބިރު! އީރާނު ފަހަތަކަށް ނުޖެހޭނަން މީ އިންޒާރެއް!

ރިޟްވާން މޫސާ - 01 ފެބްރުއަރީ 2026 - 18:50
އެމެރިކާއަށް ދެއްކޭނީ ބިރު ކަމަށާއި، އީރާނު ފަހަތަކަށް ނުޖެހޭ ނެކަމަށާއި، މިއީ އީރާނުންދޭ އިންޒާރު ކަމަށް އީރާންގެ ރޫޙާނީ ވެރިޔާ ޢާޔަތުﷲ އަލް ޚާމަނާއީ ދެއްވައިފިއެވެ.
އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޚާމަނާއީ ވިދާޅުވީ އީރާނު ވަށައިގެން ކިތަންމެ ވަރަކަށް އެމެރިކާގެ ހަތިޔާރު އެޅި ލަޝްކަރު ހަރަކާތްތެރިވި ކަމުގައިވިނަމަވެސް އީރާނުން އެންމެ އިންޗި އެއްވެސް ފަހަތައް ޖެހުމުގެ ވިސްނުމެއްވެސް ނެތް ކަމަށެވެ. ޚާމަނާއީ ވަނީ އެމެރިކާއިން އަސްކަރީ އުޅަނދުތައް އީރާނުގެ ސަރަހައްދާއި ކައިރިއަށް އެމެރިކާއިން ފޮނުވާފައި ވާތީ އެއީ ބިރު ދައްކަން އެމެރިކާ އިން ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.
އީރާނުގެ ރޫހީ ލީޑަރާއި، އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އާ ދެމެދު ބަހުގެ ހޫނު ރައްދު ތަކެއް ފާއިތުވީ ހަފްތާއެއްހައި ދުވަހު ކުރިއަށްދާއިރު އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ޚިލާފުތަކަށް ޙައްލެއް ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
އެމެރިކާއިން ބޭނުން ވަނީ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ޚިޔާލު އީރާނުން ދޫކޮށްލައި، އެމެރިކާއާ އެކު އެއްބަސްވުމެއްއެކުލަވައިލާށެވެ. އެމެރިކާއިން ބުނަމުން ގެންދަނީ ނިއުކުލިއަރ ހަތިޔާރުން އީރާނުން ނުގެންގުޅުމަކީ އީރާނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމުގައި ކަމަށެވެ.
އީރާނަށް ޙަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ޤައުމުގެ އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އަދި، އެ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި މުޒާހަރާގެ ބައިވެރިންނަށް ޙަމަލާދީ، އޭގެ ތެރެއިން ބަޔަކު މަރަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ، މުޒާހަރާގެ ބައިވެރިން މެރުން ހުއްޓައިނުލައިފި ނަމަ، އީރާންގެ ދާޚިލީ މައްސަލައިގެ ތެރެއަށް އެމެރިކާއިން ތަދައްޚުލުވާނެ ކަމުގައެވެ. އީރާނަށް ޓްރަމްޕް އިންޒާރު ދެއްވި ފަހުން އީރާންގެ މަސްރަޙު ވަނީ ފިނިވެފައެވެ. އަދި، މުޒާހަރާތައް ވަނީ މަޑުޖެހިފައެވެ.
އީރާނުގައި ހިނގަމުންދާ މުޒާހަރާ އަކީ އެމެރިކާ އިސްވެ އޮވެ އީރާނާއި ދެކޮޅަށް ހިންގާ ބޮޑު ބަޢާވާތެއް ކަމަށްވެސް ބައިނަލް އަގުވާމީ ޙަބަރުތައް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކެއެވެ.






