
ރައީސް ނަޝީދު މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ—
ރައީސް ޞާލިޙު އަމިއްލަފުޅަށް 70،000 ވޯޓް ގެއްލުވާލައްވައިފި: ރައީސް ނަޝީދު

އަލީ ޝާމިލް ހަސަން - 01 ޖެނުއަރީ 2023 - 14:04
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު އެ މަނިކުފާނު އަމިއްލަފުޅަށް ހަތްދިހަ ހާސް ވޯޓް ގެއްލުވާލައްވައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމްޑީޕީ ހަރުގޭގައި ބޭއްވި އެ މަނިކުފާނުގެ ޕްރައިމަރީ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުގެ ބޭފުޅުންގެ ވިސްނުމަކަށްވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމާ އެކު އެމްޑީޕީގެ ބެރޭންޑިންގ ބޭނުންކޮށް، އެހެން ނަމަވެސް އެތެރެ ހޮއި ކުރުން ކަމަށެވެ. އެހެން ބައެއް އެތެރޭގައި ތިބެ، އެހެން ބައެއް ޕާޓީ ހިންގާ ގޮތަށް ބަދަލު ކުރުން ކަމަށެވެ.
" ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެ ބޭފުޅުންގެ ރައީސް ޞާލިޙުގެ ޖަގަހައިގައި އެ ބޭފުޅުން ވާހަކަ ދައްކަވާ އިރުގާ، ކުރިމަތީގައި ކުރީ ސަފުގައި އަތުރާލެވިފައި އެ ވަނީ ޑީއާރްޕީ. " ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެ ބޭފުޅުން އެމްޑީޕީ ބަދަލު ކުރަން އުޅުނު އުޅުމަށް ނިމުމެއް ގެނައުމަކީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ނުހަނު އެދޭ ކަމެއް ކަމުގައެވެ. ހަމަ އެ ނޭވާގައި އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެހެން ނަމަވެސް ޕާޓީއަށް އެހެން ޕާޓީތަކުގެ ބޭފުޅުން ވަޑައިގަތުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ އަދި އެ ކަމަށް މަރުޙަބާ ވެސް ކިޔަން ޖެހޭނެ ކަމެއް ކަމަށެވެ.
" އެހެން ނަމަވެސް، އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތިރީސް ނުވަ ހާސް މީހުން އެއް ކައިރިކޮށް، ދެން އިއްތިހާދުންނާއި އަދި އެހެނިހެން ގޮތްގޮތުން ވިޔުގައެއް އުފައްދާ، އެހެން ގޮތްގޮތުން ތާއީދު ހޯދުމުގެ މަސައްކަތް ކުރުމަށްޓަކާ، މަސައްކަތް ކުރުން އެއީ އަޅުގަނޑު ދެކޭ ގޮތުގައި އެއީ މި ޕާޓީ ނިކަމެތިވާ އެންމެ ބޮޑު އެއް ސަބަބު. މި ކމަށް އިރާދަ ކުރެއްވިޔާ ހުއްޓުމެއް ގެނެވޭނެ " ރައީސް ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ތިމަން މަނިކުފާނު ތިލަދުންމައްޗަށް ކުރި ދަތުރުގައި އެ ސަރަހައްދުގެ އަށްޑިހަ އިންސައްތައާއި ގާތް ކުރާ އަދަދަކަށް އެމްޑީޕީގެ މެންބަރުންގެ ތާޢީދު އެ މަނިކުފާނަށް އެބަ އޮތް ކަމަށެވެ.
އެމްޑީޕީގެ މި ފަހަރުގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރުމުގައި އަދި މިވީހާ ތަނަށް ރައީސް ޞާލިޙު ބައިވެރިވެ ވަޑައިގަތް ތަނެއް ނުފެނެއެވެ. އެހެން ނަމަވެސް ކެމްޕޭންގައި ރައީސް ނަޝީދުގެ އިސްކޮށް އުޅުއްވައެވެ. މި ކަމާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ތިމަންމަނިކުފާނަށް ވީ ވަރަކުން ތަންތަނަށް ގޮސް، މީހުންނާއި ބައްދަލުކޮށް، ކަންކަން އޮޅުންފިލުވައިދުނުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
" ދެން ކުރިމަތިލައިގެން އުޅެނީ އަޅުގަނޑު. އެހެންވީމާ ޙަސަން ލަތީފް ގޭގެޔަށް ވަޑައިގެންނެވި ނަމަވެސް މިކަން ހަމައެއް ނުޖެހޭނެ. ލައިގެން އުޅެނީ އަޅުގަނޑު...... ވޯޓް ދެއްވާންވީ ވެސް އަޅުގަނޑަށް، ހަސަން ލަތީފަކަށް ނޫން " މަޖާޒީ ރާގެއްގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕޭނެއްގައި ވާދަ ކުރާ ކެންޑިޑޭޓުގެ ޣައިރު ހާޒިރުގައި ކެމްޕޭން ކުރުން އެ ޕާޓީގެ މެންބަރުންނަށް ވަރަށް ބޮޑަށް އަޅައިގަންނަ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ އެ ޕާޓީގެ އެންމެ ވަރުގަދަ ދެ ޝަޚްސު ކަމަށް ގިނަ ބަޔަކު ދެކޭ ދެ ބޭފުޅުންނެވެ. އެއީ ރައީސް ނަޝީދާއި ރައީސް ޞާލިޙެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އޮންނަނީ ޖެނުއަރީ 28ގައެވެ. ޕާޓީގައި ދެ ފެކްޝަނެއް އުފެދިފައިވާ އިރު، ދެ ފެކްޝަނުން ވެސް ގެންދަނީ ވަރުގަދައަށް ކެމްޕޭން ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން