logo

ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 17 ސެޕްޓެމްބަރު 2026 - 10:51

ކޮސޯވޯއިން ސާބިއާގެ ކިބައިން މިނިވަންވުމަށް ކުރި ހަނގުރާމައިގެ ތެރޭގައި ހިންގި ޖަރީމާތަކުގެ ތެރެއިން ހަނގުރާމައިގެ ހަތަރު ކުށެއް ސާބިތުވެ، ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

https://wamco.com.mv/

އުމުރުން 58 އަހަރުގެ ތާޗީގެ މައްޗަށް ސާބިތުވެފައިވަނީ، 1990 ގެ އަހަރުތަކުގެ ފަހުކޮޅު ސާބިއާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ކޮސޯވޯ ލިބަރޭޝަން އާމީ (ކޭއެލްއޭ) ގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުރެ، މީހުން މެރުމާއި، ލާއިންސާނީ އަނިޔާކުރުމުގެ އިތުރުން ޣައިރު ޤާނޫނީ ގޮތެއްގައި މީހުން ހައްޔަރުކޮށް ބަންދުކުރި ކަމުގެ ކުށެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ ކޮސޯވޯ ސްޕެޝަލިސްޓް ޗެމްބާޒް އިން މި ހުކުމް އިއްވަވަމުން ބަޔާންކޮށްފައިވަނީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވި މީހުންނާއި ސާބިއާގެ ސަލާމަތީ ބާރުތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވުނު 96 މީހަކު ކޭއެލްއޭ އިން މަރާލާފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ ކަމަށެވެ.

މި ހުރިހާ ތުހުމަތުތަކަކަށް ތާޗީ އިންކާރުކުރައްވާފައިވާއިރު، ކޯޓުގައި ހުކުމް އިއްވި ވަގުތު އޭނާ ހުންނެވީ ރަސްމީ ސޫޓެއްގައި، އެއްވެސް ވާހަކައެއް ނުދައްކަވައި ވަރަށް މަޑުމައިތިރިކަމާ އެކުގައެވެ.

މީގެ އިތުރުން، ކޭއެލްއޭގެ އިތުރު ތިން ކޮމާންޑަރެއްގެ މައްޗަށް ވެސް ވަނީ ހުކުމް އިއްވާފައެވެ. އެގޮތުން ޔާކޫބް ކްރާސްނިގީ 25 އަހަރަށް، ކަދްރީ ވެސެލީ 18 އަހަރަށް، އަދި ރެޖެޕް ސެލީމީ 13 އަހަރަށް ޖަލަށް ލުމަށް ވަނީ ކަނޑައަޅާފައެވެ. ވެސެލީ އާއި ސެލީމީގެ ޖަލު ހުކުމް ތަންފީޒުކުރުމުގައި ބަންދުގައި މިހާތަނަށް ހޭދަކުރި މުއްދަތު އުނިކުރެވޭނެއެވެ. އަދި މި ހަތަރު ބޭފުޅުންނަށް ވެސް މި ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ކަމަށް ކޯޓުން ވަނީ ބަޔާންކޮށްފައެވެ.

ހާޝިމްގެ މައްޗަށް ކޯޓުން ހުކުމް އިއްވަމުން ދިޔަ ވަގުތު، ކޮސޯވޯގެ ވެރިރަށް ޕްރިސްޓީނާގައި ބަހައްޓާފައި ހުރި ބޮޑު ސްކްރީނަކުން އެތައް ހާސް ބަޔަކު އެ މަންޒަރު ވަގުތުން ބަލަމުން ދިޔައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ކޭއެލްއޭ އާއި ތާޗީއަށް ތާއީދުކޮށް އަޑުއުފުލި ކަމަށް ހަބަރުތައް ބުނެއެވެ.

1990 ގެ އަހަރުތަކުގެ މެދުތެރޭގައި އުފެދުނު ކޭއެލްއޭ އިން 1997 އަދި 1998 ވަނަ އަހަރު ހަތިޔާރުއެޅި ހަނގުރާމަ ވަރުގަދަކުރުމާ ގުޅިގެން، ސާބިއާ ސިފައިން ވަނީ އަސްކަރީ ބޮޑެތި އޮޕަރޭޝަންތަކެއް ހިންގާފައެވެ.

މި ކުރިމަތިލުންތައް 1999 ގައި ފުރިހަމަ ހަނގުރާމައަކަށް ބަދަލުވެ، ގާތްގަނޑަކަށް 13،000 މީހުން މަރުވެ، އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ހިޖުރަކުރަން ޖެހިފައެވެ. ހަނގުރާމައަށް ފަހު ތާޗީ ވަނީ ކޮސޯވޯގެ ބޮޑުވަޒީރުކަމާއި ޚާރިޖީ ވަޒީރުކަން އަދާކުރައްވާފައެވެ. އަދި 2016 އިން 2020 އަށް އޭނާ ވަނީ އެ ގައުމުގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ތާޗީ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓްރައިބިއުނަލުން އޭނާގެ މައްޗަށް ދައުވާ އުފުލުމާ ގުޅިގެންނެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި، އެ ހަތަރު ކޮމާންޑަރުން ވަނީ ދަ ހޭގްއަށް ގެންގޮސްފައެވެ.

މި ހުކުމުގެ ސަބަބުން ކޮސޯވޯގެ ސިޔާސީ ހަމަޖެހުމަށާއި، ޔޫރަޕިއަން ޔޫނިއަނާއެކު ގާތް ގުޅުމެއް ބޭއްވުމަށް އެ ގައުމުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
tel:+9607331319