logo

އެމްޑީޕީގެ ނައިބު ރައީސް ކަމުން ހިސާން އިސްތިއުފާ ދެއްވައިފި

profile

މުޙައްމަދު ފަޟްލޫން - 27 އޯގަސްޓު 2026 - 08:07

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

https://wamco.com.mv/

މަގާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކުރައްވަމުން ހިސާން ވިދާޅުވީ، އޭނާ އެ މަގާމަށް އައްޔަންކުރެވުނީ އެއިރުގެ ޕާޓީގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ކަމަށްވާތީ، އެ މަގާމުގެ މެންޑޭޓަކީ ޕާޓީގެ ރައީސްގެ ދައުރާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން، ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އައު މެންޑޭޓެއް ނެތި އެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާއި އަސާސްތަކާ ހިލާފު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮންނަ ގޮތުން ނައިބު ރައީސަކީ ޕާޓީގެ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެކެވެ. ނަމަވެސް، ހިސާން އެ މަގާމަށް އައްޔަންކުރެވިފައިވަނީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަކަށެވެ.

އިސްތިއުފާ ދެއްވަމުން ހިސާން އިތުރަށް ވިދާޅުވީ، ޕާޓީގެ ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، އާންމު މެންބަރެއްގެ ހައިސިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ޕާޓީގެ ލީޑަޝިޕަށާއި އެންމެހައި މެންބަރުންނަށް އަރުވާ ކަމަށެވެ.

މީގެއިތުރުން، އެ މަގާމުގައި ހިދުމަތްކުރެއްވި މުއްދަތުގައި ޕާޓީގެ އެކި ފަރާތްތަކުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ހިސާން ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

https://wamco.com.mv/
tel:+9607331319