
މިފްކޯގެ ދަށަށް އެގްރޯނެޓް ބަދަލުކުރަނީ

އާމިނަތު ޝަޒްލާ - 07 ސެޕްޓެމްބަރު 2026 - 15:41
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެގްރޯނެޓް ކުންފުނި ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި މި ދެ ކުންފުނި މިގޮތަށް ގުޅިގެން މަސައްކަތް ކުރުމުން އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ހާސިލްވެ، އެއް ކުންފުނިން އަނެއް ކުންފުންޏާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ބަދަލާއެކު ރާއްޖޭގައި އެގްރޯނެޓްގެ ވިޔަފާރި ފުޅާކުރުމަށާއި، ސަރުކާރުގެ ކާނާގެ ރައްކާތެރިކަން (ފުޑް ސެކިއުރިޓީ) ކަށަވަރުކުރުމަށް ކުރަންހުރި މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން ގުޅިގެން ކުރިއަށް ގެންދިއުމަށް ރޭވޭ ކަންކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މާލޭގައި ސަރުކާރުން އެޅުމަށް ތައްޔާރުވަމުންދާ ޒަމާނީ މާރުކެޓުގެ މަސައްކަތް ނިމުމުން، އެތަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ ވެސް ހަވާލުކުރާނީ މިފްކޯއާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މާރުކެޓަކީ މަސްވެރިންނާއި ދަނޑުވެރިންގެ އިތުރުން އެކި ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ތަނެކެވެ.
މިފަދަ ނިންމުމެއް ނިންމެވި މައިގަނޑު ސަބަބަކީ، ދެމެހެއްޓެނެވި ގޮތެއްގައި އެ މާރުކެޓު ހިންގައި، އާންމު ވިޔަފާރިތަކަށާއި ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތް ހަމަޖެއްސުމާއި، ސަރުކާރުން އިތުރު ޚަރަދެއް ކުރަން ނުޖެހި ރަނގަޅު އިންތިޒާމެއްގެ ދަށުން އެތަން ބެލެހެއްޓުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، މާލޭގައި އަޅާ މިކްސް މާކެޓް އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ދިމާވެފައިވާ ދަތިތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހިމަބިހި ޖެހުނު މީހުންގެ އަދަދު 264 އަށް އަރައިފި
11 މިނިޓު ކުރިން

މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްފި
13 މިނިޓު ކުރިން

ފްލެޓްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީ އިން ފަށައިފި
13 މިނިޓު ކުރިން

ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވަނީ ފައްޔާޒް އަށް: ރައީސް ނަޝީދު
15 މިނިޓު ކުރިން


