logo

މިއަހަރު މިފްކޯއަށް ކިރި މަހުގެ މިންވަރު ވަރަށް ދަށް!

profile

ޝާމާ ޝުޢައިބު - 21 އޮކްޓޯބަރު 2024 - 19:12

މަސްވެރިކަން ކުރަނީ

މަސްވެރިކަން ކުރަނީ

ފާއިތުވި އަހަރާ އަޅާބަލާއިރު މިއަހަރު މިފްކޯއަށް މަސް ކިރާފައިވާ މިންވަރު ވަރަަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ފާއިތުވި އަހަރު މިފްކޯއަށް ކިރާފައިވަނީ 72،686 މެޓްރިކް ޓަނުގެ މަހެވެ. މިއަހަރުގެ މިހާތަނަށް މިފްކޯއަށް ކިރާފައި ވަނީ 28،951 މެޓްރިކް ޓަނުގެ މަހެވެ. އެއީ، މިދިޔަ އަހަރާ ބަލާއިރު، 43،735 މެޓްރިކް ޓަނުގެ ތަފާތެކެވެ.

ފާއިތުވި އަހަރު އެންމެ ގިނަ މަސް ކިރާފައިވަނީ ފެބްރުއަރީ މަހުގައެވެ. އެ މަހު ޖުމްލަ 9،035 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު މި އަހަރުގެ ފެބްރުއަރީ މަހު 5،860 މެޓްރިކް ޓަނުގެ މަސް ކިރާފައިވެއެވެ. މިދިޔަ އަހަރު ޖޫންގައި 1،794 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު އެއީ މިދިޔަ އަހަރު އެންމެ މަދުން މަސްކިރުން މަހެވެ. މިއަހަރުގެ ޖޫން މަހު ކިރާފައިވަނީ 1،272 މެޓްރިކް ޓަނުގެ މަހެވެ.

މިއަހަރު އެންމެ ގިނައިން މަސް ކިރާފައިވަނީ ޖެނުއަރީ މަހުގައެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު ކިރާފައި ވަނީ 7،452 މެޓްރިކް ޓަނު މަހެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހުގައި 7،528 މެޓްރިކް ޓަނުގެ މަސް ވަނީ ކިރާފައެވެ.

މިފްކޯއިން އެންމެ ފަހުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން، އެކުންފުނިން މަސް ކިރުމަށް ފަހު އޮޑިވެރިންނަށް ދައްކަން ޖެހޭ 9.1 މިލިއަން ރުފިޔާ އެބައޮތެވެ. އެއީ 331 ދޯންޏަކަށް ދޭންޖެހޭ ފައިސާގެ އަދަދެވެ.

ކޮންމެ ހަފްތާއަކުވެސް މަހުގެ އަގު މިފްކޯއިން ރިވިއުކުރަމުން އަންނައިރު މިވަގުތު އައިސް އެޅޭ ކޮލިޓީ މަސް ގަންނަނީ ކިލޯއެއް 16 ރުފިޔާއަށްކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިފްކޯއިން ބުނީ އަގު ބޮޑުކުރުމާއި ކުޑަކުރުން ބިނާވަނީ ކުންފުންޏަށް ގެއްލުން ނުވާގޮތަށް ބާޒާރުގައި އެވަގުތަކު ހިފެހެއްޓެން އޮތް އަގަކަށް ބަލައިގެންކަމަށެވެ.


https://int.etukuri.mv/
tel:+9607331319