logo

ޕީއެންސީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ސެޕްޓެމްބަރު 2024 - 15:26

ކުރިއަށް އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީގެ މެމްބަރު، އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް  ވާހަކަދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

ކުރިއަށް އޮތް އެ ޕާޓީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީގެ މެމްބަރު، އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވާހަކަދައްކަވަނީ (ފޮޓޯ/ ޕީއެންސީ)

އަންނަ މަހު ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ގައެވެ. އެ އިންތިހާބަށް މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހުގެ ހަވީރު 18:00 ގެ ނިޔަލަށް ކުރިމަތި ލެވޭނެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް ޕާޓީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ކޮމިޓީގެ މެމްބަރު، އަދި ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ މިމަހުގެ 30 ގައި ޕާޓީއަށް ސޮއިކުރާ ފަރާތްތަކަށް ވެސް އިންތިހާބަށް ކުރިމަތިލެވޭނެ ކަމަށެވެ.

މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް ހިމަނައިގެން ޖުމްލަ 420 މަގާމަކަށް މީހުން އިންތިހާބު ކުރެވޭނެއެވެ. އެގޮތުން:

  • 18 ދާއިރާއެއްގެ ރައީސުން އިންތިހާބުކުރާނެ
  • 93 ދާއިރާއަކަށް ނައިބު ރައީސުން އިންތިހާބުކުރާނެ
  • 178 ރަށުން ޒުވާނުންގެ ހަރަކާތަށާއި އަންހެނުންގެ ހަރަކާތަށް ރައީސުން އިންތިހާބުކުރާނެ
  • ސިޓީތަކުން 32 ދާއިރާއަކަށް ރަށު ރައީސް އަދި ޒުވާނުންގެ ހަރަކާތާއި އަންހެނުންގެ ހަރަކާތަށް ރަށު ރައީސް އިންތިހާބު ކުރެވޭނެ

އެކަމަކު މިވަގުތު ވެސް 75 ދާއިރާއެއްގައި ރައީސުން ތިއްބެވިކަން ޑރ. އަބްދުﷲ ޚަލީލް ފާހަގަ ކުރެއްވިއެވެ. އެއީ މިހާރުވެސް އެ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ މެމްބަރުންނެވެ. އެހެންކަމުން އެ މަގާމުތަކަށް އިންތިހާބެއް ނުބާއްވާނެއެވެ.

މީގެއިތުރުން، ކޮންމެ ރަށަކުން ސްޓިއަރިން ކޮމިޓީއެއް ވެސް އިންތިހާބު ކުރެވޭނެ ކަމަށް ޑރ. އަބްދުﷲ ހަލީލް ވިދާޅުވިއެވެ.

ޚަލީލް ވިދާޅުވި ގޮތުގައި ސިޓީތައް ނޫން ރަށްތަކުގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުން ބިނާވަނީ ރަށުގެ އާބާދީއަށެވެ. އަދި ރަށެއްގައި އެއް ދާއިރާއަށް ވުރެ ގިނަ ދާއިރާ ހިމެނޭނަމަ، ކޮންމެ ދާއިރާއަކަށް ވަކުން ސްޓިއަރިން ކޮމިޓީއެއް އިންތިހާބު ކުރާނެ ކަމަށެވެ.

އެގޮތުން 3000 އަށް ވުރެ ކުޑަ އާބާދީތައް ހިމެނޭ ރަށްތަކުން ސްޓިއަރިން ކޮމިޓީއަށް އިންތިހާބު ކުރާނީ 7 މެމްބަރުންނެވެ. 3000 އަށް ވުރެ ބޮޑު ނަމަ، 9 މެމްބަރުން އިންތިހާބު ކުރެވޭނެއެވެ. އެ ކޮމިޓީތަކަށް މި އިންތިހާބުގައި ރަށްރަށުން 920 މެމްބަރުން އިންތިހާބުކުރާއިރު ސިޓީތަކުން 224 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

ސްޓިއަރިން ކޮމިޓީތަކަށް އިންތިހާބުކުރާ އަދަދު

  • އަންހެން މެމްބަރުން (ރަށްރަށުން): 178
  • އަންހެން މެމްބަރުން (ސިޓީތަކުން): 32
  • ޒުވާނުންގެ މެމްބަރުން: (ރަށްރަށުން): 178
  • ޒުވާނުންގެ މެމްބަރުން (ސިޓީތަކުން): 32

އިންތިހާބީ ކޮމިޓީގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލްވިދާޅުވި ގޮތުގައި އިންތިހާބުގެ ވޯޓާޒް ލިސްޓު އަންނަ މަހުގެ 4 ގައި އާއްމު ކުރުމަށްފަހު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ. ޝަކުވާތައް ބެލުމަށްފަހު ފައިނަލް ލިސްޓު އާއްމުކުރާނީ އަންނަ މަހުގެ 8 ގައެވެ.

އިންތިޚާބު އޮކްޓޯބަރު 19 ގައި އޮންނައިރު، އިންތިޚާބުގެ ރަސްމީ ނަތީޖާ 24 އޮކްޓޯބަރުގައި އިއުލާނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޕީއެންސީން ބުނީ ދާއިރާ ރައީސް ނުވަތަ ދާއިރާ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާނަމަ، ފޯމު ހުށަހަޅަން ޖެހޭނީ ޕާޓީގެ ރަސްމީ އޮފީހަށް ކަމަށެވެ. ބަދަލުގައި އެހެން މީހަކަށްވެސް ފޯމު ހުށަހެޅިދާނެއެވެ.

ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލާނަމަ، އޮންލައިންކޮށް ވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެކަމަކު ބޭނުންވާނަމަ ޕާޓީ އޮފީހަށް ވެސް ފޯމު ހުށަހެޅޭނެއެވެ.

tel:+9607331319