
--
ތެލަސީމިއާ ކުދިންނަށް ލޭ ފޯރުކޮށްދިނުމަށް ޙާއްޞަ ސެންޓަރެއް!

އަހުމަދު ޒަލީފު - 01 އޭޕްރީލު 2023 - 09:16
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކަށާއި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ލޭ އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނެފިއެވެ.
މޯލްޑިވްސް ބްލަޑް ސާވިސަސްއަކީ މުޅި ރާއްޖޭގައި ލޭބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމާއި ލޭގެ ކޮލިޓީ ބެހެލެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ އިދާރާއެވެ. ނަމަވެސް ލޭ ހަދިޔާ ކުރާ މީހުންގެ އަދަދު މަދުވުމާއި އެކަށީގެންވާ ވަޞީލަތްތައް މަދުވުމަކީ ލޭ ރައްކާކޮށް ބެހެއްޓުމަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ. އެހެންކަމުން އެކަންކަމަށް ހައްލު ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އެ އިދާރާއިން ވަނީ ފަށާފައެވެ.
މާލެ ސަރަޙައްދުގައި ހުރި ހުރިހާ ހޮސްޕިޓަލަކަށް ބޭނުންވާ ލޭ އެއްތަނަކުން ފޯރުކޮށްދިނުމަށްޓަކައި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރެއް ޤާއިމްކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއް މިއަހަރު ފެށުމަށް ނިންމާފައިވާކަމަށާއި،
އެ މަސައްކަތް ފެށުމަށްޓަކައި މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ބޭނުންވާ ލޭގެ މިންވަރު ހޯދާފައިވާކަމަށެވެ. އަދި ސެންޓްރަލައިޒްޑްގެ ބްލަޑް ސެންޓަރަށް ވަޞީލަތްތަކާއި މުވައްޒަފުންވެސް ހަމަޖައްސައި ނިމިފައިވާކަމަށް، ޕީއެސްއެމް ނިއުސްއަށް ދެއްވާފައިވާ އިންޓަވިއުއެއްގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއަރިޓްކްސް ޑރ.އަޙްމަދު އުމަރު ވިދާޅުވިއެވެ.
ބްލަޑް ބޭންކުގައި ރައްކާކޮށްފައި ހުންނަ ލޭ އެންމެ ގިނައިން ބޭނުން ވަނީ ތެލަސީމިއާ ކުދިންނަށެވެ. ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާ ހޯދާ 600 އަށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އެމްބީއެސް މައުލުމާތުދެއެވެ. އަދި ތެލަސީމިއާ ކުދިންނަށް ލޭ އެޅުމަށްޓަކައި، ހަފްތާއަކަށް 160 ޔުނިޓްގެ ލޭ ބޭނުންވެއެވެ.
މީގެތެރެއިން 360 އަށްވުރެ ގިނަ ކުދިންނަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ، މާލޭގައި ހުންނަ ތެލަސީމިއާ ސެންޓަރުން ފަރުވާ ހޯދާ ކުދިންނެވެ.
އެމްބީއެސްގައި ރާއްކާކޮށްފައި ހުންނަ ލޭގެ ތެރެއިން 33 އިންސައްތައަކީ ވޮލެންޓިއަރ ކޮށްގެން ނުވަތަ އެކި ކޭމްޕްތަކުން ލިބޭ ލޭކަމަށާއި 67 އިންސައްތައަކީ ތެލަސީމިއާ ކުދިންގެ ޑޯނަރުން ފޯރުކޮށްދޭ ލޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އެމްބީއެސްގައި ރާއްކާކޮށްފައި ހުންނަ ލޭގެ މިންވަރު އިތުރުކުރުމަށްޓަކައ ބްލަޑް ކޭމްޕްތައް އިތުރުކުރުމަށްވެސް އެ އިދާރާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


