
އާއިލާގެ އުފާވެރިކަން ދެމެހެއްޓުމަށް ފަރުދީ ފުދުންތެރިކަމަކީ ވަރަށް މުހިއްމު ކަމެއް!

އައިޝަތު އިބްރާހިމް - 08 ޖުލައި 2025 - 07:28
އާއިލާއަކީ މުޖުތަމަޢުގެ ބިންގާއެވެ.
އާއިލާއެއްގެ އުފާވެރިކަމާއި ފުދުންތެރިކަމަކީ ވަރަށް ގުޅިލާމެޅިފައިވާ ދެ ކަމެކެވެ. މިއަދުގެ ދުނިޔޭގައި، މާލީ ގޮތުން ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކުގެ ސަބަބުން ގިނަ އާއިލާތަކުގެ އުފާވެރިކަން ކުޑަވެ، ގިނަ މައްސަލަތައް ކުރިމަތިވެއެވެ. މިކަން ހާސިލުކުރުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތް ކުރާ މީހުން އުޅެއެވެ.
ވަޒީފާއެއް އަދާނުކޮށް ގޭގައި ކަންނެތް ވެފައި އޮތުމަކީ މާލީ ގޮތުން ފުދުންތެރި ވެވޭނެ ގޮތެއް ނޫނެވެ.
އާއިލާގެ އުފާވެރިކަން ދެމެހެއްޓުމަށް ފުދުންތެރި އާއިލާއެއް ބިނާކުރުން މުހިންމީ ކީއްވެ؟
ފުދުންތެރި އާއިލާއަކީ މާލީ ގޮތުން ހަމަޖެހުން ލިބިފައިވާ އާއިލާއެކެވެ. އާއިލާއެއްގެ އަސާސީ ބޭނުންތައް ފުއްދި، ކުރިމަގަށް ތައްޔާރުވުމުގެ ގާބިލިއްޔަތު ހުރުމަކީ އުފާވެރިކަމުގެ މައިގަނޑު އެއް ސަބަބެވެ. މާލީ ގޮތުން ހަމަޖެހުމަކީ އާއިލާގެ މެންބަރުންނަށް ހާސްކަމާއި ކަންބޮޑުވުންތައް މަދުކޮށްދޭ ކަމެކެވެ. ކުދިންނަށް ރަނގަޅު ތަޢުލީމެއް ދިނުމާއި، ސިއްހީ ރަނގަޅު ހިދުމަތްތައް ހޯދުމާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބިގެންދަނީ މާލީ ހަމަޖެހުން ލިބިގެންނެވެ. މީގެ އިތުރުން، އާއިލާގެ ގުޅުންތައް ވަރުގަދަވެ، ހަމަޖެހުމާއި އުފާވެރިކަން އިތުރުވެގެންދެއެވެ.
ރަނގަޅު އާމްދަނީ ލިބޭ ވަޒީފާއެއްގައި އުޅޭއިރުވެސް ދެކޮޅު ނުޖެހެނީ ކީއްވެ؟
ގިނަ ފަހަރަށް ރަނގަޅު އާމްދަނީއެއް ލިބޭ މީހުންނަށްވެސް މާލީ ދަތިކަން ކުރިމަތިވާ ސަބަބުތައް އެބަހުއްޓެވެ.
ރަނގަޅު އާމްދަނީއެއް ލިބުނަސް ހަރަދުތައް ދެކޮޅުނުޖެހޭކަމަށް ގިނަ ބަޔަކު ބުނެއެވެ. މިއީ ތަކެތީގެ އަގު ބޮޑުވުމާއި ކުލިތައް ބޮޑުވުމުގެ ސަބަބުން ކަމަށް ވިޔަސް، އަމިއްލަ އަށް ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. ބޭކާރު ހަރަދުކުރުމަކީ ގިނަ ބަޔަކަށް ކުރެވޭ ކަމެކެވެ؛ ގޭގައި ކާން ހުއްޓަސް ބޭރުން ކެއުމާއި، ހެދުން ގިނައިން ހުއްޓަސް އަބަދު އާ ހެދުން ގަތުމުގައި އުޅުމަކީ މިފަދަ ބޭކާރު ހަރަދުތަކުގެ މިސާލެވެ.
މީގެ ތެރޭގައި އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި މާލީ ރޭވުން ނެތުން،ލިބޭ އާމްދަނީއަށްވުރެ ބޮޑެތި ހަރަދުތައް ކުރުމާއި، ދިރިއުޅުމުގެ ވައްޓަފާޅި މަތިކުރުން. ދަރަންޏެއް ނަގާފައިވާނަ އެދަރަނި ދެއްކުމަށް ލިބޭ އާމްދަނީގެ ބޮޑު ބައެއްހަރަދުވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުންވެސް ކުއްލިކަމެއް ދިމާވެއްޖެނަމަ ބޭނުންކުރަން އިމަރޖެންސީ ފަންޑެއް ނެތުމަކީވެސް ނުތަނަވަސްކަން މެދުވެރިކުރުވާނެ ކަމެކެވެ. އެހެންކަމުން، މިފަދަ ހަރަދުތައް ކޮންޓްރޯލް ކުރުމަކީ މާލީ ދަތިކަމުން އަރައިގަނެ އުފާވެރި، ފުދުންތެރި އާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
މާލީ ދަތިކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އާއިލާތަކަށް ކުރިމަތިވެއެވެ. މާލީ ދަތިކަމުގެ ސަބަބުން އާއިލާގެ މެންބަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރެއެވެ. ހާސްވެ، ނުތަނަވަސްވެ، ކަންބޮޑުވުން އިތުރުވެއެވެ.
ފައިސާއާ ގުޅުންހުރި މައްސަލަތަކަކީ ދެމަފިރިންގެ ދެމެދުގައި އެންމެ ގިނައިން ހިމެނޭ މައްސަލަތަކުގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި ހިތްހަމަނުޖެހުންތައް އިތުރުވެ، ފިރިމީހާ އާއި އަނބިމީހާގެ މެދުގައި ދެބަސްވުންތައް ގިނަވެ، ވަރިފަށަށް މަގުފަހިވެއެވެ.
އާއިލާގައި މާލީ ދަތިކަން ހުރުމުން ކުދިންގެ ތަޢުލީމާއި، ސިއްހަތާއި، އަދި ނަފްސާނީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ.
ކެއިންބުއުމާއި ބޭސްފަރުވާއާއި، ދިރިއުޅުމުގެ އެހެނިހެން އަސާސީ ބޭނުންތައް ފުއްދުމުގައި ދަތިތައް ކުރިމަތިވެއެވެ.
މާލީ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ސްޓްރެސްގެ ސަބަބުން އެކިކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
އާއިލާއެއް ފެށުމަކީ ހަގީގަތުގައި ބޮޑު ޒިންމާއެކެވެ. ދަރިން ހޯދުމަށް ފަހު ދަރިންނަށް ހަރަދުކުރުމާއި ގެއަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމަށާއި ބިލުތައް ދެއްކުމާއި މިފަދަ ހަރަދުތަކަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެވެ.
ޒަވާޖީ ހަޔާތެއް ފަށާއިރު މާލީ ގޮތުން ރަނގަޅަށް ތައްޔާރުވުމަކީ ފުދުންތެރި އާއިލާއެއް ބިނާކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ކައިވެނި ކުރުމުގެ ކުރިން ދެ ފަރާތުންވެސް މާލީ އަމާޒުތަކާއި، ހަރަދުކުރާ އާދަތަކާ ބެހޭގޮތުން ހުޅުވާލައިގެން މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ.
ކައިވެނީގެ ކުރިން ދެމީހުންގެވެސް ވަޒީފާއެއް އަދާކުރުމާއި، ކުޑަ ނަމަވެސް އެމަރޖެންސީ ފަންޑެއް ގާއިމްވެފައި އޮތުމަކީ މުސްތަގުބަލުގައި ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިގޮތުން ދެމަފިރިންގެ ދެމެދުގައި ފައިސާއާ ގުޅުންހުރި މައްސަލަތައް މަދުވެ، ގުޅުން ވަރުގަދަވެ، އުފާވެރި މާހައުލެއް ބިނާކުރުމަށް މަގުފަހިވެގެންދެއެވެ.
އާއިލާގެ ސިއްހަތަށް ސަމާލުކަން ދިނުމާއި މާލީ އަދި އުފާވެރިކަމާއި ގުޅުން އޮތީ ކިހާވަރަކަށް؟
އާއިލާގެ ސިއްހަތަށް ސަމާލުކަން ދިނުމާއި، މާލީ ހަމަޖެހުމާއި، އުފާވެރިކަމާ ވަރަށް ބޮޑަށް ގުޅުން އެބަ އޮތެވެ.
މާލީ ހަމަޖެހުން ހުރި އާއިލާތަކަށް ބޭސްފަރުވާގެ ރަނގަޅު ހިދުމަތްތައް ހޯދުމުގެ ގާބިލިއްޔަތު ލިބިފައިވެއެވެ. މީގެ ސަބަބުން ބަލިވުމުން އަވަހަށް ފަރުވާ ހޯދުމާއި، ދިގު މުއްދަތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ފުރުސަތު ލިބެއެވެ.
މާލީ ދަތިކަމުގެ ސަބަބުން ބޭސްފަރުވާ ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ބަލީގެ ހާލަތު އިތުރަށް ގޯސްވެ، ފަހުން އިތުރު ހަރަދުތަކެއް ކުރަން ޖެހެއެވެ.
ސްޓްރެސްގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލިތައް ކުރިމަތިވުން ގާތެވެ. ހަމަޖެހުން ނެތި، ނިދި ނައިސް، ކާހިތްނުވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.
ސިއްހީ ގޮތުން ރަނގަޅު ހާލަތެއްގައި ހުރުމަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.
ސިއްހީ މައްސަލަތަކުގެ ސަބަބުން ގިނަ ފަހަރަށް މީހާގެ ހިތްހަމަޖެހުން ގެއްލި، އުފާވެރިކަން ކުޑަވެ މާޔޫސްކަން އިތުރުވެއެވެ.
އާއިލާގެ އުފާވެރިކަން ދެމެހެއްޓުމަށްޓަކައި ފުދުންތެރި އާއިލާއެއް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މާލީ ރޭވުންތެރިކަމާއި، ހަރަދުތައް ކޮންޓްރޯލްކުރުމާއި، ފަހަށް ރައްކާކުރުމުގެ ރަނގަޅު އާދަތައް އަށަގަންނުވައި، ދަރަނީގެ ބުރައިން ސަލާމަތްވުމަކީ މުސްތަގުބަލުގައި އާއިލާއަށް ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތްކޮށްދޭނެ ކަންކަމެވެ.
އުފާވެރި ދިރިއުޅުމެއް ބިނާކުރުމަށް، އާއިލީ ކަންކަމާއި ދަރިން ބެލެހެއްޓުމުގެ ގާބިލުކަން ހުރި، އަހުލާގު ރަނގަޅު، ދީނީ ކަންކަމަށް ސަމާލުކަންދޭ ބައިވެރިއަކު ހިޔާރުކުރުން މުހިންމެވެ. މާލީ ގޮތުން ފުދުންތެރި ނަމަވެސް އާއިލާއަށް އަޅާނުލާނަމަ ގެއްލުން ލިބިދާނެއެވެ.
އާއިލާގެ ފުދުންތެރިކަމަކީ ހަމައެކަނި ފައިސާގެ ތަނަވަސްކަމެއް ނޫނެވެ.
ސިއްހީ ގޮތުން ފުދުންތެރިވުމާއި، ހެޔޮ ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތު ކުރުން މުހިންމެވެ. މީގެ އިތުރުން، ދަރިންނަށް ރަނގަޅު ތައުލީމާއި ތަރުބިއްޔަތު ދިނުމަށް ސަމާލުކަން ދިނުމަކީވެސް އާއިލާގެ އުފާވެރިކަމަށް އަސާސީ ކަމެކެވެ.
މާލީ ހަމަޖެހުމަކީ ހަމައެކަނި ފައިސާގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. އެއީ އާއިލާގެ ގުޅުން ވަރުގަދަކޮށް، ނަފްސާނީ ހަމަޖެހުން ލިބި، އުފާވެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދޭ އަސާސީ ބިންގާއެކެވެ. ވީމާ، ކޮންމެ އާއިލާއަކުންވެސް ފުދުންތެރިކަމަށް އިސްކަންދީ، އާއިލާގެ ދިރިއުޅުން އުފާވެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން