logo

ހަނިއްޔާ ޝަހީދުކޮށްލުމުގެ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެ: އޯއައިސީ

profile

އާމިނަތު ޝަފާ - 08 އޯގަސްޓު 2024 - 09:37

އޯއަސީގެ ބައްދަލުވުމުގައި އިސްލާމީ ގައުމުތައް ތަމްސީލުކުރައްވާ ލީޑަރުން

އޯއަސީގެ ބައްދަލުވުމުގައި އިސްލާމީ ގައުމުތައް ތަމްސީލުކުރައްވާ ލީޑަރުން

ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ން ބުނެފިއެވެ.

ފަލަސްތީނު- އިސްރާއީލު މައްސަލައާ ގުޅިގެން ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އީރާނުގެ ސިޔާސީ މިިނިވަންކަމަށް އަރައިގަނެ މި އަނިޔާވެރި އަމަލު ހިންގީ އިސްރާއީލުންކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީވެސް އިސްރާއީލުންކަމަށެވެ.

ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ހިޒުބުﷲގެ ވެރިޔާ ޙަސަން ނަޞްރުﷲއާއި އީރާނުންވަނީ ދީފައެވެ.

މިއާއެކު އިސްރާއީލުގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާއިން އިސްރާއީލުގެ ދިފާއުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު އިރާނުން ދޭން އުޅޭ ހަމަލާ ހުއްޓުވައިދޭން އޯއައިސީގެ މެންބަރު ގައުމުތަކުން މަސައްކަތްކޮށްދޭނެކަމަށް އުއްމީދުކުރާކަމަށްވެސް އެމެރިކާއިންވަނީ ބުނެފައެވެ.

އެހެންނަމަވެސް އީރާނުން ބުނީ އެންމެ ރަނގަޅު ވަގުތުގައި ރައްދު ހަމަލާ ދޭނެކަމަށެވެ.

ހަނިއްޔާ ޝަހީދުކޮށްލުމުގެ ޒިންމާ އިސްރާއީލުން ނަގަންޖެހޭނެކަމަށް އޯއައިސީގެ ބަޔާނުގައި ބުނެފައިވިޔަސް އެކަމުގެ ޒިންމާ އަދިވެސް ޔަހޫދީން ނަގާފައެއް ނުވެއެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ޔަހޫދީން ބޭނުން ކޮށްފައި ވަނީ ކުރު ރާސްތާގެ ހަތިޔާރެއްކަމަށް އީރާނުން ބުނެއެވެ.


tel:+9607331319