logo

ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމާ ގުޅޭގޮތުން ސަރުކާރުން އުރީދޫއާ މަޝްވަރާކޮށްފި

profile

ޒިދާން މުޙައްމަދު - 06 އޯގަސްޓު 2024 - 12:20

ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމާ ގުޅޭ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އުރީދޫ މޯލްޑިވްސްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް ވަނީ އަލި އަޅުވާލާފައެވެ. ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު، މި ބަދަލުތަކަށް މުޖުތަމަޢުގެ އެންމެހައި ފަރާތްތައް ތައްޔާރުވެފައި ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ. މިގޮތުން މިބައްދަލުވުމުގައި ޢާއިލާތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް އާންމު ދިރިއުޅުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އިޖުތިމާއީ ވުޒާރާއިން ބުނީ ޑިޖިޓަލް ދުނިޔޭގައި ބޭނުންވާ ހުނަރާއި އެކްސެސް، ނުވަތަ މި ޕްލެޓްފޯމުތައް ބޭނުންކުރުމުގެ އިޚްތިޔާރާއި ކުޅަދާނަކަން މުޖުތަމަޢުގެ ކޮންމެ ފަރާތަކަށް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ޒަރީއާއިން ލިބޭ ފުރުސަތުތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ، ދޭދޭ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި މީސް މީޑިއާގެ މަންސަތަކަކީ ޢާއިލީ ގުޅުންތައް ވަރުގަދަ ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެންނަށް ލިބި، ބޭނުންކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރިއެވެ.

އެވުޒާރާއާއި އުރީދޫ މޯލްޑިވްސްއިން ގުޅިގެން ކުރާ މަސައްކަތުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާ، އޯގާތެރި، ގުޅުންތައް ބަދަހި މުޖުތަމަޢެއް ބިނާކުރުންކަން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ބުނެފައިވެއެވެ.

މިމަޝްވަރާތަކުގެ އަނެއް އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ވުޒާރާއިން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުމެވެ.

tel:+9607331319