logo

ނިޞާބު ހަމަވިތާ ހަނދުމަހުން އެއްއަހަރު ފުރުމާއެކު އެ މުދަލަކުން ޒަކާތް ދިނުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

profile

އާމިނަތު މޫސާ - 18 އޭޕްރީލު 2025 - 08:30

މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމާއެކު އެ މުދަލަކުން ޒަކާތް ދިނުމަށް ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

https://wamco.com.mv/

މިއަދުގެ ހުކުރު ހުތުބާ ބިނާކޮށްފައި ވަނީ ފަރުޟު ޒަކާތާއި އިޤްތިޞާދާ ހުރި ގުޅުމުގެ މައްޗަށެވެ.

ހުތުބާގައި ފާހަަގަ ކޮށްފައިވަނީ، މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުން ކަމަށާއި، ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠު ހަމަވާ ނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ޝަރުޠުތަކަކީ މުދާ ފުރިހަމައަށް މިލްކުވުމާއި، މުދަލުގައި ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުން ކަމަށެވެ.

އިސްލާމް ދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރުމީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށް ފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައި ނޫނުކަމުގައި ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށާއި، ފަޤީރުންނާއި މިސްކީނުންގެ ނިކަމެތިޙާލަތުން އަރައިގަނެ، އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދިނުމަށް ކަމަށް ހުތުބާ ވަނީ ފާހަގަ ކޮށްފައެވެ.

ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރީންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. އަދި ޒަކާތުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިއްޖެ ނަމަ، ކުރާނެ މަސައްކަތެއް ނުވަތަ އަދާކުރާނެ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެއެވެ. އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ މިންވަރު އިތުރުވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރަށް، މުޖުތަމަޢުގެ ވަކި ބަޔެއްގެ އަތުގައި ފައިސާ ޖަމާކޮށް، ޚަޒާނާކޮށް، އިޤްތިޞާދުގެ ތެރޭގައި އެ މުދަލާއި ފައިސާ ދައުރުވިޔަނުދީ ހިފެހެއްޓިފައި ހުންނަ ހުރުން ނިމުމަކަށް އަންނާނެކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން މި ކަންކަން ކުރެވޭނީ ޒަކާތުގެ ނިޒާމަކީ ދައުލަތުން ރާވައި ހިންގާ ނިޒާމަކަށް ވެގެންނެވެ.

ޒަކާތަކީ ދައުލަތާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުމެއް ކަމުގައި ވެސް ހުތުބާގައި ފާހަގަ ކޮށްފަވެއެވެ. އެގޮތުން ތަނަވަސްކަމުގެ އަހުލުވެރީންގެ ރައުސްމާލުން އުނިކޮށް ދައުލަތަށް ނަގާން ޖެހޭ އެއްޗެކެވެ. ޒަކާތުގެ ޙައްޤުވެރީންގެ ގޮތުގައި ޤުރްއާނުގައި ކަނޑައަޅުއްވައިފައިވާ ފަރާތްތަކުގެ ލާބައަށް ޓަކައި، ހޭދަކުރާން ޖެހޭ އެއްޗެކެވެ.

ޒަކާތް ދެއްކުމުގެ ސަބަބުން އިޤްތިޞާދުގައި ދައުރުކުރާ ފައިސާ އިތުރުވެ، އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ސަލާމަތްކޮށްދީ ހަމައަކަށް އަޅުވައިދެއެވެ. ފަރުދުންގެ ކިބައިގައި ތަނަވަސްކަން އިތުރުވެ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުވެއެވެ.

އެހެންކަމުން ޒަކާތުގެ ޝަރުޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، އެބައިމީހުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ މުދަލު ޒަކާތް އަދާކޮށްގެންކަމަށް ހުދުބާގައި ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން މި އުންމަތަކީ އެއް އުންމަތެއް ކަމަށާއި، އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެއް ކަމަށް ބުނެފައި ވެއެވެ.

https://etukuri.mv/
https://www.aslu.com.mv