
ސަފީރު ކަމުގެ ފަތްކޮޅު ޔޫއޭއީ ސަރުކާރަށް ތޯރިގު އަރުވައިފި

މުޙައްމަދު ފަޟްލޫން - 30 ޖޫން 2026 - 10:16
ދިވެހިރާއްޖެއިން އެކުވެރި ޢަރަބި އިމާރާތަށް، ޔޫއޭއީ އަށް ކަނޑައެޅުއްވި އައު ސަފީރު، ތޯރިގު އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ސަރުކާރަށް ރަސްމީކޮށް އަރުވައިފިއެވެ.
މިކަމަށްޓަކައި ޔޫއޭއީގެ ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަފީރުގެ ފަތްކޮޅާ ހަވާލުވެވަޑައިގަތީ އެ މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމް ސީ އެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެކުވެރި އަރަބި އިމާރާތާ ދެމެދު އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
އަންޑަސެކްރެޓަރީ އުމަރު އުބައިދު ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތްކުރައްވާނެ ކަމުގެ އިތުބާރު ދެއްވައި، ރާއްޖެއާއެކު އޮންނަ ގުޅުމަށް ޔޫއޭއީ އިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ.
ސަފީރު ތޯރިގުގެ ވާހަކަފުޅުގައި ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ޙިކުމަތްތެރި އިރުޝާދުގެ ދަށުން އެ ޤައުމުން ހޯދަމުންދާ ބައިނަލްއަގްވާމީ ކާމިޔާބީތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ސަފީރުކަމުގެ މި މުހިންމު މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ތޯރިޤު އިބްރާހީމަކީ ދިވެހި ދައުލަތުގެ ވަޒީރުކަމުގެ ފެންވަރުގައި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާތައް ހިންގެވުމުގެ މުއްސަނދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.






.gif&w=3840&q=75)