
ޑްރަގްގެ މައްސަލައަށް ރައްޔިތުން އެދޭފަދަ ހައްލެއް ހޯދައިދޭނަން: އިހުސާން

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2026 - 08:32
މި ދައުރުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ރައްޔިތުން ބޭނުންވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މުޖުތަމައުގައި ހިންގާ ރޭވުންތެރި ބޮޑެތި ކުށްތަކަށް މައިގަނޑު ގޮތެއްގައި މަގުފަހިކޮށްދެނީ މަސްތުވާތަކެތީގެ ވަގުފާރީގެ ތެރެއިން އުފެދޭ ފައިސާ ކަމަށެވެ.
މަސްތުވާތަކެތީގެ ވަބާއަކީ ގޮންޖެހުން ބޮޑު މައްސަލައެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ ހިދުމަތުން ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ އެ ބޭފުޅުން ގެންގުޅުއްވާ އާލާތްތަކެއް ނޫން ކަމަށާއި، އެންމެ ބޮޑު ބާރަކީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރާއި ޔަގީންކަން ކަމަށެވެ. އެ އިތުބާރު ދެމެހެއްޓޭނީ ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު، ހިތްތިރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ދީގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ފުލުހުންގެ ނަޒާހަތްތެރިކަން ގެއްލޭ ދުވަހަކީ އެ މުއައްސަސާގެ ޔުނިފޯމް އެޅުމުގެ ޝަރުތު އުނިވާނެ ދުވަސްކަން ހަނދާންކޮށްދެއްވަމުން، ކޮންމެ ފުލުހަކުވެސް ނަޒާހަތްތެރިކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި މަޤާމެއްގައި ހުރި މީހަކަށް ބެލުމެއް ނެތް ކަމަށާއި، ދިވެހިރާއްޖޭގެ ޤާނޫނަށްވުރެ މަތީގައި އެއްވެސް ފަރާތަކަށް ނުހުރެވޭނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.
ފުލުހުންނަކީ ކުށްވެރިންނަށް އޮތް ބިރަކަށް ވީނަމަވެސް، އާންމު ރައްޔިތުންނަށް ހިނިތުންވުމާއެކު ހިދުމަތްދޭ ނަމޫނާ މުއައްސަސާއެއް ކަމުގައި ވާންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަމްރީނު ފުރިހަމަކުރި ފަރާތްތަކާ މުޚާތަބުކުރައްވައި ވަޒީރު އިޙްސާން ވިދާޅުވީ، އަސާސީ ތަމްރީނަށްފަހުވެސް އެކި ދާއިރާތަކުން ހާއްސަ ހުނަރުތަކާއި ތައުލީމީ ފުރުސަތުތައް ހޯދައިގެން ކުރިއަށް ދިއުމަކީ ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އަބަދުވެސް އެފަދަ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
މިދިޔަ ފެބްރުއަރީ 15 ވަނަ ދުވަހު ފެށި މި ތަމްރީނު ކޯހުގައި ޖުމްލަ 158 ފުލުހުން ބައިވެރިވިއެވެ.
ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ދަސްވެނިވެފައިވަނީ 140 ފުލުހުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ 104 ފިރިހެން އޮފިސަރުންނާއި 36 އަންހެން އޮފިސަރުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ސިވިލް ސާވިސް މުވައްޒަފުން ގަޑި ނުޖެހޭ ގޮތަށް 30 މިނެޓު ދީފި
8 ގަޑިއިރު ކުރިން

ފުލުހުންގެ ތަމްރީނު މަންހަޖު ޒަމާނީކޮށް، ބަދަލުތައް 43 ވަނަ ކޯހުން ފެށިގެން ތަންފީޒުކުރަނީ
8 ގަޑިއިރު ކުރިން

މާފުށީގައި މާރަނގަ މާކެޓުގެ ޖުލައި މަހުގެ އެޑިޝަން ފަށައިފި
9 ގަޑިއިރު ކުރިން
.webp&w=3840&q=75)
ފައިނޭންޝަލް އެކްސްޕޯ: މިރެއާއި މާދަމާރޭ ހަވާ އަރުވާނީ
9 ގަޑިއިރު ކުރިން


.gif&w=3840&q=75)