
ސަރަހައްދީ ގުޅުން ބަދަހިކުރަން ސާކްގެ އެސްޖީއާއެކު މަޝްވަރާކޮށްފި

މުޙައްމަދު ފަޟްލޫން - 10 އޯގަސްޓު 2026 - 08:39
ސަރަހައްދީ ގުޅުން ބަދަހިކުރަން ސާކްގެ ސެކެޓްރީ ޖެނެރަލް ހިޒް އެކްސެލެންސީ އެމް.ޑީ. ގޯލަމް ސަރުވަރު، އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކޮށްދެއްވި އިހްލާސްތެރި ހިދުމަތްތަކާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިއްމު ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ ސަމާލުކަން ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ހިންގުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ދެގޮތެއްނުވާ އެއްބާރުލުމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ސާކް އުފެއްދި މެންބަރު ގައުމެއްގެ ޙައިސިއްޔަތުން ދިވެހިރާއްޖެއަކީ، އެ ޖަމްއިއްޔާއަށް ނުހަނު މުހިއްމު ގައުމެއްކަން ފާހަގަކުރައްވައި، ޖަމްއިއްޔާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ، ސާކްގެ މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި، ކުރިއަށް އޮތް ތަނުގައި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ މަގުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ ސާކް އުފެއްދުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެންބަރު ގައުމެކެވެ.
ސާކް ރަސްމީކޮށް އުފެދުނީ 8 ޑިސެމްބަރު 1985 ގައި ބަންގްލަދޭޝްގެ ޑާކާގައި ސާކް ޗާޓަރުގައި ސޮއިކުރުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރީ ސަރުކާރުން މަޝްރޫއުތަކަށް 60 މިލިއަން ރުފިޔާ ހޭދަކުރި
2 ގަޑިއިރު ކުރިން

ކްރިމިނަލް ކޯޓުގެ ފަނިޑޔާރު ކަމަށް 3 ބޭފުޅުން އައްޔަނުކުރަނީ
20 ގަޑިއިރު ކުރިން

މިދިޔަ އަހަރު ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވީ ހދ އަތޮޅާއި މާލެއިން
ދުވަހެއް ކުރިން

1.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި
ދުވަހެއް ކުރިން


