logo
ސައުދީ އަރަބިއާ އާއި ޖޯޑަން ވާދަކުރި މެޗުގެ ތެރެއިން..

ސައުދީ އަރަބިއާ އާއި ޖޯޑަން ވާދަކުރި މެޗުގެ ތެރެއިން..

ފީފާ އަރަބް ކަޕް 2025: ސައުދީ ކަޓުވާލުމަށްފަހު ފައިނަލުގެ ދެވަނަ ޖާގަ ޖޯޑަން އިން ހޯދައިފި

profile

ހަސަން ޝަމްއޫން - 16 ޑިސެމްބަރު 2025 - 02:00

ގަތަރުގައި މިހާރު ކުރިއަށްދާ ފިފާ އަރަބް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސައުދީ އަރަބިއާ ބަލިކޮށް ޖޯޑަން އިން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރުކޮށްފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން ސައުދީ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ފަލަސްތީން ބަލިކުރުމަށްފަހު އެވެ. އަދި ޖޯޑަން މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ކުއާޓާ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އިރާގް ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ސައުދީ ޓީމުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑުޖަހަނެ މާކަރަނގަޅު ހުސް ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އަދި މިހާފުގައި ޖޯޑަން އިން ވަނީ ރޭވުންތެރިކަމާއެކު ސައުދީގެ އެޓޭކުތައް ހުއްޓުވުމުގައި މޮޅު ޑިފެންސިވް ކުޅުމެއް ދައްކައިދީފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސައުދީ އިންނެވެ. އަދި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޖޯޑަން ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ނިޒާރު އަލް ރަޝްދާން އެވެ.

މުބާރާތުގެ ފައިނަލުގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައި ޖޯޑަން އިން ނުކުންނާނީ މޮރޮކޯ އާއި ދެކޮޅަށެވެ. އަދި އެދުވަހުގެ ހަވީރު ރާއްޖެ ގަޑިން 16:00 ގައި ކުޅޭ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ސައުދީ އިން ނުކުންނާނީ ޔޫއޭއީ އާއި ދެކޮޅަށެވެ.

01 ޑިސެމްބަރު 2025 އިން 18 ޑިސެމްބަރު 2025 ގެ ނިޔަލަށް ގަތަރުގައި ކުރިއަށްދާ މިމުބާރާތުގައި 16 ޓީމަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

2012 ވަނަ އަހަރު ފީފާ އިން އަރަބި ކަޕްގެ ނަމުގައި ފުރަތަމަ މުބާރާތެއް ބޭއްވިއިރު، އެމުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޮރޮކޯ އިންނެވެ. އަދި މެދުކެނޑުމަކަށްފަހު 2021 ވަނަ އަހަރު ބޭއްވި މުބާރާތް އަލްޖީރިއާ އިން ކާމިޔާބުކުރިއިރު މިއީ އަރަބި ގައުމުތަކަށް ޚާއްސަކޮށްގެން ފީފާ އިން ބާއްވާ ތިންވަނަ މުބާރާތެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay