
ސްޓެލްކޯ އިން އޮންލައިން ފީޑްބެކް ފޯމެއް އާއްމުކޮށްފި

މުޙައްމަދު ފަޟްލޫން - 21 ޑިސެމްބަރު 2025 - 06:39
ސްޓެލްކޯ އިން އެ ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އޮންލައިން ފީޑްބެކް ފޯމެއް އާއްމުކޮށްފިއެވެ.
ސްޓެލްކޯއިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ ޚިދުމަތްތަކާ މެދު ރައްޔިތުން ދެކޭ ގޮތް ދެނެގަތުމަށް އެކުލަވާލާފައިވާ މި އޮންލައިން ފީޑްބެކް ފޯމު މިހާރު އެ ކުންފުނީގެ ވެބްސައިޓުގައި އާއްމުކުރެވިފައިވާ ކަމަށެވެ.
މި ފޯމު މެދުވެރިކޮށް، އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ގޮތުން ހިޔާލު ދިނުމަށް އާންމުންނަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ފޯމުގައި ސްޓެލްކޯއިން އާންމުންގެ ހިޔާލު ހޯދުމަށް ހިމަނާފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ސްޓެލްކޯއިން ހިދުމަތް ދެމުންދާ ގޮތާމެދު ހިތްހަމަޖެހޭ މިންވަރާއި، ސްޓެލްކޯއާ ދޭތެރޭ އިތުބާރު އޮތް މިންވަރު ހިމެނެއެވެ.
ސްޓެލްކޯގެ މަސައްކަތުގެ ސްޕީޑް ތަރުތީބުކަމާއެކު މަސައްކަތްކުރާ މިންވަރު އަދި ކަސްޓަމަރ ސާވިސްއާ މެދު ދެކޭ ގޮތް ވެސް ބަޔާން ކުރަން ފޯމްގައި ހިމަނާފައިވެއެވެ.
ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތް ލިބިގަތުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ގޮތާއި، ހިދުމަތް ފޯރުކޮށްދިނުމުގައާއި ސިޔާސަތުތަކަށް ގެންނަ ބަދަލާ ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދެމުންދާ މިންވަރާ ގުޅޭގޮތުން ވެސް ފޯމުގައި ސުވާލުކޮށްފައިވެއެވެ.
އެ ކުންފުނީގެ ހިދުމަތް ދިނުމަށް ރަނގަޅު ކުރަންޖެހޭނެ ކަމަށް ފާހަގަކުރެވޭ ކަންކަން ބަޔާންކުރުމުގެ ފުރުސަތު ވެސް މި ފޯމުގައި ވަނީ ހިމަނާފައެވެ.
ސްޓެލްކޯއިން ހިދުމަތް ލިބިގަތުމުގައި ކުރެވިފައިވާ ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއް ވާނަމަ އެ ތަޖުރިބާ ހިއްސާކުރުމަށް ވެސް ސްޓެލްކޯ އިން އާއްމުުކުރި ފޯމްގައި އެދިފައިވެއެވެ.






