
މަސްވެރިންގެ ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ނިމިއްޖެ: ވަޒީރު ޝިޔާމް

ޝަހްޒާ މުޙައްމަދު - 08 ޑިސެމްބަރު 2025 - 10:10
މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިންގެ ދަފުތަރަށް ހުޅުވައިލީ މި އަހަރުގެ ފެބްރުއަރީގަ އެވެ. އެގޮތުން އޭގައި ރަޖިސްޓްރީކުރަން ހުޅުވާލައި، ދަފުތަރު އެކުލަވާލުމުގެ މަސައްކަތް ނިންމި އިރު، ރާއްޖޭގެ ހުރިހާ ހިސާބަކުން މަސްވެރިން ވަނީ ދަފުތަރުވެފައިވެ އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު ވިދާޅުވީ މަސްވެރިންގެ ދަފުތަރު އެކުލަވާލައި ނިމުނު ނަމަވެސް އަދިވެސް ރަޖިސްޓްރީ ކުރަން ބޭނުންވާ މަސްވެރިންންނަށާއި އަލަށް އެ ދާއިރާ އަަށް ނިކުންނަ ބޭނުންވާ މީހުން ދަފުތަރުކޮށް ދޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި މިހާރު ކުރިއަށްދަނީ އިތުރަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކާއި އަލަށް މަސްވެރިކަމަށް ނިކުންނަ ފަރާތްތައް ރަޖިސްޓްރީކުރުމުގެ މަސައްކަތެވެ.
މަސްވެރިކަން ކުރިއަރުވައި އެ ދާއިރާ އަށް މީހުން ބިނާ ކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ޔޫތު އިންޓާންޝިޕް ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. އެ ޕްރޮގްރާމުން ފަސް ޒުވާނަކަށް ފުރުސަތު ދީފައިވެ އެވެ.
މަސްވެރިންގެ ދަފުތަރެއް އެކުލަވައިލަން މި ސަރުކާރުން ނިންމީ އެހެނިހެން ދާއިރާތަކުގެ މަސައްކަތްތަކާ އެއްގޮތަށް ދަޢުލަތުން ބަލައި ގަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި މަސްވެރިން ކަނޑައެޅުމަށެވެ.
އެގޮތުން ދަފުތަރުވި މަސްވެރިންނަށް މިހާރު އަންނަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ފަދަ ފައިނޭންސިން ފެސިލިޓީތައް ވެސް ފޯރުކޮށް ދެމުންނެވެ. އަދި މަސްވެރިންނަށް ރޯދަ އިނާޔަތް ދިނުމަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.





