logo

އެންމެންނަށް ބޭނުންވާ މަސް ފޯރުކޮށްދޭ "މަސްމާރުކޭޓް" ގައި "މަސްވެރިންގެ އާދޭސް"

profile

ރިޟްވާން މޫސާ - 23 އޯގަސްޓު 2026 - 18:54

މާލޭ މަސް މާރުކޭޓަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި، މާލޭގެ ނެރު ކުރިމަތީގައި އޮންނަ ރައްޔިތުންނަށް އެންމެ މުހިންމު ޙިދުމަތެއް ފޯރުކޮށްދެމުން އަންނަ އެއް ސަރަހައްދެވެ. މިއީ ހަމައެކަނި މަސް ވިއްކާ ތަނެއް ނޫނެވެ.

https://wamco.com.mv/

މިއީ ދިވެހިންގެ ކަނޑުމަހުގެ މަސްވެރިކަމުގެ ސަގާފަތާއި، އިޤްތިޞާދީ ދިރުން އަދި ދިވެހިންގެ އެކުވެރި އެއްބައިވަންތަކަން ދައްކުވައިދޭ އެންމެ ގާތުން ފެންނަން އޮންނަ އެއް ސަރަހައްދެވެ.

ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލުތަކާއެކު ވެސް އަދި ގައުމުގައި އޮތް ޑޮލަރުގެ އަބު ބޮޑުވިކަމުގައި ވިނަމަވެސް މަސްވެރިން ކަނޑު ރޯދިން ހޯދަމުން އަންނަ ނަފާ ރައްޔިތުންނަށް ތާޒާ މަސް ފޯރުކޮށްދިނުމުގައި އެކުރަމުންދާ ބުރަ މަސައްކަތުން އެއް ވަރެއްގައި އަގު ތައް ހުރި އިރު މި ނިކަމެތި މަސްވެރިންނަށް ނުވަތަ މި ޙިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ހީވާގި ފަރާތްތަކަށް ނަޒަރެއް ހިންގާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

undefined

މަސް މާރުކޭޓަށް "އަސްލުޓީވީ"ން މިއަދު ކުރި ދަތުރުގައި މަސްވެރިންގެ އެތަކެއް އާދޭސް ތަކާއި ޝަކުވާތަކެއް އެބަ ހުއްޓެވެ. ލޯބޯ ފިއްސައިގެން އަޅުގަނޑުމެންނަށް ކާތަކެތި ފޯރުކޮށްދިނުމަށް ދިއްލާހައި އައްވަކާއި ކުރާހާ ވިއްސާރައެއްގެ ތެރޭގައި މަސްވެރިން އެކުރާ ބުރަ މަސައްކަތްތަކުގެ ތެރެއިން އެހުރި އުދާސްތަކާއި ކަންބޮޑުވުންތައް އަޑުއެހުމަކީ އަދި ހައްލު ކޮށްދިނުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.

ޒަމާންވީ މަސް މާރުކޭޓުގައި މަސް ވިއްކުމަށް ހާއްސަކޮށްފައިވާ ގޮޅިތަކެއް ހުރިއިރު ބިދޭސީން އެތަނުގައި މަސްވިއްކުމުގެ ޒިންމާ ނަގައިގެން މަސްވެރިންގެ ބަހުންނަނަމަ ގޮޅި ހިސޯރުކޮށްގެން އެތިބެނީ މި މަސައްކަތް ކުރާނެ ދިވެއްސަކު ނެތިންގެން ނޫންކަން މަސްވެރި ފަރާތްތަކުން އެބަ ފާހަގަ ކުރެ އެވެ.

undefined

އެންމެ ބޮޑު އެއް މައްސަލަ އަކީ މަސްމާރުކޭޓުގައި ޖާގައިގެ ދަތިކަމެވެ. ގާތްގަނޑަކަށް ބައި ލައްކައެއްހައި މީހުންނަށް މަސް ފޯރުކޮށްދިނުމަށް ކޮންމެ ދުވަހަކު އެ މަސްވެރިން ކުރާ ހިތްވަރު އެބަ ފެނެ އެވެ. މަސްމާރުކޭޓުން މަސްވެރިންނަށް ހިތްހަމަޖެހިގެން ތިބެ މަސް ވިއްކައި ނަފާ ހޯދޭނެ ގޮތެއް ގާއިމުކޮށްދިނުމަކީ ވަރަށް ވެސް ބޭނުންތެރި މުހިންމު ކަމެއްކަމުގައި ފާހަގަކޮށްލަމެވެ.

"އަޅުގަނޑުމެން މިތާ މި ތިބެނީ. ތި ބޭފުޅުންނަށް ތި ކުދިންނަށް ކާން ބޭނުން ވާ މަސް ފޯރުކޮށްދޭން އައިސް. ބޮޑަށް ރުފިޔާ އަށް ވުރެ މުހިންމީ މި މަސައްކަތް. ކޮށްކޮ ބަލާލާ، ބޭބެ މިހުރި މަހުން އައި ގޮތަށް ފެންވެސް ނުވަރައި. މަސްކޮޅު ވިއްކައިގެން އަވަހަށް ދޯންޏަށްދާން ބޭނުންވެސް ވޭ. އެކަމަކު މިތަނަކުން ސާފު ފެންފޮދެއްވެސް ލިބެނިއްޔަކީ ނޫން. މީތަ ބޭބެ މެންނަށް އޮތް ހައްގު މިންވަރަކީ." މަސްވެރިޔަކު އަސަރާއެކު ކިޔައިދިނެވެ.

undefined

މަސްމާރުކޭޓުގެ އަގުތަކަށް ބަލާލާއިރު މިއަދު ކަނޑު މަސް އަދި ކަންނެތި ކިލޯއެއްގެ އަގު ހުރީ 35ރ އާއި 45ރ އާއި ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން މާރުކޭޓުގައި މިއަދު މުށިމަސް ވަރަށް ތިއާގިކޮށް ހުރި އިރު ކުދި މުށިމަސް ލިބެން ހުރީ 3ރ އާއި 5ރ އާއި ދެމެދުގެ އަގުތަކަށެވެ. މީގެ އިތުރުން ބޮޑެތި މުށިމަސް 8ރ އަދި 10ރ އަށް ހުރި އިރު މާރުކޭޓުގައި ދޮން ނޫމަސް ވެސް ލިބެން ހުރިކަން ފާހަގަކޮށްލެވެ އެވެ.

undefined

ފަރުމަހުގެ ތެރެއިން ރަތް މަހާއި ހަނދި މަހުގެ އިތުރުން ފާނަ އާއި ފިލޮޅު އަދި ކުރުމަހާއި މާނިޔަ މަސް ވެސް ލިބެން ހުރިކަން ފާހަގަކޮށްލެވެ އެވެ. މަސްވެރިން ވަނީ މިދުވަސްވަރު ކަނޑުމަސް ލިބެމުން އަންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކޮށްފަ އެވެ.

މާލޭ މަސް މާރުކޭޓަކީ ދިވެހިރާއްޖޭގެ ކަނޑުގެ ނަފާއާއި، މަސްވެރިންގެ ބުރަ މަސައްކަތް ރަމްޒުކޮށްދޭ ދިރުންހުރި ތަނެވެ. މިއީ ދިވެހި ސަގާފަތާއި އިޤްތިޞާދުގެ މުހިންމު ބަހާއަކަށްވުމާއެކު، މިއަދުގެ ޖީލުތަކަށާއި މުސްތަޤުބަލަށްޓަކައި މިއީ ރައްކާތެރިކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރަންޖެހޭ މުހިންމު ތަނެކެވެ. މަސްވެރިންގެ އަގު ހިފަހައްޓައި މަސްވެރިން އެ ފޯރުކޮށްދެމުން އަންނަ ޙިދުމަތްތަކުގައި ހުރި ގޮންޖެހުންތައް ގުޅުން ހުރި އިދާރާ ތަކުން އަޑު އައްސަވާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަމެވެ. މިއީ އަޅުގަނޑުގެ ނަޒަރުގައި އެންމެންގެ ވެސް ހައްގުތަކާއި ގުޅިފައިވާ އިޖުތިމާއީ ހައްލު ހޯއްދަވައިދޭންޖެހޭ މައްސަލަ އެކެވެ. މިއީ މަސްވެރިންގެ އާދޭހެވެ.

https://wamco.com.mv/
tel:+9607331319