logo

އިންތިޚާބީ ނިންމުންތަކުގައި އަމާނާތްތެރިކަން އިސްކުރަންޖެހޭ: އޭސީސީ

profile

މުޙައްމަދު ފަޟްލޫން - 12 ޖެނުއަރީ 2026 - 11:58

އިންތިޚާބީ ނިންމުންތަކުގައި އަމާނާތްތެރިކަން އިސްކުރަންޖެހޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ބުނެފިއެވެ.

https://wamco.com.mv/

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން އެންޓި ކޮރަޕްޝަނުން ނެރުނު ބަޔާނެއްގައި ވަނީ އިންިތހާބީ ދުވަސްވަރު ރިޝްވަތާއި ކޮރަޕްޝަންގެ އަމަލުތަކުން ދުރުވެތިބުމަށް ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވަމުންދާއިރު، ކެންޑިޑޭޓުންނާއި ވޯޓުލާ ފަރާތްތަކުން ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެ، ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ބޯލެނބުން މުހިއްމު ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބުތަކުގައި ރިޝްވަތު ދިނުމާއި ހިފުމަކީ މުވައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، މުޅި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބު އިޢުލާނުކުރާ ދުވަހުން ފެށިގެން ނަތީޖާ އިޢުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް، ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ނުވަތަ އިންތިޚާބީ ޙައްޤަކަށް ނުފޫޒު ފޯރުވުމަށްޓަކައި އެއްވެސް އެއްޗެއް ހަދިޔާގެ ގޮތުގައި ނުވަތަ އެނޫންވެސް ބޭނުމަކު ދިނުމާއި، ދޭން ހުށަހެޅުމާއި ނުވަތަ ވަޢުދުވުމަކީ ރިޝްވަތު ދިނުން ކަމުގައި ބެލެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކެންޑިޑޭޓެއްގެ ސިޔާސަތުތައް ހާމަކުރުން ފިޔަވައި، ވަކި ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ފައިސާ ނުވަތަ މަންފާއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދިނުމާއި، އެފަދަ ކަމަކަށް އުޅުމަކީވެސް ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައި ޤާނޫނީ ގޮތުން މަނާކޮށްފައިވާ ކަންތައްތައް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ ނަޒާހަތްތެރިކަމާއެކު ވޯޓުލައިގެން ކަމަށްވާތީ އިންތިހާބީ ނިންމުންތަކުގައި އަމާނާތްތެރިކަން އިސްކުރަން އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނާ ޚިލާފަށް ރިޝްވަތުގެ އެއްވެސް ޢަމަލެއް ނުހިންގުމަށާއި، އެފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެނަމަ ލަސްނުކޮށް ކޮމިޝަނަށް ހުށަހެޅުމަށް އޭސީސީގެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، ކެންޑިޑޭޓުން ނުވަތަ ކެމްޕޭން ކުރާ ފަރާތްތަކުން ކޮރަޕްޝަންގެ އެއްވެސް ޢަމަލެއް ހިންގާނަމަ، މައްސަލަ ރައްދުވާ ފަރާތާއި ތަފްސީލާއެކު ރިޕޯޓްކުރުމަށް އޭސީސީ އިން އެދިފައިވެއެވެ.

އިންތިހާބާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ކޮމިޝަނުން ފުރިހަމައަށް ތަޙުޤީޤުކުރާނެ ކަމުގެ އިތުބާރު ރައްޔިތުންނަށް އަރުވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay