logo

ބަހާއި ޢަމަލާ އެއްގޮތްވުން

profile

ޒިދާން މުޙައްމަދު - 09 ސެޕްޓެމްބަރު 2025 - 04:24

ދީނުގެ މަސްއަލަތައް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހިތުން ތެދުކޮށް ކަށަވަރުކުރަންޖެހޭ ބަޔަކާއި، ޢަމަލާއި ބަހުން ދައްކައިދޭންޖެހޭ ބައެވެ. މިގޮތުން ހިތުން ތެދުކޮށް ކަށަވަރުކުރާ މަސްއަލަތަކަށް ކިޔަނީ ޢަޤީދާއެވެ. އަދި ޢަމަލާއި ބަހުން ކުރާ ކަންތައްތަކަށް ކިޔަނީ އަޙްކާމެވެ.

https://wamco.com.mv/

ޢަޤީދާއަކީ ކަމަކަށް ޝައްކެއްނެތް ގޮތަށް ތެދުވެރިކަމާއި ކަށަވަރުކުރުމާއެކު އީމާންވުމެވެ. އިސްލާމީ ޢަޤީދާއަކީ ﷲއަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި، ފޮތްތަކަށާއި، ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރަށާއި ނުބައިމިންވަރަށާއި، ކީރިތި ޤުރުއާނާއި ޞައްޙަ ސުންނަތުން އައިސްފައިވާ ދީނުގެ އުޞޫލުތަކަށާއި އަމުރުތަކަށާއި ޚަބަރުތަކަށާއި، ސަލަފުއްޞާލިޙުން އިޖުމާޢުވެ ވަޑައިގެންފައިވާ ކަންކަމަށާއި، ﷲ ގެ ޙުކުމްފުޅުތަކަށާއި އަމުރުފުޅުތަކަށާއި ޝަރުޢުއަށާއި، ކިޔަމަންތެރިވުމުގައްޔާއި ޙުކުމްކުރުމުގައްޔާއި ތަބާވުމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އިސްކުރަންޖެހޭކަމަށް ތެދުކޮށް ކަށަވަރުކޮށް އީމާންވުމެވެ.

އަޤީދާ ވަރުގަދަ ވުމުގެ އިތުރުން ފުރިހަމަ މުއުމިނެއްގެ ޢަމަލާއި ބަހުން ކުރާ ކަންތައްތަކަށް ސީދާވާންޖެހެއެވެ. ސަލާމަތާއި ދެމިތިބުމަށްޓަކައި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ ބަހާއި ޢަމަލުން އިސްލާމްކަން ފާޅުކުރުން މުސްލިމަކަށް ވީހިނދު މުހިންމެވެ. ޙަޔާތުގެ މިކުރު ދަތުރުގައި އަޅާ ކޮންމެ ފިޔަވަޅަކީ ތިމާގެ ނަފްސު ﷲ ގެ ކޯފާއާއި އެއިލާހުގެ ޢަޛާބުން ސަލާމަތްވެހުރެ އަޅާ ފިޔަވަޅެއްކަމުގައި ހަދަންޖެހެއެވެ. އިންސާނާ އޭނާގެ ޙަޔާތުގެ ދަތުރުގެ ނަވުގައި އޭނާ، އޭނާގެ މަންޒިލަށް ވާޞިލުވުމުގައި، ފަޅުވެރިންގެ ގޮތުގައި އޭނާގެ އަހުލުންނާއި އަޚުންނާއި އުޚްތުންގެ އެހީ ހޯދައެވެ. ނަމަވެސް ވަކިހިސާބަކުން ނަވުގެ ދުވެލިމަޑުވެ ހުންގާނު ދޫކޮށްލަންޖެހޭ ދަނޑިވަޅުގައި އޭނާގެ އެންމެހާ އެހީތެރިންނާއި ވަކިވެއެވެ. އޭނަގެ އެންމެ ފަހުގެ މަންޒިލާއި ހަމައަށް ވާޞިލު ވުމުގައި ބާކީ ހުރި މަރުޙަލާތަކުގައި އޭނާ އެކަނި ވެއެވެ. މާނައަކީ އޭނާގެ އެހީތެރިން އޭނާގެ ބައިވެރިންކަމުގައި ކައްވަޅާއި ހަމައަށް ދެއެވެ.

ކައްވަޅުގައި އޭނާ އެކަނި ދޫކޮށްލުމަށްފަހު އެމީހުން އެނބުރި ދެއެވެ. އަދި މަހުޝަރު ކުރެވޭ ހިނދުގައިވެސް އޭނާ ވާހުށީ އެކަނި މީހެއްގެ ގޮތުގައެވެ. އެންމެންވެސް 'ނަފްސީ، ނަފްސީ' އޭ ގޮވާ ފިލަން ދުވާނެތެވެ. އެމީހަކާ އެމީހެކެވެ.

”يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ (*)وَأُمِّهِ وَأَبِيهِ (*)وَصَاحِبَتِهِ وَبَنِيهِ “

”މީހާ އޭނާގެ އަޚާގެ ކިބައިން ފިލަން ދުވާ ދުވަހެވެ. އަދި މަންމައާއި ބައްޕަގެ ކިބައިންނެވެ. އަދި ބައިވެރިޔާއާއި ދަރިންގެ ކިބައިންނެވެ.“

(ސޫރަތުލް ޢަބަސަ :34-36)

މިފަދަ ބިރުވެރި ދުވަހެއްގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި ތިމާގެ ނަފްސު ތައްޔާރު ކުރުމަށް މިދުނިޔޭގައި ލިބިގެންވަނީ ހީވެސްނުކުރާހާ ކުރުވަގުތު ކޮޅެކެވެ.

އަހަރުމެން އެކަކު އަނެކަކަށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީކޮށް ހަދާ ހިނދުގައި ޚުދު ތިމާއަށް އެޢަމަލުތައް ކުރެވޭތޯއާއި އެމުންކަރާތްތަކުން ބަރީއަ ވެވޭތޯ މީޒާންކޮށްލަމާ ހިނގާށެވެ. ވިސްނާ ފިކުރުކޮށްލަން ހިނގާށެވެ. ތިމާ އެހެންމީހުނަށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތް ނަހީ ކުރާ ހިނދުގައި ތިމާގެ ކިބައިގައި އެކަންތައްތައް އެގޮތަށް ނުވާނަމަ ތިމާއަކީ ކޮންފަދަ އަބާއްޖަވެރިއެއް ހެއްޔެވެ. ފަހަރުގައި ތިމާގެ ސަބަބުން އެހެންމީހަކަށް ތެދުމަގު ލިބިދާނެއެވެ. ނަމަވެސް ތިމާއަކީ އަމުރުކޮށް ނަހީ ކުރި އެކަންތައްކުން މަޙްރޫމްވެގެންވާ މީހަކު ކަމުގައިވާނަމަ ﷲ ގެ ހަޟްރަތުން ވަނީ ކޮންފަދަ ޖަޒާއެއްތޯ ސުވާލު ނުއުފެދޭ ހެއްޔެވެ؟

ﷲ ރުހިވޮޑިގެންނުވާ މިފަދަ ކަމެއް އަހަރުމެންގެ ކިބައިގައި ވާނަމަ އެކަންތައް އަވަހަށް އިޞްލާހު ކުރަމާ ހިނގާށެވެ. ﷲގެ ދީން ފެތުރުމުގައި ތިމާ ކުރާ މިންނެތް މަސައްކަތުގައި ލިޔާ ލިޔުންތަކާއި ބުނެވޭބަސްތަކަކީ އެންމެފުރަތަމަ ތިމާއަށްވާ ވައުޟެއް ކަމުގައި ހަދަމާ ހިނގާށެވެ. ނޫންނަމަ، ﷲ ރުހުމާއި ލޯބި ހޯދުމަށް އަދި އެއިލާހުގެ ދީން މަތިވެރިކޮށް ތަވްހީދުގެ ކަލިމަ މުޅިބިންމަތީގައި ޤާއިމްކުރަމަށް ތިމާ ދިން ޙިއްސާއަކީ އެއިލާހަށް ނުކިޔަމަންތެރިވީކަމުގެ މައްޗަށްވާ ޙުއްޖަތެއްކަމުގައި ވެދާނެއެވެ.

ބަހާއި ޢަމަލު ދިމާނުވާ މީހެއްގެ ބަސް ޤަބޫލު ކުރާނީ ފަހެ ކާކުހެއްޔެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގަންނަވަނީ އެއިލާހުގެ ދީން ފެތުރުމުގައި އިޚްލާސްތެރި އަޅުންނެވެ. މިއުންމަތައް އުފަންވި އެންމެ ހެޔޮ މީސްތަކުން ކަމުގައިވާ ނަބިއްޔާގެ ޞަހާބީން ކަންތައްކުރައްވަވާ ގޮތް ބަލާލަމާ ހިނގާށެވެ! ޤުރުއާނުގެ އާޔަތެއް ބާވާލެއްވިއްޖެނަމަ އެބޭކަލުން އެއާޔަތެއް ދަސްކުރައްވައެވެ. އަދި އެއަށް ޢަމަލު ކުރައްވައެވެ. ދެން އެއަށް ފަހުގައި މީސްތަކުންނަށް އެކަމަށް ގޮވާލައްވައެވެ.

https://etukuri.mv/
https://www.aslu.com.mv