
ގައުމީ ޝަރަފަކީ އިސްލާމްދީން: ހިމާޔަތްކުރުމަކީ އެންމެންގެ ވާޖިބެއް!

އައިޝަތު އިނާޝާ - 24 އޯގަސްޓު 2025 - 08:21
މިއަދަކީ ދިވެހިރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. ދިވެހީން ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ.
15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމެއްގައި ޕޯޗްގީޒުންގެ އަތްދަށުގައި ދިވެހިރާއްޖެ އޮތެވެ. ތާރީހު ދިރާސާ ކުރައްވާ ބޭފުޅުންގެ ލިޔުންތަކުގައިވާ ގޮތުން ނަމަ ޕޯޗްގީޒުން ރާއްޖެއަށް ވެރިވެގަތީ އެކެއް ޝަޢުބާން 965 ގައި ރާއްޖޭގެ ރަސްކަމުގައި ހުންނެވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށްފަހުއެވެ. އަލީ ރަސްގެފާނު ޝަހީދުވީ އިތުރު މީހަކާއެކު ގިނި ކަންޏާ ކަހަލަ ގޮތަކަށް ހަނގުރާމަ ކުރައްވަމުން ދަނިކޮށެވެ.
ތާރީހީ ލިޔުންތަކުގައި ގަދަފަދަ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކޮށްފައިވަނީ ދިވެހި ކަނޑުތައް ދިވެހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްވަރެއްގެ ގޮތުގައެވެ.
މިނިވަންކަން ފޭރިތުމަށްވުރެ، ބޮޑަށް ދިވެހީން ރުޅި ގަދަވީ ރާއްޖޭގައި އޮތް އިސްލާމް ދީން ފޮހެލަން ވެގެން ޕޯޗުގީޒުން ހިންގި ލާއިންސާނީ ޖަރީމާތަކާ ހެދިއެވެ. އެގޮތުން ގަދަ ބާރު ބޭނުން ކޮށްގެން ކަރަށް ރާ އެޅުމާއި އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމަކީ އެމީހުންގެ އާއްމު ކަމެކެވެ.
ޕޯޗްގީޒުންގެ އަނިޔާވެރި ވަކިތަކުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވީ ތިލަދުންމަތީ އުތުރުބުރީ އަލްޚަތީބު ޙުސައިން ތަކުރުފާނު އަދި އައިމިނާގެ ދަރިކަލުން އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ.
ރާއްޖެއަށް މިނިވަންކަން ހޯދައިދިނުގެ މޭސްތިރިއަކީ އެއީއެވެ. ބޮޑުތަކުރުފާނުގެ ކުޑަ ލަޝްކަރުގައި ދެން ނުކުންނެވީ އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަން ތަކުރުފާނާއި، އަލީ ހާޖީ އާއި ހަސަން ހާޖީގެ އިތުރުން އަލީ ދަންޑަހެލެވެ.
ބޮޑުތަކުރުފާނު އިސްވެ ހުންނަވައި އުތީމު ތިންބެއިން "ކަޅުއޮއްފުންމި" ބެންނެވިއެވެ. ކަޅުއޮށްފުންމި ބަންނަވައިން ބޮޑުތަކުރުފާނުގެ ކުޑަކުޑަ ލަޝްކަރު މަލިކަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ.
އަދި ބޮޑުތަކުރުފާނާއި އެތަކުރުފާނުގެ ލަޝްކަރު އިންޑިޔާގެ ކަންނަންނޫރަށް ގޮސް އެތަނުގެ އަލީ ރާޖާއާ ބައްދަލު ކުރައްވައި ލަޝްކަރު ބޮޑު ކުރެއްވިއެވެ
ލަޝްކަރު ބޮޑުކުރައްވައި ލަޝްކަރައިގެން ރާއްޖެވަޑައިގެންނެވި އިރު ކްރިސްޓިއަން ދީނަށް ނުވަންނަ ކޮންމެ މީހަކު ގަތުލު ކުރާނޭ ކަމަށް ޕޯޗުގީޒުން އޮތީ އިއުލާނު ކޮށްފައެވެ. އެހެންކަމުން މާލޭގައި ތިބި އިސްލާމް ދީން ދެކެ ލޯބިވާ މީސްމީހުން އަތު ޖެހުނު ހަތިޔާރެއް އެއްކޮށް ޕޯޗުގީޒުންނާ ހަނގުރާމަ ކުރަން ތައްޔާރުވިއެވެ. މިއީ ވެސް ބޮޑުތަކުރުފާނަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ. އަދި ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ އަނިޔާވެރި ލަޝްކަރާއި ހަނގުރާމަ ފައްޓަވައި ވަރުގަދަ ނުލަފާ ލަޝްކަރު ބަލިކޮށްލެއްވިއެވެ.
ބޮޑުތަކުރުފާނަކީ، ރާއްޖެ ދުށް އެންމެމަތިވެރި ގައުމީ ބަތަލެވެ.
އަނިޔާވެރިކަމުގައި ހައްދު ފަހަނަ އަޅައިފައިވާ އަނދިރި އަނދިރިން މަރުވީ ސީދާ ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއަކުން ކަމަށް ތާރީހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނެއެވެ.
މި މަތިވެރި ކާމިޔާބީގެ ހަނދާންތައް އާކުރަން ޖެހެނީ އެކަމަށް ޝުކުރުވުމުގެ ގޮތުންނެވެ.
މިނިވަންކަން ދެމެހެއްޓުމަކީ ފަސޭހަ ކަމެއްނޫނެވެ. އެތެރެއިންނާއި ބޭރުން އަންނަ ހަމަލާތަކަކަށް ފާރަވެރިވުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ވެސް ނޫނެވެ. އެއީ ކޮންމެ ދަރިއެއްގެވެސް މަސްއޫލިއްޔަތެކެވެ. މިއަދު ގައުމުތައް އަޅުވެތި ކުރަނީ ކަނޑިބަޑި ހިފައިގެން ނޫނެވެ. މިއަދު ގައުމުތަކުގެ މިނިވަން ކަމާކުޅެން ގެންގުޅޭ ހަތިޔާރަކީ ފިކުރީ ހަނގުރާމައެވެ. މާއްދީޔަތައް ދަހިވެތިވެ، ގެނބިގެންދާއިރު އެބައި މީހުންދަނީ އަޅުގަނޑުމެންގެ ޅަ ދަރީންގެ ސިކުނޑި ކައި ހުސްކުރަމުންނެވެ.
ގައުމީ ދުވަހެއް، އޮންނާނީ ގައުމެއް އޮވެގެންނެވެ. މިއީ ވިސްނާލުން މުހިންމު ކަންކަމެވެ.
އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރުމުގެ އަޒުމު އާކުރުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް، އޮތް ގައުމީ ވާޖިބެކެވެ. އަދި ގައުމީ ޝަރަފުކަމުގައިވާ އިސްލާމްދީން ހިމާޔަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ މަސްއޫލިއްޔަތެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން