logo

ތިންވަނަ ފަހަރަށް ގައުމަށް ރިހި މެޑަލް ހޯދައިދީ ދިވެހީން ފަހުރުވެރިކޮށްދީފި

profile

ޒިދާން މުޙައްމަދު - 12 ސެޕްޓެމްބަރު 2024 - 11:41

ބައިނަލްއަޤްވާމީ މުބާރާތެއްގެ ފައިނަލްގައި ކުޅެ، ތިން ވަނަ ފަހަރަށް ގައުމަށް ރިހި މެޑަލް ހޯދައިދީ ދިވެހިރާއްޖޭގެ ސީނިއަރ އަންހެން ވޮލީބޯޅަ ޓީމުން ދިވެހީން ފަހުރުވެރިކޮށްދީފިއެވެ.

ބުދަ ދުވަހުގެ ރޭ ނިމުނު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024ގެ ފައިނަލްގައި ރާއްޖޭގެ މައްޗަށް ކިރްގިސްތާނުން ކުރި ހޯދީ ތިން ސެޓު ދެ ސެޓުންނެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދިއިރު، މިމުބާރާތުގެ ދެވަނަ ލިބުނު ދިވެހި ގަައުމީ އަންހެން ވޮލީބޯޅަ ޓީމުން މިވަނީ ބައިނަލްއަޤްވާމީ ލެވަލްގައި ތިން ވަަނަ ރިހި މެޑަލް ހާސިލުކޮށްފައެވެ.

މީގެ ކުރިން، 2019 ވަަނަ އަހަރު ނޭޕާލްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލްގައިވެސް ދިވެހީން ކުޅުނެވެ. އަދި އޭގެ ފަހުން، މިދިޔަ އަހަރު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައިވެސް ރާއްޖޭގެ ޓީމު ވަނީ ފައިނަލްގައި ކުޅެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. އެކަމަކު ރާއްޖެއިން ވަނީ ދެވަނަ ސެޓުގައި ކުޅުނު ރަނގަޅުކޮށް، 26-24 އިން ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ޖެހިގެން އައި ސެޓު ފަށައިގެން ރާއްޖޭގެ ކުޅުންތެރިންނަށް ބައެއް ގޯސްތައް ހެދުނުއިރު، ކިރްގިސްތާނުން ވަނީ މި ސެޓު 25-18 އިން ސެޓު ނަގާފައެވެ. މިމެޗުގެ ހަތަރުވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން އިތުބާރާއެކު ކުޅުނުއިރު، މި ސެޓު ކާމިޔާބުކޮށްފައިވަނީ 25-22 އިންނެވެ. މި މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓު، ކިރްގިސްތާނުން ގެންދިޔައީ 15-9 އިންނެވެ.

ރަން މެޑަލް ހޯދުމުގެ ނަސީބެއް އަދި ނުލިބުނު ނަމަވެސް ދިވެހި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އާދަޔާ ޚިލާފު ރޫހަކާއި ލޯތްބެކެވެ. މެޗު ނިމުނު ފަހުން، އެންމެ މަތިން ފެށިގެން ތިރިއަށް ބަންޑުންކޮށްލީ ތައުރީފާއި ހިތްވަރުގެ ބަސްތަކެވެ.

މުބާރާތުގެ ފައިނަލް މެޗުގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓުކުރެއްވުމަށް ވަޒީރުންނާއި އެކި މުއައްސަސާތަކުގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓަށް ގޮސްފައެވެ. މި މުބާރާތުގައި ހަތަރު ގައުމެއް ވާދަކުރިއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ކިރްގިސްތާނުގެ އިތުރުން، ތަޖިކިސްތާން އަދި އަފްޣާނިސްތާނެވެ.


tel:+9607331319