logo

1484 ހެލްޕްލައިން މުދައްރިސުންނަށް ބޭނުންކުރެވޭ ގޮތަށް ހަދައިފި

profile

އައިޝަތު އިނާޝާ - 10 އޮކްޓޯބަރު 2024 - 19:08

ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ދިމާކޮށް، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމަށް ޤާއިމްކުރި ހެލްޕްލައިން 1484، މުދައްރިސުންނަށް ވެސް ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައި، އެކަން އިފުތިތާހުކޮށްފިއެވެ.

މިއަދު ހެނދުނު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި ހެލްޕްލައިން އިފުތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިސްނަގައިގެން މި ހެލްޕްލައިން ޤާއިމްކޮށްފައިވަނީ ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއި އެކުގައެވެ.

މި ހެލްޕްލައިންގެ މަޤްޞަދަކީ، ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މި ނިޒާމްގެ ތެރެއިން، ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ކަންބޮޑުވުންތަކާ ގުޅިގެން ދިމާވެދާނެ ނަފްސާނީ ހާސްކަމަކުން އަރައިގަތުމަށް ކައުންސެލަރުން މެދުވެރިކޮށް އެހީ ފޯރުކޮށްދިނުމާއި ދަރިވަރުންނަށް އާރލީ އިންޓަވެންޝަންދިނުމާއި، ސްކޫލް ކައުންސިލިންގ ޚިދުމަތް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީއިން ކުރާ ގިނަ މަސައްކަތްތަކުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ މުދައްރިސުންކަމަށާއި، އެހެންކަމުން މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ މިނިސްޓްރީއިން އިސްކަންދޭ ކަމެއްކަމަށެވެ. އަދި މި މި ހެލްޕްލައިން މެދުވެރިކޮށް، މުދައްރިސުންގެ ހުރި ކަންބޮޑުވުންތަކަށް ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

މި ހެލްޕްލައިންގެ ޚިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށެވެ.

މި ހެލްޕްލައިން މެދުވެރިކޮށް ދަރިވަރުންނާއި މުދައްރިސުންނަށްވެސް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ކޮށްފައިވާ ސްކޫލްތަކުގައި ކައުންސެލަރުނެވެ.

https://int.etukuri.mv/
tel:+9607331319