logo

ވޭޕް މަނާ ކުރަން ނިންމެވުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޝުކުރު ރައީސަށް

profile

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2024 - 22:14

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރާއްޖެއަށް ވޭޕް އެތެރެކޮށް، ބޭނުން ކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މިއެޑިޔުކޭޝަން މިނިސްޓްރީން މަރުޙަބާ ކިޔައިފިއެވެ.

މިނިސްޓްރީއިން ކުރި ޕޯސްޓެއްގައި ބުނެފައިވާގޮތުން ވޭޕް މަނާކުރުމަށް 215 ސްކޫލެއްގެ ޕީޓީއޭއިން މިނިސްޓްރީގައި ވަނީ އެދިފައެވެ. އަދި ވޭޕްކުރުމުގެ ނުރަނގަޅު އާދައަށް ހޭލުންތެރި ކުރުވުމަށްޓަކައި ސެޕްޓެންބަރު މަހުން ފެށިގެން މިނިސްޓްރީއިން ދިޔައީ ސްކޫލުތަކުގެ އިސްވެރީންނާއި ޕީޓީއޭގެ މެންބަރުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުން ކަމަށްވެސް ބުނެފައި ވެއެވެ.

އެ މިނިސްޓްރީން ބުނީ މިފަދަ ދަނޑިވަޅެއްގައި ވޭޕް މަނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ނިންމެވުމުން، އެ ނިންމެވުމަށް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުންގެ ބެލެނިވެރިންގެ ނަމުގައި ޝުކުރާއެކު މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިއީ، ސިއްޙަތު ރަނގަޅު، ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ރައީސް ނިންމެވި މުހިންމު ނިންމެވުމަށް ކަމަށް އެ މިނިސްޓަރީން ވަނީ ބުނެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ.

ހަމައެއާއެކު 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލް އުމުރުފުރައިގެ ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާއެކު އިތުރު ވަމުންނެވެ. ވޭޕް މަނާކުރުމުގެ މުހިންމުކަން މި ތަފާސްހިސާބުތަކުން ވެސް އެނގިގެންދެއެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވައި ރައީސް ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައިވާ ގޮތުގައި، މައިގަނޑުކޮށް އެޅުއްވުމަށް ނިންމެވީ ދެ ފިޔަވަޅެކެވެ. އެއީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ އަދި އެޑްވަލޮރަމް ރޭޓް މަތިކުރަން ނިންމެވި ނިންމެވުމެވެ.

އެގޮތުން ރައީސް ވިދާޅުވިގޮތުގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މިހަފުތާގައި މަޖިލީހަށް ފޮނުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުން ނިންމަވާފައިވަނީ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުމަށާއި މިމުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުމަށެވެ.

މީގެ އިތުރުން ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެއްޓެވުމަށް ވެސް ނިންމަވައި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް ދިވެހީންގެ މިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

https://wamco.com.mv/
tel:+9607331319