logo

އިރާދަކުރެއްވިއްޔާ ފެންނާނީ ސަރަޙައްދީ ތަރައްޤީގެ އާ ބާބެއް: ރައީސް

profile

އައިޝަތު އިނާޝާ - 18 ނޮވެމްބަރު 2024 - 13:15

"ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" - ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

"ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" - ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

އިރާދަކުރެއްވިއްޔާ ފެންނާނީ ސަރަޙައްދީ ތަރައްޤީގެ އާ ބާބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ހަފުތާ 52- ރައްޔިތުންނާއެކު ކުރިއަށް" މިނަމުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި މަތީ ފަންތީގެ ޚިދުމަތްތަކާއެކު އަރބަން ރީޖަން ތަޢާރަފުކޮށް، މިހާރު އިޢުލާނުކޮށްފައިވާ ފަދައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 7 އާރބަން ސެންޓަރު ތަރައްޤީކުރެވިގެންދާނެކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެންމެންނަށްވެސް އެއް ފެންވަރެއްގެ ރަނގަޅު ޚިދުމަތްތައް ލިބުންކަމަށެވެ. އެހެންނަމަވެސް މި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯއްދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ އާބާދީ އެއްފަސްކުރެވެންދެންވެސް، ހުރިހާ ޚިދުމަތްތަކެއް ހުރިހާ ރަށަކުން ލިބޭނޭ ގޮތް ފަހިކޮށްދެއްވުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ، އެގޮތުން، އޭޓީއެމް ނެތް ހުރިހާ ރަށްތަކުގައި އޭޓީއެމް ޚިދުމަތް ފަށައި، ކޮންމެ ރަށަކުން އެސް.ޓީ.އޯ ރޭޓުގައި ތެޔޮ ލިބޭނޭ އިންތިޒާމު ފަހިކޮށްދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހުރިހާ އަތޮޅަކަށް އާރް.ޓީ.އެލްގެ ޚިދުމަތް ފުޅާކޮށް، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސަބްސިޑީއާއި އާސަންދަ އަދި އިޖުތިމާޢީ ރައްކާތެރިކަން، ސަލާންޖަހަން ނުޖެހޭ މިންވަރަށް ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޕޭ ހާމަނައިޒްކުރުމުގެ ނިޒާމުގެ ތެރެއިން މިހާރު މުސާރަ ބޮޑު ނުވެ ހުރި ސިވިލް ސަރވަންޓުންގެ މުސާރަ އަންނަ އަހަރު ބޮޑުކޮށް، 2026 ގެ ނިޔަލަށް ޖުޑިޝަރީގައި މަސައްކްކުރާ ހުރިހާ މަސައްކަތްތެރިންގެ މުސާރަ ބޮޑުކުރައްވާނޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާން ކުރައްވާފައެވެ.

ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ގިނަ ޢަދަދެއްގެ މަޝްރޫޢުތައް ފެށުމަށް ހަމަޖެހިފައވާކަމާއި، ޞިއްޙީ ދާއިރާގެ ބިނާރު ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކެންސަރ، ތެލެސީމިޔާ، މެންޓަލް ހެލްތުގެ ސްޕެޝަލްޓީ ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި 5 ހޮސްޕިޓަލު ޤާއިމުކުރުމަށް ރާއްވަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޞިއްޙީ ދާއިރާގެ ޢިމާރާތް އެޅުމާއި، އިކުއިޕްމަންޓް ގަތުމާއި، މީހުން ބިނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ބާކީ މި އޮތް ހަފުތާތަކުގެ ތެރޭގައި ޖީޕީ ނުވަތަ ޢާންމު ބަލިތަކުގެ ކްލިނިކްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޙަޤީޤީ ޢަމާޒަކީ، ސިއްޙީ ފަރުވާ ހޯދުމަށް، ދިވެހިން ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން ލުއިކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާލުވިއެވެ.

މީގެ އިތުރުން، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕްރައިމަރީ ހެލްތުކެއަރ ފުޅާކުރެވިގެންދާނެކަމަށާއި، މޯލްޑިވިއަން އަށް މިހާރު ގެނެސްފައިވާ ވައިޑް ބޮޑީ އެއާކްރާފްޓު ބޭނުންކޮށްގެން ޗައިނާއާއި ޔޫރަޕަށް ސީދާ ދަތުރުތައް ފަށާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަސްވެރިން ބާނާ މަސް ޕްރޮސެސްކޮށް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ އަމަލީ މަސައްކަތްތައް ފެށި، އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ރާއްޖޭގެ މައި ދޮރާށިކަމުގައިވާ ވެލާނާ އެއަރޕޯޓްގެ މަސައްކަތް ނިންމައި، ބޭނުންކުރަން ފެށޭވަރުވާނެކަމަށް ލަފާކުރެއްވޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319