logo

ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައަޅަން ޖެހޭ: ރައީސް

profile

ޝުރުފާ މުހައްމަދު - 12 ނޮވެމްބަރު 2024 - 23:50

ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި  ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ-- - ފޮޓޯ: ރައީސް އޮފީސް

ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ-- - ފޮޓޯ: ރައީސް އޮފީސް

ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވާލެއްވީ ކޮޕް 29 ގެ ހަވާސާގައި ބޭއްވި ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މި ލަނޑުދަނޑިން ދޭ މެސެޖަކީ އެންމެ ނާޒުކު ޤައުމުތައް ބާކީ ނުވާނެ މެސެޖަކަށް ހެއްދެވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ނާޒުކުކަމަށް ކުރާ ޚަރަދަކީ ތަކުލީފެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމާއެކު، މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ.

މިކަމުގައި ޕްރައިވެޓް ސެކްޓަރގެ މުހިންމު ދައުރު ފާހަގަކުރައްވަމުން، އެ ދާއިރާގެ އެހީތެރިކަމާއެކު ފަހި އިނާޔަތްތަކަކާއެކު މާނަވީ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކުރެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ޕްރައިވެޓް ސެކްޓަރުން ލޯން ދޫކުރާ ރަސްމީ ފަރާތްތަކާއި ގުޅިގެން އެކަށޭނަ ގޮތްތަކެއްގައި ލޯނު ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޒަރޫރީ އެހީ ހޯދުމުގައި ސިޑްސްއަށް ފަސޭހަ ކުރުމަށްޓަކައި ގްރާންޓް-ބޭސްޑް ފައިނޭންސިންގ އަދި ކޮންސެޝަނަލް އިންސްޓްރުމަންޓްތަކަށް ބިނާކޮށް ބައިނަލްއަޤްވާމީ މުޖުތަމައުން އެހީތެރިކަން ފޯރުކޮށްދީ ސިޑްސްގެ ޤައުމުތައް ބާރުވެރިކުރުވުމަށް ގޮވާލެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، މިކަމުގައި ފިޔަވަޅު ނޭޅުން ނުވަތަ ފިޔަވަޅު އެޅުން ލަސްކުރުމަކީ ރާއްޖެފަދަ ޤައުމުތަކަށް އޮތް ފުރުސަތެއް ނޫން ކަމަށާއި އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި މިކަން ނާކާމިޔާބުވިޔަނުދީ ކާމިޔާބީއަށް ވާސިލުވުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް ގޮވާލެއްވި އެވެ.

އަޒަރުބައިޖާނުގައި ކުރިއަށްދާ 29 ވަނަ ކޮޕް ސަމިޓުގެ ހައި-ލެވެލް ރައުންޑްޓޭބަލް ބައްދަލުވުން ވެގެންދިޔައީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބެންކުތަކުން، ޕެރިސް އެގްރީމަންޓްގެ ލަނޑުދަނޑިތައް ބިންގަލަކަށް ބަލައިގެން އެ ލަނޑުދަނޑިތައް ފުޅާކުރުމުގައި، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލެއް ކަނޑައެޅުމަށް ވިސްނައިގެން، މޫސުމީ ބަދަލުތަކަށް މާނަފުން ގޮތެއްގައި ޚަރަދު ހޯދުމަށް މަސައްކަތް ކުރުމަށް ލިބުނު މަންސައަކަށެވެ.

https://wamco.com.mv/
tel:+9607331319