ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރުމުގައި، ކޮންމެ ހިނދުކޮޅެއް، ކޮންމެ ވަގުތުކޮޅެއް ވެސް ހޭދަކުރައްވަނީ، ރައްޔިތުން ހަވާލުކުރީ ވަރުގަދަ ޒިންމާއެއްކަން ގަބޫލުކުރައްވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެ މަނިކުފާނުގެ ބައްޕާފުޅު މަރްހޫމު އައްޝައިޚް ހުސައިން އަބްދުއްރަހްމާން ލިޔުއްވި "ދައުލަތާއި ވެރީންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް" ގެ އެކި ސަފްހާތަކުގެ ވާހަކަފުޅުތައް ހިއްސާ ކުރައްވައިފައެވެ.
މިދިޔަ އެއް އަހަރުގެ ތެރޭގައި ހިދުމަތް ކުރެއްވުމަށް އެމަނިކުފާނު ކުރެއްވި ހުރިހާ މަސައްކަތެއް ކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެންކަން ފާހަގަ ކުރަށްވާ ރައީސް ވިދާޅުވީ އެއީ ރައްޔިތުންގެ އަޑުއަހައި، އެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖެއްސުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ބޭނުންވާ އަމާޒަށް ދެވޭނީ ހަވާލުކުރި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކޮށްގެން ކަމަށާއި މި ސަރުކާރުގެ ވެރިންނަކީ ޒިންމާއިން ރެކޭނެ ބައެއް ނޫންކަމަށެވެ.
ގައުމުގެ ކަންކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވިޔަސް، ގައުމުގެ ކަންކަން ކުރަން އިސްވެ ތިބޭނީ ދިވެހިން: ރައީސް
ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިއަކަށް ވީތީ އެއީ ކާކުތޯ ބެލުމެއް ނެތި ހިފަހައްޓައި އަނިޔާ ދިން ޒަމާން މާޒީވެ ގޮސްފައިވާ ކަމަށާއި، މި ސަރުކާރުގައި ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ދުވަހަކު ވެސް ނޯންނާނެ ކަމަށެވެ. އަދި ވަކި މީހަކީ ނުވަތަ ބަޔަކީ އެއީ އެމަނިކުފާނުގެ ވާދަވެރިއަކަށް ވީތީ އަސާސެއް ނެތް ތުހުމަތެއްކޮށް ޖަލަށް ލައި، ބަންދުކޮށް އަނިޔާ ދިން މަންޒަރެއް ވެސް މި ސަރުކާރުގައި ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ދިފާއީ ބާރު ވަރުގަދަކޮށް، ހާރިޖީ ދާއިރާ ވަރުގަދަކޮށް ދިވެހިންގެ މަސްލަހަތު އިސްކޮށް ދިވެހިންނަށް އެންމެފައިދާ ވާގޮތްތަކަށް ކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުގެ މައްސަލަގައި މިއަދު ދިވެހި ސަރުކާރުން އަޑުއުފުލަނީ ޖެހިލުމެއް ނެތި ފަހުރުވެރިކަމާއެކުގައި ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނާއެކު، މަސައްކަތްކުރާނީ އުމްރާނީ ބިނާ ކުރުމާއި، ފިކުރީ ބިނާ ކުރުން ކަން ފާހަގަ ކުރަށްވާ ރައީސް ވިދާޅުވީ ނިމިގެންދިޔަ އެއް އަހަރުގެ ތެރޭގައި މުހިންމު ބިންގާތަކެއް އެޅު މަސައްކަތް ފެށިފައިވާ ކަމަށާއި މަސައްކަތް ކުރާނީ އެ ވައުދުތައް ފުއްދުމުގެ ނިޔަތުގައި ކަމަށެވެ.
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި 8 ބިލިއަން ރުފިޔާ ޗާޕުކުރިކަން ފާހަގަ ކުރަށްވާ ރައީސް ވިދާޅުވީ މި ސަރުކާރުގައި ފައިސާ ޗާޕު ނުކުރާނެ ކަމަށެވެ. މި ސަރުކާރުން މަސައްކަތް ކުރާނީ އެންމެ މުއްސަނދި މީހާ އަތުން ނިކަމެތި މީހާއަށް އެހީތެރިކަން ހޯދާ ދިނުމަށް ކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް ބިނާ ވެފައިވަނީ މައިގަނޑު ގޮތެއްގައި އެކަމަށް ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އަމާޒަކީ 2028 ވަނަ އަހަރާ ހަމަޔަށް ދާއިރު 10 ބިލިއަން ރުފިޔާގެ ޖީޑީޕީއެއް އުފެއްދުންކަން ފާހަގަ ކުރަށްވާ ރައީސް ވިދާޅުވީ ބަޖެޓް ތަންފީޒު ކުރަން ފެށުމާއެކު އުފެއްދުންތެރިކަން އިތުރުވެ، ދިވެހިންނަކީ މުއްސަދި ބަޔަކަށް ވެގެން ދާނެ ކަމަށެވެ.
5 މިލިއަން ރުފިޔާއިން ދަށުގެ ބިލުތަކުގެ ފައިސާ ދައްކާ ހަލާސްކޮށްފައިވާކަން ފާޙަގަ ކުރަށްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 78 މިލިއަން ޖަމާކޮށްފައިވާނެ ކަމަށެވެ.
އިގްތިސާދު ވަރުގަދަ ކޮށް ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަ ކުރަށްވަމުން ރައީސް ވިދާޅުވީ 2025 ގެ ޖޫން މަހަށް އެއާޕޯޓްގެ މަސައްކަތް ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
މިއަހަރަކީ ފުރަތަމަ ދެމިލިއަންނަށް ވުރެ ގިނަ ޓުވަރިންޓުން ރާއްޖެއަންނާނެ އަހަރުކަން ފާހަގަ ކުރަށްވާ ރައީސް ވިދާޅުވީ މިއަހަރު އެކަނި 1984 ބެޑު އިތުރު ކުރެވިއްޖެ ކަމަށެވެ.
މަސައްކަތް ކުރަނީ ރައްޔިތުންގެ ފަޅިގައި ތިބެގެން. މިނިވަވަންކަމާ ސިޔާދަތު އިސް ކުރުމަށް ފަހު ދެން އެންމެ އިސްކަން ދޭނީ ގެދޮރުވެރިކަމަށް. ގެދޮރުވެރިކަން ޔަގީން ކުރުމަށް ސަރުކާރުން މި ހުޅުވާލަނީ ރަނުގެ ފުރުސަތެއް. ރައީސް
ރައީސްގެ ވާހަކަ ނިންމަވާލައްވަމުން؛
އިރާދަކުރެއްވީތީ އަޅުގަނޑު، ރައްޔިތުން އަޅުގަނޑާ ހަވާލު ކުރި ޒިންމާ އަދާ ކުރުމުގައި، ކޮންމެ ހިނދުކޮޅެއް، ކޮންމެ ވަގުތުކޮޅެއްވެސް އަޅުގަނޑު ހޭދަ ކުރަނީ، ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ ވަރުގަދަ ޒިންމާއެއްކަން ގަބޫލުކޮށްގެނޭ. ވަރުގަދަ މަސްއޫލިއްޔަތެއްކަން ގަބޫލުކޮށްގެނޭ. ރައީސް ވިދާޅުވިއެވެ.