
ރައީސް މުޙައްމަދު ނަޝީދު
އިންޑިއާ ކަނޑުގެ މައްސަލަތަކުގެ ތެރެއަށް ޗައިނާއަށް ނުވަދެވޭނެ - ނަޝީދު

އަހުމަދު ޒަލީފު - 12 މޭ 2024 - 14:12
އިންޑިއާ ކަނޑުގެ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ހައްޤު ޗައިނާއަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްރީލަންގެ "މޯނިން" ނޫހަށް ދެއްވި ސުވާލާއި ޖަވާބުގެ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، ރާއްޖޭން އިންޑިއާއެކު ބާއްވާ ގުޅުން ހީނަރުވެފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ ބަލިކަށިވެފައިވާ ކަމަށެވެ. އަދި ރާއްޖޭން ޗައިނާއެކީ ގުޅުން ބަދަހި ކުރި ނަމަވެސް އިންޑިއާ ކަނޑުގެ މައްސަލަތަކުގެ ތެރެއަށް ޗައިނާއިން ނުވަދެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގައި ތިބޭ ގައުމުތަކުގެ ކަންކަން ބަލައި މައްސަލަތައް ހައްލު ކުރުމަކީ އެ ގައުމުތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމުގައި ޗައިނާއަށް ވަކި ހާއްސަ ދައުރެއް ނޯންނާނެ ކަމަށެވެ.
"އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަކީ އިންޑިޔާ ކަނޑަށް ނިސްބަތްވާ ގައުމު ތަކުގެ ޒިންމާއެއް" ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު ޗައިނާއަކީ އިންޑިއާ އާ ދެކޮޅުވެރި ބައެއްކަން ނަޝިދުވަނީ ފާހަގަކުރައްވާފައެވެ. އަދި ޗައިނާއިން މިހާތަނަށް ވެސް ކުރި ކަމަކީ ދިވެހި ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ އަގުތައް ބޮޑު ކުރުން ކަމަށާ، ސިނަމާލެ ބްރިޖު އެޅުމުގެ ނަމުގައި ޗައިނާއިން ދޫކޮށްފައި ލޯނުތައް އަނބުރާ ދައްކައި ނުނިމޭނެ ކަމަށާއި އެއީ ދަރަނި ދަންތުރައެއް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ދިވެހިން އަމިއްލަ ގައުމުގެ ވިޔަފާރި ދަށްކޮށްލައި އެކްސްޕާޓުންނާއި, ތަކެއްޗާއި، ކަމަށް ބޭނުންވާ ފައިސާވެސް އެތެރެކޮށް ރާއްޖޭގައި މަޝްރޫޢުތައް ހިންގަމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ރާއްޖެއަށް އެންމެ ރަނގަޅުގޮތް ނޫންކަމަށާއި އިންޑިއާ އެކީ ކުރިން އޮތް ގުޅުން ބަދަހިކުރުމަށް ނަޝީދު ވަނީ ގޮވާލާފައެވެ. އަދި އިންޑިއާ އާއި ރާއްޖެއަކީ ހުރިހާ ގޮތަކުންވެސް ގުޅިލާމެހިފައިވާ ދެ ގައުމު ކަމަށާ އެކުގައި މަސައްކަތް ކުރި ވަރަކަށް ދެގައުމަށްވެސްވާ ފައިދާ ބޮޑުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން