
--
އިޓަލީވިލާތުގައި ބޯޓެއް ބަންޑުންޖަހައިލާ ހަތަރު މީހުން މަރުވެއްޖެ

އަހުމަދު ޒަލީފު - 30 މޭ 2023 - 16:11
އިޓަލީވިލާތުގެ އުތުރު ލޮމްބަރްޑިޔާ ސަރަޙައްދުގައި އޮންނަ ލޭކް މަޖޯރޭ ފެންގަނޑުގައި ދަތުރުކުރަމުންދިޔަ ބޯޓެއް ބަންޑުންޖަހައިލާ ހަތަރު މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ފެންގަނޑުގެ ދެކުނު ކޮޅުގައި އޮންނަ ލިސާންޒާ ކިޔާ ރަށެއްގެ އައްސޭރިފަށަށެވެ. ބޯޓު ބަނޑުންޖަހައިލުމުން ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ފެންގަނޑަށް ވެއްޓިފައެވެ. ބޯޓު ބަންޑުންޖަހައިލާފައި ވަނީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ދަތުރުކުރަމުންދިޔަ މީހުންގެ ތެރޭގައި ގިނައީ ފަތުރުވެރިންނެވެ. ބޯޓު ބަންޑުންޖަހައިލުމުން 19 ވަރަކަށް މީހުން ވަނީ ފަތާފައި ގޮސް ލިސާންޒާއަށް އަރާފައެވެ. ނަމަވެސް، އިތުރު މީހުން ގެއްލިފައިވާ ކަމަށް ބެލެވޭތީ އިޓަލީވިލާތުގެ ކަމާބެހޭ އިދާރާތަކުގެ ޑައިވަރުން ދަނީ އެ މީހުންގެ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ހެލިކޮޕްޓަރުތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.
މި ހާދިސާ ހިނގާފައި ވަނީ 25 މީހުންނާ އެކު ބޯޓު ދަތުރުކުރަނިކޮށް ކަމުގައި ލޮމްބަރްޑިޔާގެ އޮފިޝަލުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 ފަތުރުވެރިންނާއި ދެ ފަޅުވެރިންނެވެ. އެއީ، އެ ސަރަޙައްދު ބަލައިލުމަށް ފަތުރުވެރިން ކުއްޔަށް ހިފާފައިވާ 52 ފޫޓުގެ އުޅަނދެއް ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.
އެ ބޯޓު ބަންޑުންޖަހައި ހާދިސާގައި މަރުވި ހަތަރު މީހުންގެ ތެރެއިން ދެ މީހަކީ އިޓަލީވިލާތުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ. ތިންވަނަ މީހަކީ ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާގެ ވަޒީފާއިން ރިޓަޔަރކޮށްފައިވާ އުމުރުން ދުވަސްވީ އަންހެނެކެއެވެ. ޔަހޫދީ އިސްރާޢީލުގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން ކަށަވަރު ކޮށްދީފައެވެ. ބޯޓުގެ ކައްޕިތާނުގެ އަނބިމީހާ ވެސް މި ހާދިސާގައި މަރުވިއެވެ.
ލޭކް މަޖޯރޭއަކީ އެލްޕްސް ފަރުބަދަތަކުގެ ދެކުނުން އޮންނަ ފެންގަނޑެކެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު އެ ފެންގަނޑަކީ އިޓަލީވިލާތުގައި އޮންނަ ދެވަނައަށް އެންމެ ބޮޑު ފެންގަނޑެވެ. އެ ފެންގަނޑަށް ބޯޓެއް ބަންޑުންޖައިލާ ހަތަރު މީހުން މަރުވެފައި މި ވަނީ މޫސުމާ ގުޅޭ ކާރިސާއެއްގައި ކަމަށް އިޓަލީވިލާތުގެ އޮފިޝަލުން ވިދާޅުވާއިރު، އެ ޤައުމުގައި ހިނގާ މޫސުމާ ގުޅުންހުރި މި ފަދަ ހާދިސާތައް އިތުރުވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން