
އެސްޓީއޯއިން ލުނބޯ ނެރުނީ ކިލޯއެއް 40ރ އަށް

ޝުރުފާ މުހައްމަދު - 19 ފެބްރުއަރީ 2025 - 06:57
ކުރިއަށް މި އޮތް ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެސްޓީއޯއިން ބާޒާރަށް ލުނބޯ ނެރެފި އެވެ.
ރަމަޟާން މަހުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް، އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން އަގު ބޮޑުވާކަން ފާހަގަވެފައިވާ ބައެއް ބާވަތްތައް އެސްޓީއޯއިން އެތެރެކުރަން ފަށާފައިވާއިރު، ލުނބޮއަކީ އޭގެ ތެރެއިން އެއް ބާވަތެވެ. އެގޮތުން ބާޒާރުގައި މިވަގުތު ލުނބޯ ލިބެން ހުރީ 60ރ އާއި، 85ރ އާ ދެމެދުގެ އަގުތަކުގަ އެވެ. މިދިޔަ ހަފްތާ ތެރޭގައި ލުނބޯގެ އަގު 100ރ އަށް ވެސް އެރި އެވެ.
އެސްޓީއޯއިން އިންޑިއާ މެދުވެރުކޮށް ގެނައި ލުނބޯ މިހާރު ވިއްކަން ނެރެފައިވާއިރު، އެ ކުންފުނިން ވިއްކަނީ 40ރ އަށް ކިލޯއެކެވެ. ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ޚާއްސަ ރޭޓެއްގައި ވިއްކާއިރު، ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145ރ. އަށެވެ. އަދި ފަސް ކޭހަށް ވުރެ އިތުރަށް ނަގާ ނަމަ، ފޮއްޓެއް 135ރ. އަށް ލިބޭނެ އެވެ.
އެސްޓީއޯއިން ރިޓެއިލްކޮށް ވިއްކާ ލުނބޯ ޕީޕަލްސް ޗޮއިސް އިން ލިބޭ އިރު، ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ވިއްކަން ލިބޭނީ އެސްޓީއޯގެ ވެއާހައުސް އިންނެނެވެ.
ބާޒާރުގައި އަގުބޮޑުވާ ތަކެތީގެ ތެރެއިން މިދިޔަ ހަފްތާ ތެރޭގައި އެސްޓީއޯއިން ވަނީ ކާށި އެތެރެކޮށް 5ރ އަށް ކާއްޓެއްގެ ރޭޓުގައި ކާށި ވެސް ވިއްކަން ފަށާފަ އެވެ. ކާށީގެ އަގު އުޅެނީ 10ރ އާއި 25ރ އާއި ދެމެދުގަ އެވެ. އަދި ފިޔާ ވެސް ގެނެސްފައިވާއިރު ބާޒާރުގައި މިވަގުތު ފިޔާ ލިބެން ހުރީ 30ރ އާއި 50ރ އާ ދެމެދުގަ އެވެ. އެކަމަކު އެސްޓީއޯ އިން ފިޔާ ވިއްކަނީ 15ރ އަށެވެ.
ރަމަޟާން މަހަށް ތަކެތީގެ އަގުތައް ކޮންޓްރޯލްކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުކޮށް ރައްޔިތުން ބޭނުންކުރާ 134 ބާވަތެއްގެ ކާބޯތަކެތީގެ ލިސްޓެއް ވެސް އެކުލަވާލާފަ އެވެ. މިނިސްޓްރީން ބުނި ގޮތުގައި މި ލިސްޓު އެކުލަވާލާފައި ވަނީ 4 ކަމަކަށް ބަލައިގެންނެވެ. އެއީ ޔުނިސެފުން ގެންގުޅޭ މިންގަނޑަށް، ރާއްޖޭގެ އިމްޕޯޓް އަދި ޑިމާންޑް، ކޮންސިއުމަރ ޕްރައިސް އިންޑެކްސް އަދި ގޭބީސީތަކުގައި ގިނައިން ބޭނުންކުރާ ތަކެއްޗާއި ރައްޔިތުންގެ ދުޅަހެޔޮކަމެވެ. އެގޮތުން މީގެ ތެރޭގައި މި ހިމެނެނީ އާންމު ގޮތެއްގައި ގޭބީސީތަކުގައި ބޭނުންކުރާ 98 ބާވަތާއި މޭވާ އާއި ތަރުކާރީގެ 38 ބާވަތެވެ. މީގެ ތެރެއިން 32 ބާވަތެއް ވަނީ ކްރިޓިކަލް އައިޓަމްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.