
ހޯމް ސްކޫލިންއާ ބެހޭ ބިލުގެ އަމާޒަކީ އަންހެން ކުދިން ޖާރިޔާއިންނަށް ހެދުން: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 09:44
ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ހޯމް ސްކޫލިންއާ ބެހޭ ބިލަކީ އަންހެން ކުދިން މަދަރުސާއަށް ނުފޮނުވައި، އެ ކުދިން ޖާރިޔާއިންނަށް ހެދުމުގެ ހީލަތްތެރި ވިސްނުމެއް ކަމަށް ވިދާޅުވެ، އެ ބިލާ ދެކޮޅަށް ނުކުތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މީސްމީޑިއާ މަންސަ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ތައުލީމާ ގުޅޭ އެ ބިލުގެ ހަގީގީ އަމާޒަކީ އަންހެން ކުދިން މަދަރުސާއަށް ފޮނުވުން ހުއްޓުވައި، އެ ކުދިންނަކީ ޖާރިޔާއިން ކަމުގައި ހެދުމުގެ ފަހަތުގައިވާ ނުރައްކާތެރި ވިސްނުމެއް ކަމަށެވެ. އަދި މިފަދަ "ޖާރިޔާ ބިލަކާ" ދެކޮޅަށް ރައްޔިތުން ނުކުތުމަކީ ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހޯމް ސްކޫލިންއާ ގުޅޭގޮތުން ތައުލީމީ ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވައި، އިއްޔެ ވަނީ ރައްޔިތުންގެ މަޖިލީހުގައި މި ބިލަށް ބަހުސްވެސް ކޮށްފައެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ ހޯމް ސްކޫލިންގެ ނަމުގައި ރާއްޖޭގެ ޒުވާން ޖީލު މަގުފުރައްދައި ހަލާކުކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް ރާއްޖޭގައި ހަތަރު ހާހަށްވުރެ ގިނަ ކުދިން ގަވާއިދުން ސްކޫލަށް ނުދާ މައްސަލައަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު މީގެ ކުރިން ވަނީ ފުން ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ.
ކިޔަވާ އުމުރުގެ އެތައް ހާސް ކުދިންނެއް ތައުލީމީ ރަސްމީ ނިޒާމުން ބޭރުވެފައިވާ ދަނޑިވަޅެއްގައި، ހޯމް ސްކޫލިންގެ ނަމުގައި ކުދިން ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމުގެ ފުރުސަތު ހުޅުވާލުމަކީ ޒުވާން ޖީލު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެފަދަ ކަންކަމަށް ޖާގަ ދިނުމަކީ ގައުމުގެ މުސްތަގުބަލު ބިމާހަމަވެ، ހަލާކުވެގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް!
31 މިނިޓު ކުރިން

ވިކްޓިމް ސަޕޯޓް އޮފިސަރުންނަށް ރިފްރެޝަރ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި
5 ގަޑިއިރު ކުރިން

ހިތަދޫ ބަނދަރުން މުދާ ކްލިއަރ ކުރުމުގެ އައު އުސޫލު އާންމުކޮށްފި
ދުވަހެއް ކުރިން

ގއ. އަތޮޅު ޖޮއިންޓް އެޖެންސީ ފޯރަމް 2026 ބާއްވައިފި
ދުވަހެއް ކުރިން


