logo

ވިލިމާލޭ މަސްޖިދުއްސަލާމް ހުރި ބިމުގައި އަލަށް ބިނާކުރާ މިސްކިތުގެ ބިންގާ އަޅައިފި

profile

ޖިނާން ޙުސައިން ޖަބީން - 10 އޮކްޓޯބަރު 2026 - 06:02

ވިލިމާލޭ މަސްޖިދުއްސަލާމް މިހާރު ހުރި ބިމުގައި އަލަށް ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

https://wamco.com.mv/

މިކަމަށްޓަކައި މިއަދު ހަވީރު ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި މިސްކިތުގެ ބިންގާ އަޅުއްވާދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ފިޔަ ފައުންޑޭޝަނުން ބިނާކުރާ މި މިސްކިތަކީ 1،000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެހެންކަމުން މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި މިހާތަނަށް ބިނާކުރާ ޖާގައިގެ ގޮތުން އެންމެ ބޮޑު، ތަނަވަސް މިސްކިތަށެވެ.

ޒަމާނީ ފެންވަރަކަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ޖުމުލަ ދެ ބުރިއަށް ބިނާކުރާ މިސްކިތެކެވެ. މި މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ދެ ކްލާސްރޫމާއި އިމާމުންނަށް ހާއްސަ ރޫމެއް ވެސް ހިމެނޭނެއެވެ. މި މިސްކިތުގެ ބިންގާ އަޅުއްވާދެއްވުމަށްފަހު ވާހަކަދައްކަވަމުން، މިނިސްޓަރު ޝަހީމް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ބައު މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އައު މިސްކިތްތައް ބިނާކޮށް ނިމޭނެ ކަމަށެވެ.

އަދި މަސްޖިދުއްސަލާމް ހުރި ބިމުގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ނިންމައި، ރައްޔިތުންނަށް ތަނުގެ ބޭނުން ހިފަން ފެށުމަކީ އުންމީދެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫއުތަކެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން، މިސްކިތްތައް ބިނާކުރުމާއި، އިސްލާމީ މަރުކަޒުތަކާއި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮފިތަކުގެ އިތުރުން ވަގުފު އިމާރާތްތައް ބިނާކުރުން ހިމެނޭހެން 70 އަށްވުރެ ގިނަ މަޝްރޫއުގެ މަސައްކަތްތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. މަޝްރޫއުތައް ހަލުވި ދުވެލީގައި ކުރިއަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319