
ގަދަ ގުގުރިއާއި، ހޮނުއެޅުމާއި، ނަގޫރޯޅިއާއި، ތޫފާނުގެ އިންޒާރުތަކާއެކު އެމެރިކާގެ 27 މިލިއަނަށްވުރެ ގިނަމީހުން ރައްކާތެރިކަން ހޯދަންޖެހިފައި

ސައިފް އަޒުހަރު - 10 ޖުލައި 2025 - 11:47
މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން އެމެރިކާގެ އެތައް ސްޓޭޓަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް ބަޔަކު މަރުވެ، އެތައްބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، އެވެރިކާގެ ވެރިކަންކުރާ ވޮޝިންޓަން ޑީސީއަށާއި، ޖެހިގެން އޮތް މޭރީލޭންޑަށްވެސް މިހާރުވަނީ ރަތް އިންޒާރު ނެރެފައެވެ.
އެމެރިކާގެ ނޭޝަނަލް ވެދަރ ސަވިސްއިން ބުނެފައިވަނީ، ވޮޝިންޓަން އަދި މޭރީލޭންޑާ ދިމާއަށް މިސްރާބު ޖަހާފައިވަނީ ވަރުގަދަ ޔޫފާނެއް ކަމަށާއި، އެ ތޫފާނާއެކު ކޮންމެފަދަ ވަގުތަކުވެސް ބާރުގަދަ ނަގޫރޯޅިއެއް އުފެދިދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
އެހެންވެ، އާންމުންނަށް އިރުޝާދު ދީފައިވަނީ، ބޭސްމެންޓްތަކުން ހިމާޔަތް ހޯދައިގެން ތިބުމަށާއި، ނުވަތަ ކުޑަދޮރުތައް ނުހުންނަ ކޮޓަރިތަކަށް ވަދެ ތިބުމަށެވެ.
ގޭ ތެރޭގައި ތިބޭއިރު، ދޮރު އަދި ކުޑަދޮރުތައް ކައިރީގައި ނުތިބުމަށާއި، ފެންބޮޑުވެފައިވާ މަގުތަކަށް ނުނިކުތުމަށްވެސް އިލްތިމާސް ކުރަމުން ގެންދެއެވެ.
ހަމަ އެއާއެކު، ކަރަންޓު ކެނޑިދާނެކަމަށް ތައްޔާރުވެ ތިބުމަށްވެސް ބައެއް ސަރަހައްދުތަކުގެ އާންމުންނަށް އަންގާފައި ވެއެވެ.
ވިއްސާރަވިލާތަކާއެކު، އެމެރިކާގެ ވެރިކަންކުރާ ސިޓީގެ ޖައްވު ފެންނަނީ ކަޅު އަނދިރިގަނޑެއްހެންނެވެ.
ޑިސީގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ވާރޭ ހުއްޓާލި ނަމަވެސް، ނޭޝަނަލް ވެދަރ ސަވިސްއިން ގެންދަނީ ފުލުފުލުހުން އިންޒާރު ނެރެމުންނެވެ.
މޫސުން ވަރަށް ބޮޑަށް ގޯސްވެ، އެމެރިކާގެ ސްޓޭޓްތައް ކަމަށްވާ ޓެކްސަސް، ނޯތު ކެރޮލައިނާ، ނިއު މެކްސިކޯ، އިލިނޮއިސް، ޗިކާގޯ އަދި އޮކްލަހޯމާއަށްވެސް ބޮޑެތި ގެއްލުންތައް ލިބެމުން އެބަދެއެވެ. އަދި މޫސުމާބެހޭ އިދާރާތަކުން ތޫފާނުގެ އިންޒާރުތައްވެސް ދެމުން އެބަ ގެންދެއެވެ.
ކުރިއަށްހުރި ދުވަސްތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށް ލަފާކޮށް އެމެރިކާގެ އިތުރު އެތައް ސްޓޭޓަކަށްވެސް މިހާރުވަނީ ސަމާލު ނެރެފައެވެ.
އެމެރިކާގެ މީޑިއާއިން ބުނެފައިވަނީ، ގަދަ ގުގުރުމާއި، ހޮނުއެޅުމާއި، ނަގޫރޯޅިއާއި،ތޫފާނާއި، ބޯކޮށްވާރޭ ވެހި ފެންބޮޑުވުމުގެ އިންޒާރު، އެމެރިކާގެ އެކި ސްޓޭޓްތަކުން މަދުވެގެން 27 މިލިއަން މީހުންނަށް ދެވިފައިވާ ކަމަށެވެ.
ޓެކްސަސް ސްޓޭޓަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރެއް ބަންޑުންވެ ހިނގި ހާދިސާތަކުގައި 120 މީހުން މަރުވެ، 160 މީހުން އަދިވެސް ނުފެނެއެވެ.
ނިއު މެކްސިކޯއާއި، އެހެން ބައެއް ސްޓޭޓަކުންވެސް މީހުން މަރުވެ، ބޮޑެތި ހާދިސާތައް ދަނީ ހިނގަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ގއ އިން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދަށް ހުދު ސަމާލު ނެރެފި
3 އަހަރު ކުރިން

އެމެރިކާއަށް ފިނީގެ ތޫފާނެއް، 16 މީހުން މަރުވެއްޖެ
3 އަހަރު ކުރިން

މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު!
3 އަހަރު ކުރިން

އެމެރިކާ އާއި ޗައިނާގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ދެ ޤައުމު ދެމެދުގައި މަޝްވަރާކޮށްފި
3 އަހަރު ކުރިން