
ޗެލްސީ އާއި ޓޮޓެންހަމް ވާދަކުރި މެޗުގެ ތެރެއިން...
ޖޮއާއު ޕެޑްރޯގެ ލަނޑާއެކު ޗެލްސީ އިން ޓޮޓެންހަމް ބަލިކޮށްފި

ހަސަން ޝަމްއޫން - 01 ނޮވެމްބަރު 2025 - 22:09
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވާދަވެރި ޓޮޓެންހަމް އާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެލްސީ އިން ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ޗެލްސީ އިން އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ސަންޑަލާންޑް އަތުން ބަލިވެފައިވާއިރު، ލީގުގައި ޓޮޓެންހަމް އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވެސް ޗެލްސީ އިންނެވެ
މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ޗެލްސީ އިން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޖޮއާއު ޕެޑްރޯ އެވެ. މިއީ އެޓީމު މިޑްފީލްޑަރު މޮއިސަސް ކަސޭޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީއްޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 10 މެޗުން ޗެލްސީއަށް 17 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެެވެ. އަދި މިމެޗުން ބަލިވި ޓޮޓެންހަމް އިން ލީގުގައި ކުޅުނު 10 މެޗުން 17 ޕޮއިންޓް ހޯދާފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.






