logo

ބޭންކުގެ ހިންގުމުގައި ދިވެހިން ނުތިބޭނަމަ، ސީރިއަސް ބޮޑެތި ކަންތައްތަކެއް ހިނގާފާނެ: ނާޒިމް

profile

ޝުރުފާ މުހަންމަދު - 16 ސެޕްޓެމްބަރު 2024 - 11:33

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް --- ފޮޓޯ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް --- ފޮޓޯ މަޖިލިސް

ރާއްޖޭގެ މައި ބެންކު، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުމުގައި ދިވެހިންގެ ދައުރު ކުޑަވުމަކީ ބެންކު ތެރެއިން ސީރިއަސް ބޮޑެތި މައްސަލަތަކެއް ފެންމަތިވާނެ ސަބަބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބީއެމްއެލްއިން ދާދި ފަހުން ކާޑުތަކުން ޑޮލަރު ބޭނުންކުރެވޭ ލިމިޓަށް ގެނައި ބަދަލަކީ ބީއެމްއެލް އާއި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ގުޅިގެން ހިންގި ބަޣާވާތެއްގެ ގޮތުގައި ސަރުކާރުން ތުހުމަތުކުރާއިރު، އެ މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެކަން ހިނގި އިރު، ބީއެމްއެލްގެ ބޯޑުގެ ބައެއް މަގާމުތައް ވެސް ހުހަށް އޮތް އިރު، ބީއެމްއެލްގެ ބޯޑުން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކާ މިމަހުގެ 21 ވަނަ ދުވަހަށް އެ ކުންފުނީގެ ޚާއްސަ އޭޖީއެމްއެއް ވެސް ތާވަލްކޮށްފައި ވެއެވެ. މިހާރު ބީއެމްއެލްގެ ސީއީއޯ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާއިވާ ކުންފުނިތަކުގެ ގާނޫނަށް ގެންނަ އިސްލާހަކީ، މިފަދަ ހާލަތްތަކުގައި އާންމުން ހިއްސާވާ ކުންފުނިތަކުުގެ ބޯޑު މީޓިންގތައް ބޭއްވޭނެ މުއްދަތު އަވަސްކޮށް ކަނޑައަޅާ އިސްލާހެކެވެ.

މަޖިލީހުގައި މިއަދު މި ބިލުގެ އިބްތިދާއީ ބަހުސް ފަށާފައިވާއިރު ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޒިމް ވަނީ ބީއެމްއެލްގެ ކާޑުތަކުގެ މައްސަލަ ދިމާވި އިރު އެ ކުންފުނީގެ އެންމެ ޒިންމާދާރު ވެރިން ރާއްޖޭގައި ނެތްކަން ފާހަގަ ކުރައްވާފައެވެ.

އެ ބޭފުޅުންނަކީ މަހެއްގެ މައްޗަށް 15،000 ޑޮލަރު މުސާރައިގެ ގޮތުގައި ލިބޭ ބައެއްކަން ފާހަގަކުރައްވާ ނާޒިމް ވަނީ އެކަން ބެލުމަށް ގޮވާލައްވާފަ އެވެ.

އޮޕަރޭޝަންސް ޑިރެކްޓަރެއް ނެތް، ކްރެޑިޓް ކޮންޓްރޯލް މެނޭޖަރެއް ނެތް، އަދި ރިސްކް މެނޭޖަރެއް ނެތް. މިއީ ރާއްޖެއިން ބޭރުގެ ބޭފުޅުން 15،000 ޑޮލަރުގެ މުސާރަ ދެއްވާފައިތިބި އެންމެ ޒިންމާދާރު ތިން މީހުން ރާއްޖެއަކު ނެތް. އެހެންވީމާ ޕީސީބީން ވެސް ފައިނޭންސް މިނިސްޓްރީން ވެސް ކުންފުނިތަކުގެ ކަންތައްތައް ދުވަހުން ދުވަހަށް ހިނގާ ގޮތް އެބަ ބައްލަވަން ޖެހޭ: އަހުމަދު ނާޒިމް

އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަ އަކީ ކުޑަ މުސާރައެއް ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި މަގާމުތަކުގައި ތިވެހިން ބޭތިއްބުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ.

އަޅުގަނޑުމެންގެ ބެންކު އަޅުގަނޑުމެންގެ އެއްވެސް ކޮންޓްރޯލެއް ނެތި މިގޮތަށް ހިނގާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާނީ، އެ ދުވަހު ހިނގި ކަންތަކަށް ވުރެ މާ ސީރިއަސް ކަންތައް ކުރިއަށް އޮތް ތަނުގައި ދިމާވުމަކީ އެކަށިގެންވާ ކަމެކޭ: އަހުމަދު ނާޒިމް

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާމު, ކުންފުނީގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ އަހަރީ އާންމު ޖަލްސާ އަވަސް އަވަހަށް ބޭއްވޭ ގޮތަށް މުއްދަތު ކުރުކޮށްފައެވެ.

މަޖިލީހުގެ ނައިބްރައީސް އަހުމަދު ނާޒިމް ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އޭޖީއެމް ބާއްވަން ނޯޓިސް ދީފައިވަނިކޮށް އެ ކުންފުނީގެ ސީއީއޯ އިސްތިއުފާ ދީފައިވީ ނަމަވެސް، އައު ސީއީއޯއެއް ކަނޑައެޅުމަށް ބާއްވާ އޭޖީއެމްވެސް އަވަސް މުސްތަގުބަލެއްގައި ބާއްވައި، ކުންފުނީގެ ހިންގުމަށް ހުއްޓުން ނާރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް މި އިސްލާހާ އެކީ މަގުފަހިވެގެން ދާނެ ކަމަށެވެ.

އެގޮތުން ކުންފުނީގެ ގާނޫނުގެ 100 ވަަނަ މާއްދާގައިވާ ގޮތުން އަހަރީ އާއްމު ޖަލްސާ ބާއްވަން، އެކަމަށް އޮންނަ އުސޫލުން ހުށަހަޅައިފިނަމަ ޖަލްސާގެ ދައުވަތު ދޭން 21 ދުވަހުގެ މުހުލަތެއް އޮވެއެވެ. އަދި ޖަލްސާ ބާއްވަން ޖެހޭނީ ޖަލްސާ ބާއްވަން ހުށަހަޅާތާ ތިން މަސްދުވަހުގެ ތެރޭގައެވެ.

މީގެ އިތުރަށް ކުންފުންޏާ ބެހޭ ގާނޫނުގެ 113 ވަނަ މާއްދާގައި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްނަމަ ޑިރެކްޓަރުންގެ އަދަދު ހަމަކުރަން ރެޖިސްޓްރާ އަންގާ އެންގުން ތަންފީޒުކުރަން ދީފައި އޮތް މުހުލަތު ވެސް، އިސްލާހުގައިވަނީ ކުރުކޮށްފަ އވެ. އެގޮތުން ގާނޫނުގައި މިހާރު އެކަމަށް ދީފައި އޮތީ 30 ދުވަސް ކަމަށް ވާ އިރު އެ ބިލުގައި ހުށަހަޅާފައި އޮތީ 10 ދުވަސް ދިނުމަށެވެ.

tel:+9607331319