logo

ޒިންމާދާރުކަމެއް ހުރިނަމަ އިގުތިސާދު ކޮޅަށްޖެހުމަށް އެހީތެރިވާނެ!

profile

އާމިނަތު ޝަފާ - 31 އޯގަސްޓު 2024 - 18:30

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީގެ ބައްދަލުވުމުގެ ތެރެއިން

އިދިކޮޅު އެމްޑީޕީން މިފަހުން ބޭއްވި ކޮންމެ ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ދައްކާ އެއްވާހަކައެއް އޮވެއެވެ. ރައްޔިތުންގެ ވޯޓަކުން ހޮވާފައިވާ ސަރުކާރެއް ވައްޓާލަން މަސައްކަތް ނުކުރާކަމެވެ. އޭގެ ބަދަލުގައި ކުރާ ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަަސައްކަތް ކަމަށެވެ.

އެހެންނަމަވެސް ސަރުކާރަށް 9 މަސް ފުރުނުއިރު އެ ޕާޓީން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު ރައްޔިތުން ބުނަނީ އެހެން ވާހަކައެކެވެ.

ތަފްސީލަށް ޖެހިލަމާ ހިނގާށެވެ. 2023 ވަނަ އަހަރު އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނީގެ އަދަދު 118.9 ބިލިއަން ރުފިޔާއަށް އަރައެވެ.

އޭރު ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ސަރުކާރަށް ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 50.9 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އެެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 66.3 ބިލިއަން ރުފިޔާއަށް އަރައެވެ.

އެމްޑީޕީ ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރުއެވެ. ކޮވިޑު އިމަޖެންސީ ސަޕޯޓުގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރުވާއިރު މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 103.6 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ތިލަމާލެ ބުރިޖު މަޝްރޫއަށް 400 މިލިއަން ޑޮލަރު ނަގާފައިވެއެވެ. އެމްޑީޕީ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ އަދަދު 19 ބިލިއަނަށް އަރައެވެ.

އެމްޑީޕީ ސަރުކާރުގެ ދަރަނީގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިފްތިތާހީ ތަގުރީރުގައިވެސް ފާހަގަކުރެއްވިއެވެ. އަދި ދަރަނިން އަރައިގަތުމަށް އެއްބާރުލުން ދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ދެން ކުންފުނިތަކަށް ބަލާލަމާ ހިނގާށެވެ. އެގޮތުން ރިޔާސީ އިންތިހާބުތަކާ ދިމާކޮށް ސިޔާސީ ހަތިޔާރަކަށް ބޭނުންކުރަމުންދާ ކުންފުނިތަކުގެ ތެރެއިން ފެނަކައިގެ ދަރަނި އެމްޑީޕީން ވެރިކަމުން ފައިބައިގެން ދިޔައިރު އޮތީ 4.1 ބިލިއަން ރުފިޔާގައިކަމަށް ސަރުކާރުން ބުންޏެވެ. އޭގެ ތެރެއިން 3.2 ބިިލިއަނަކީ ސަޕްލަޔަރުންނަށާއި ވިވަފާރިތަކަށް ދައްކަންޖެހޭ ދަރަންޏެވެ. ލޯނުގެ ގޮތުގައި ދައްކަންޖެހޭ 901 މިލިއަން ރުފިޔާ ހުރިއިރު ދަރަނީގެ ތެރޭގައި ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ އަހަރަކަށްވުރެ ގިނަދުވަސްވީ ބިލުތައް ހުއްޓެވެ. މިގޮތައް 958 މިލިއަން ރުފިޔާވަނީ ދަރާފައެވެ.

ދެން އޮތީ އެ ކުންފުންޏަސް ނުކަތާ ވަރަށް ވައްދާފައިވާ މުވައްޒަފުންގެ ވާހަކަައެވެ. 2018 ވަނަ އަހަރު ނިމުނުއިރު ކުންފުނީގައި 2756 މުވައްޒަފުން ތިބިއިރު އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު ކުންފުނީގައި 8126 މުވައްޒަފުން ތިބިކަމަށް ހިސާބުތަކުން ދައްކައެވެ. ވުމާއެކު ހަމައެކަނި ފެނަކައިގެ މުވައްޒަފުންގެ މުސާރައިގެ ހަރަދަށް އޭރު 82 މިލިއަން ރުފިޔާ އައީ ހަރަދު ކުރަމުންނެވެ. 2023 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް ފެނަކައަށް 700 އަށްވުރެ ގިނަ މުވައްޒަފުން އަލަށް ނަގާފައިވެއެވެ.

ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި އެމްޑީޕީ ސަރުކާރުން ކަންކޮށްފައިވާގޮތަކީ ދަރަނީގެ މައްޗަށް ދަރަނި ބޮޑުކޮށް އެމައްސަލަ ހައްލުކުރުމަށް އެއްވެސް ކަމެއް ނުހިމަނާ ދަރަނި ފާސްކުރުމެވެ.

ފެނަކަ ފިޔަވައި ސަރުކާރުގެ ކަރަންޓު ކުންފުނި- ސްޓެލްކޯގެ ދަރަނިވަނި 3.7 ބިލިއަނަށް އަރާފައެވެ. އަދި އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު ކުންފުނީގައި 1688 މުވައްޒަފުން ތިއްބެވެ.

ސަރުކާރުގެ ފެން ކުންފުނި- އެމްޑަބްލިއުއެސްސީގެ ދަރަނި 1.4 ބިލިއަނުގައިހުރިއިރު ވެމްކޯގެ ދަރަނި ހުރީ 226 މިލިއަނުގައެވެ. 2021 ވަނަ އަހަރު އައިއިރު މިފްކޯއަށްވެސްވަނީ ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައެވެ.

މި ހާލަތުގައި އެމްޑީޕީގެ ސަރުކާރުން ކުރި އަނެއްކަމަކީ ސިވިލް ސާވިސްގެ ބައެއް މަގާމުތަކުގެ މުސާރަ ބޮޑުކޮށްލުމެވެ. އެގޮތުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ މުސާރަތައްވަނީ ބޮޑުކޮށްލާފައެވެ.

އަދި މިހާލަތުގައި އެމްޑީޕީގެ ސަރުކާރުން ކޮށްލި އަނެއްކަމަކީ ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމުމެވެ.

މިކަން ކުރަން ނިންމީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކުރުމަށްފަހުއެވެ. މި ތިން މާއްދާތައް ސަސްޕެންޑް ކޮށްދޭން ފިނޭންސް މިނިސްޓްރީން އޭޕްރީލް 2023 އާ ހަމައަސް އެދުނު ނަމަވެސް މި މުއްދަތު ވެރިކަމުގެ ދައުރު ނިމޭ ހިސާބަށް ދަންމާލަން މަޖިލީހުން ވަނީ ފުރުސަތުދީފައެވެ.

ސަރުކާރުގެ ދަރަނި 2023 ވަނަ އަހަރު 100 ބިލިއަން ހުރަސްކުރިއިރު ހަރަދު ކުޑަކުރަން މަސައްކަތް ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ސަރުކާރުގައި އޮތް ޕީޕީއެމް/ޕީއެންސީން ގޮވާލި ގޮވާލުމަށް އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްވީ ބީރު ކަންފަތެކެވެ. ތަކުރާރުކޮށް އަމީރު ވިދާޅުވީ ދަރަނި ރީސްޓްރަކްޗަށް ކުރަންޖެހޭ ހާލަތެއް ނެތްކަމަށެވެ.

އެކަމަކު މިހާރު ހާލަތު ބަދަލުވެއްޖެއެވެ. މިހާރު މިނިސްޓަރ އަމީރުވެސް ގޮވާލައްވަމުން ގެންދަވަނީ އަވަހަށް އިގްތިސާދީ އިސްލާހީ ބަދަލުތައް ގެނައުމަށެވެ. އަދި ސަރުކާރަކަށް އިގްތިސާދު ކޮޅަށް ޖަހާކަށް ނޭނގޭކަމަށް ބުނެ އަމީރާއި އެމްޑީޕީން އަންނަނީ ނޫސްކޮންފަރެންސްތައް ބާއްވައި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

ކޮންމެއަކަށް ރައްޔިތުންގެ ފަޑުކިޔުމާ ކުރިމަތިލާން ޖެހުނު ހިސާބަކީ މިއީއެެވެ. އަސްލު ޓީވީއާ ވާހަކަދެއްކި ބައެއް އާއްމުންގެ ނަޒަރުގައި އިދިކޮޅު ޕާޓީއެއްގެ ދައުރަކީ އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހަމައެކަނި ސަރުކާރަށް ފާޑުކިޔައި ޖެއްސުންކުރުމެއްނޫނެވެ. ނަމަވެސް ސަރުކާރަށް އެއްބާރުލުން ދިނުމެވެ. އިގްތިސާދު މިހާ ހިސާބަށް އައީ އެމްޑީޕީ ސަރުކާރުގައި ކަން ކުރެވުނު ގޮތުންކަމަށް ގަބޫލުކުރުމެވެ.

އެމްޑީޕީން އަދިވެސް މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކުރުމަށް ކަމަށާއި އަދިވެސް އެމްޑީޕީން ޒިންމާ އަދާކުރާތަން ނުފެންނަކަމަށް އާއްމުން ބުނެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ވާހަކަ ދައްކާއިރު އަދި މި ދަނޑިވަޅުގައި އިދިކޮޅު ޕާޓީގެ ޒިންމާދާރުކަމެއް ހުރިނަމަ އެންމެ ފުރަތަމަ ކުރާނެކަމަަކީ އިގުތިސާދު ކޮޅަށްޖެހުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އާއްމުން ގަބޫލުކުރެއެވެ.

tel:+9607331319