logo

އެސްއީޒެޑް ގެ މަޝްރޫޢު ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައްވަނީ

profile

އާމިނަތު ޝަފާ - 03 ސެޕްޓެމްބަރު 2024 - 10:40

އެސްއީޒެޑް ގާއިމްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

އެސްއީޒެޑް ގާއިމްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ނަމުގައި 2015 ވަނަ އަހަރު އިއުލާނު ކުރި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެސްއީޒެޑް މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ފ. ހިމިތި އާއި އެ ރަށާއި ގުޅިފައިވާ ފަޅުގައެވެ. ސައުދީ ސަރުކާރާއި ގުޅިގެން އެ މަޝްރޫއު ހިންގުމަށް މަޝްވަރާތައް ކުރެވި "ބޯޑް އޮފް އިންވެސްޓްމަންޓް" އެއް އުފެއްދެވިއެވެ. މިހާރުގެ ރައީސް މުއިއްޒުއަކީ އެ ބޯޑުގެ މެމްބަރެކެވެ. އެ މަޝްރޫއު ހުއްޓުނީ އެކަމަށް ބޭނުންވާ ފައިނޭންސް ހަމަނުޖެހުމުގެ ސަބަބުންނެވެ.

އެއާއެކު އައު ސަރުކާރުން ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އައު ދޮރެއް ހުޅުވާލުމުގެ ގޮތުން އެސްއީޒެޑް ޤާއިމުކުރުމަށް ދަނީ ގިނަގުނަ މަސްއްކަތްތަކެއްކުރަމުންނެވެ.

އެސްއީޒެޑް ޤާނޫނުގެ ދަށުން ޤާއިމުކުރެވޭ މި ސަރަޙައްދުތަކަކީ އިޤްތިޞާދީ ކުރިއެރުން އިތުރުކޮށް، ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަގު ފަހިކޮށް، ވިޔަފާރިއަށް ފަހި މާޙައުލެއް އުފެއްދުމަށް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ސަރަޙައްދުތަކެކެވެ. މި ސަރަޙައްދުތަކުގައި ޑިވެލޮޕަރުންނާއި އިންވެސްޓަރުންނަށް އެކި ބާވަތުގެ ވިސްނުމާއި ޚިޔާލުތަކާއި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެން އިންވެސްޓްކުރުމަށް ފަހި މާޙައުލެއް ޤާއިމުކުރުމަށް މަގުފަހިކުރުމެވެ.

އެސްއީޒެޑްތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޞިނާޢީ، އިޤްތިޞާދީ، އިޖްތިމާޢީ އަދި މާލީ ކުރިއެރުން އިތުރުކުރުމާއި، ރާއްޖެއާއި ބޭރުގެ އިންވެސްޓްމަންޓް އިތުރުކޮށް، ބޭރުގެ ފައިސާ ލިބޭނެ މިންވަރު އިތުރުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއަށް ޢިލްމާއި، ޓެކްނޮލޮޖީއާއި، ހުނަރު ގެނައުމާއި، ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އުފައްދައި އިތުރުކުރުމާއި، މުދަލާއި ޚިދުމަތްތައް އުފެއްދުން އިތުރުކުރުން ހިމެނެއެވެ.

މިގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލަމުން ޢިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު މިފަހުން ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން ކަރަންސީ އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ކުރާ ހަރަދު ކަމަށް ކަމުގައެވެ. މިގޮތުން އަހަރަކު ގާތްގަނޑަކަށް 500-600 މިލިއަން އެމެރިކާ ޑޮލަރު ތެޔޮ ގަތުމަށް ޚަރަދުކުރެވޭ ކަމަށާއި، އޭގެ ތެރެއިން ބޮޑު ބައެއް ކަރަންޓު އުފެއްދުމަށް ބޭނުންކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކުޑަކުރެވިގެންދާނެ 100 މެގަވޮޓުގެ ކަރަންޓު އުފައްދާނެ ސޯލާ ސިޓީ ޕްރޮޖެކްޓަކީ ރާއްޖޭގެ އެސްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓް ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮޖެކްޓް ފެށުމުގެ ހުރިހާ މަސައްކަތެއް ދަނީ ނިމެމުން ކަމަށާއި، އުންމީދަކީ އޮކްޓޯބަރު މަހު ފުރިހަމަ ލައިސަންސް ލިބި، ނޮވެންބަރު މަހު އަމަލީ މަސައްކަތް ފެށުން ކަމުގައެވެ. އަދި 3 އަހަރުގެ ތެރޭގައި 100 މެގަވޮޓުގެ ކަރަންޓު އުފެއްދުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ތެލުގެ އިމްޕޯޓަށް ކުރާ ޚަރަދު މަދުވެގެންދާނެކަމަށެވެ. 2028 ވަނަ ޢަހަރާ ހަމައަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒު ވެވަޑައިގަންނަވައިފައިވާ ވައުދެކެވެ.

އަދި އިހަވަންދިއްޕޮޅުގައި ގާއިމުކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބަންކަރިންގ ޚިދުމަތް ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. މި ޚިދުމަތް ފެށުމަށްޓަކައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ދެ ބޯޓު ހޯދާފައިވާ ކަމަށާއި، މި ޚިދުމަތް އަންނަ މަހުގެ 12 ވަނަ ދުވަހު ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަޝްރޫޢުގެ ދަށުން ފުރަތަމަ ފެށޭނީ ބަންކަރިންގ ޚިދުމަތް ކަމަށާއި، މި މަޝްރޫޢުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ކަސްޓަމްސް، ޑިފެންސް، ޕޮލިސް އަދި އެސްޓީއޯ ހަރަކާތްތެރިވަމުންދާކަމަށެވެ. މީގެ އިތުރުން، އެގްރިކަލްޗަރ އިކޮނޮމިކް ޒޯންގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި، މިއީ 250 މިލިއަން ޑޮލަރުގެ މަޝްރޫޢެއް ކަމަށެވެ. އަދި މި ހަފުތާގެ ތެރޭގައި ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ލިބޭނެ ކަމަށާއި، މި ބޭންކުން ކުރިމަގުގައި ދިވެހިންނަށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނައިރު މިހާރުވެސް މި މަސައްކަތްތަކުގެ އެދެވޭ ނަތީޖާތައް އަންނަނީ ފެންނަމުންނެވެ.

tel:+9607331319