
ވަޒީފާ ބުރާސްފަތި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ނޫން: ރައީސް ނަޝީދު

މުޙައްމަދު ފަޟްލޫން - 18 ޖޫން 2026 - 10:38
އެމްޑީޕީން ވަޒީފާ ބުރާސްފަތި މި ނަމުގައި މިރޭ މުޅި ރާއްޖޭގައި ކުރިއަށްގެންދާ މުޒާހަރާއަކީ ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީޑިއާ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ކުރާ ކަމެއް ނޫންކަން ސަރުކާރާއި ފުލުހުންނަށް ވެސް ސާފުވާންޖެހޭނެ ކަމަށެވެ.
އެމްޑީޕީ އިން މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ މުޒާހަރާ އަކީ ގާނޫނީ އިމުގެ ތެރޭގައި ހިންގާ އަމަލެއް ކަމަށް ބަލައިގަތުމަށް ރައީސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.
މީގެއިތުރުން، މުޒާހަރާގެ ބައިވެރިން އެއްވެސް ބޭއަދަބީ އަމަލެއް ނުހިންގުމަށާއި، ހަމަނުޖެހުމަށް މަގުފަހިވާނެ އެއްވެސް ކަމެއް ނުކުރުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.
މީގެ ކުރިން މަގުމަތީގެ ހަރަކާތްތަކާ މެދު ބައެއް ފަރާތްތަކުން ނުތަނަވަސްކަން ފާޅުކުރި ނަމަވެސް، މިހާރު އެމްޑީޕީން މަގުތަކަށް ނުކުތުމުން އާންމު ރައްޔިތުން އެކަން ބަލައިގަންނަނީ އުފަލާއެކުގައި ކަމަށް ވިދާޅުވިއެވެ،
މިރޭގެ މުޒާހަރާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަސްފަންނު ސަރަހައްދުން ފެށިގެން މަޖީދީ މަގުން ހިނގާފައި ގޮސް، އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ.
ރައީސް ނަޝީދު އިތުރަށް އެދިވަޑައިގެންނެވީ، މި ހަރަކާތުގެ ތެރެއިން ފުލުހުން ޝީލްޑާއި ޕެޕަރ ސްޕްރޭ ފަދަ ވަސީލަތްތައް ބޭނުންކުރުމުގެ ބަދަލުގައި، ޓްރެފިކް ބެލެހެއްޓުމާއި އާންމު އިންތިޒާމުތައް ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ސަރުކާރުން މި އެއްވުމަށް ހުރަސްއަޅައިފި ނަމަ އަމަލުކުރާނެ ގޮތަކާ ބެހޭގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ. އެހެންކަމުން، ސަރުކާރުން އެ ހައްގު ހަނިކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ބާއްވާ ހަރަކާތެއް ކަމަށާއި، މި ހަރަކާތުގެ ތެރެއިން އެއްވެސް ބާވަތެއްގެ ހަމަނުޖެހުމެއް ނުވަތަ އަނިޔާވެރި އަމަލެއް ނުހިނގާނެކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ނަޝީދު ދެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ނާޒުކު ގައުމުތަކަށް ބޭނުންވާ މޫސުމީ މާލީ އެހީތެރިކަން އިތުރުކުރަންޖެހޭ: ނައިބު ރައީސް
43 މިނިޓު ކުރިން

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކޮށްފި
44 މިނިޓު ކުރިން
.jpg&w=3840&q=75)
ހުޅުމާލޭ ފަޅުތެރެ ސާފުކުރަން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
44 މިނިޓު ކުރިން

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)