logo

ސްރީލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑް ދޫކުރުމުގެ ޚިދުމަތް ފަށައިފި

profile

މުހައްމަދު މުޝްރިފް - 05 މޭ 2026 - 14:26

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

https://wamco.com.mv/

މި ޚިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ޚިދުމަތް ފެށުމަށްޓަކައި ސްރީލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަންގައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޚިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ދެ ދިވެއްސަކަށް ވަނީ ޕާސްޕޯޓާއި އައިޑީކާޑު ހަވާލުކޮށްފައެވެ.

ރާއްޖޭން ބޭރުގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ މެލޭޝިއާގައެވެ. އެ ޤައުމުގައި މި ޚިދުމަތް ފަށާފައިވަނީވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ. ސްރީލަންކާއަކީ މި ޚިދުމަތް ރާއްޖޭން ބޭރުގައި ފެށި ދެވަނަ ޤައުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިހާރު ވަނީ އައިޑީކާޑު ހެއްދުމާއި ދޫކުރުމުގެ އިތުރުން ޕާސްޕޯޓުގެ ޚިދުމަތް ފުޅާކޮށްފައެވެ. މިއީ ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަކޮށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk