logo

މުޅި ގައުމު އެ ދުވަހުގެ އިންތިޒާރުގައި، ނިކަން ކުލަގަދަކޮށް މަރުހަބާ ކިޔާނެ!

profile

ޝާމާ ޝުޢައިބު - 01 ޑިސެމްބަރު 2024 - 19:59

ފޮރުވިފައި ވަރަށް ބޮޑު މުއްސަނދިކަމެއް އޮތް އުފާވެރި މަންޒިލެކެވެ. ދޮންވެލި ގޮނޑުދޮށްތަކާއި ތުނޑިތަކެވެ. ތިލަ، ސާފު، މޫދާއި ދިރުންތަކުން ފުރިފައި އޮތް ކަނޑު އަޑީގެ ހިތްގައިމުކަމެވެ. ގުދުރަތީ ރީތިކަމާ، އަޖައިބުން ފުރިގެންވާ ރީތި މަންޒިލްތަކުން އަމުނާ، ގަތާލެވިފައިވާ ހިންދު ކަނޑުގެ ހާރުގެ ވާހަކަދައްކާ ނުނިމޭނެއެވެ. މި ދައްކަނީ މިހާރު މުޅި ދުނިޔޭގައި ވެސް ދުނިޔެމަތީގެ ސުވަރުގެ ގޮތުގައި މަގުބޫލު، އަޅުގަނޑުމެންގެ މި ކުޑަކުޑަ ގައުމު، ދިވެހިރާއްޖޭގެ ވާހަކައެވެ.

ބަހުރުހިންދުގެ މެދުން ހަވާދު މަގުގައި ގަތާލެވިފައިވާ ހާރެއްފަދަ ދިވެހި ރާއްޖޭގެ ރީތިކަމުގެ ވާހަކައަކީ އެތައް ބަޔަކު ދައްކަމުން އަންނަ ވާހަކައެކެވެ. ދުނިޔެ މަތީގެ ސުވަރުގޭގެ ނަމުން މަޝްހޫރުވެފައިވާ ދިވެހިރާއްޖޭގެ ޖާދުވީ މާހައުލާއި ކަނޑުފަޅުތަކުގެ މުއްސަނދިކަމަކީ މީހުންގެ ހިތްތައް އަތުލާފައިވާ ކަންކަމެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ 4 ނޮވެމްބަރ 2024 ގައި ޕޯޗުގަލްގެ މަޑޭރާގައި ބޭއްވި 2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާ ސެރެމަނީގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީއެވެ.

2024 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ޑަބްލިއުޓީއޭގެ ދަށުން "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" ގެ މަޤާމު ވިދިވިދިގެން ދިވެހިރާއްޖެއަށް ފަސްވަނަ އަހަރު ލިބިގެން ވަނީ ގޮސްފައެވެ. ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ދައުވަތު ދެނީ ސަނީ ސައިޑް އޮފް ލައިފް ތަޖުރިބާކުރުމަށެވެ. މީގެ ތެރޭގައި ރާއްޖޭގެ ރީތި، ސާފު ގޮނޑުދޮށްތަކާއި، ކަނޑާއި އޭގެ ދިރުންތައް ހިމެނެއެވެ. ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުން ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭއިރު، ދިވެހިރާއްޖެއިން ވަޢުދުވަނީ ހަނދާންނައްތާ ނުލެވޭނެފަދަ ތަޖުރިބާއެއް ފޯރުކޮށްދޭނެ ކަމަށެވެ.

މިއަދު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 175 ރިސޯޓާއި، 901 ހޮޓެލް އަދި ގެސްޓްހައުސްގެ އިތުރުން 152 ސަފާރީ އުޅަނދު ދަނީ ރަޖިސްޓްރީކޮށްގެން ޙިދުމަތް ދެމުންނެވެ. މިއީ މުޅި ޖުމްލަ 62،908 އެނދެވެ.

ެދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެންމެ އުޖާލާ ސަފުހާތަކުގެ ތެރެއިން އެއް ސަފުހާއެއްގެ ގޮތުގައި 2024 ވަނަ އަހަރު ފާހަގަކުރެވިގެން ގޮސްފައިވާއިރު ރާއްޖެއަށް މިހާތަނަށް 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއާއި އެކު 2024 ވަނަ އަހަރަށް ކަނޑައެޅި 2 މިލިއަން ފަތުރުވެރިންގެ ލަނޑުދަނޑިއަށް ވާސިލުވެވޭނެކަން މިވަނީ ދެން ގާތްގަނޑަކަށް ޔަގީންވެފައެވެ. އުއްމީދުގެ ހުޅުކޮޅު އެހާވެސް ބޮޑެވެ. ކޮންމެއަކަސް، މިހާރު ކޮންމެ ދުވަހަކު އެވްރެޖްކޮށް 5,485 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރަމުންދެއެވެ. އަދި އިއްޔެއަކީ މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައި ދުވަސްކަމަށްވާއިރު، އެ ދުވަހު އެކަނި 7,165 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

މި އަހަރަށް ކަނޑައެޅި ދެ މިލިއަން ޓޫރިސްޓުންގެ ޓާގެޓް ޑިސެމްބަރު މަހުގެ މެދުތެރޭގައި ހަމަވާނެ ކަމަށް ތަފާސްހިސާބުން ދައްކާއިރު އެކަން ފާހަގަކުރުމަށްޓަކައި ރާއްޖެއިން އަންނަނީ ތައްޔާރުވަމުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. ކުލަ ގަދަކޮށް، ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް މުޅި ގައުމު އަންނަނީ ތައްޔާރުވަމުންނެވެ. އެންމެން ތިބީ އެދުވަހުގެ އިންތިޒާރުގައެވެ. ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހި ފަތުރުވެރިކަމުގެ ސިނާއަތް ހޯދާ މި ކާމިޔާބީ ބަލަން ދިވެހިން ތިބީ ނުހަނު ފަޚުރުވެރިކަމާއި އެކުއެވެ.

https://wamco.com.mv/
tel:+9607331319