
މޫސުމީ ލަފާކުރުން: ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވޭ
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 01 މާރިޗު 2025 - 07:50
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރަނީ ރާއްޖޭގެ ބައެއް ރަށްތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
މޫސުން އެންމެ ގޯސްކޮށް އުޅެނީ ރާއްޖޭގެ ދެކުނަށެވެ. މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އަށް ހުދު ސަމާލުވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެހެންވެ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އެދިފައިވާއިރު، ރާއްޖެއަށް މިހާރު ކުރަމުންދަނީ "ފުރަބަދުރުވައިގެ" ވިއްސާރައެވެ. އިރުވައިމޫސުމުގެ ދުވަސްވަރެއް ނަމަވެސް މިނަކަތުގައި ވިއްސާރަކޮށް ގުގުރުމަކީ އެކަށީގެންވާ ކަމެކެވެ.
އިރުވައިގެ 6 ވަނަ ނަކަތް ހިޔަވިހާ ނިމި މިހިނގަނީ 7 ވަނަ ނަކަތުގެ ދުވަސްތަކެވެ.
އިތުރުވައި މޫސުމުގެ 7 ވަނަ ނަކަތް ފުރަބަދުރުވަ ކުރިއަށްދާނީ ފެބްރުއަރީމަހުގެ 27 އިން މާރޗުމަހުގެ 11އަށެވެ. އެހެންކަމުން މި ނަކަތުގައި ވަނީ 13 ދުވަހެވެ.
"ފުރަބަދުރުވަ" ނަކަތަކީ ވިދުމާއި ގުގުރުން ގިނަ ނަކަތެކެވެ. މަދު މަދުން ކުދި ކުޅިގަނޑު ޖެހުނަސް އާންމު ގޮތެއްގައި ވައި ޖެހޭނީ އިރު އުތުރުން އާދައިގެ ވަރަކަށެވެ. މި ނަކަތުގައި މަސްވެރިކަން ވަރަށް ރަނގަޅުވާނެއެވެ.
ޖުމުލަ 9 ނަކަތް ހިމެނޭ އިރުވައި މޫސުމުގައި އަދި 2 ނަކަތް އެބައޮތެވެ. އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭނީ "އައްސިދަ" ނަކަތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން