logo
 ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ, ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ, ފޮޓޯ: މަޖިލިސް

ކުޑަކުދިންގެ ޒާތީ މައުލޫމާތު އާންމުކުރި މައްސަލައިގައި ސައުދުﷲގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ފުލުހަށް!

profile

އާމިނަތު ޝަޒްލާ - 31 އޮކްޓޯބަރު 2026 - 13:46

ކުޑަކުދިންގެ ޒާތީ މައުލޫމާތު ހިމެނޭ ލިސްޓުތަކެއް ސޯޝަލް މީޑިއާ މަންސަ، ފޭސްބުކްގައި އާންމުކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް އެދި ތިނަދޫ ސިޓީ ކައުންސިލުންނާއި އާންމު ރައްޔިތަކު މޯލްޑިވްސް ޕޮލިސް ސާވިސްއަށް މައްސަލަ ހުށަހަޅައިފިއެވެ.

https://wamco.com.mv/

ކޮމިޝަނާ އޮފް ޕޮލިސް އަލްފާޟިލް އަޙުމަދު މުޙައްމަދަށް އެޑްރެސްކޮށް ތިނަދޫ ސިޓީ ކައުންސިލުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، ތިނަދޫގެ ރަޖިސްޓްރީގައި ނުތިބޭ ކަމަށް ބެލެވޭ ފަރާތްތަކެއް ކަމަށް ބުނެ، މެމްބަރު ސައުދުﷲ ހިލްމީ 23 ނޮވެމްބަރު 2024 ގައި އޭނާގެ އަމިއްލަ ފޭސްބުކް މެދުވެރިކޮށް ލިސްޓެއް ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި 18 އަހަރު ނުފުރޭ ކުޑަކުދިންގެ މައުލޫމާތު ހިމެނޭ ކަމަށްވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

ކައުންސިލްގެ ސިޓީގައި ވާގޮތުން، އެ ލިސްޓަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހިއްސާކޮށްފައިވާ ލިސްޓެއް ކަމަށް ބެލެވެއެވެ. ކޯޓު އަމުރަކާ ނުލައި ކުޑަކުދިންގެ މިފަދަ ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ބޮޑު ކުށަކަށް ވާތީ، އެ ލިސްޓުތައް މެމްބަރަށް ލިބުނު ގޮތާއި، އެ ލިސްޓު ދޫކުރި އިދާރާގެ މުވައްޒަފުންނާއި ވެރިން ހޯދައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާ ކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

މީގެއިތުރުން، އާންމު ފަރާތަކުން ވެސް ވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. އޭނާ ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 19/2019) ގެ ދަށުން ކުޑަކުދިންގެ ޒާތީ މައުލޫމާތާއި ކަރާމާތަށް އުނިކަން އަންނަ ފަދަ މައުލޫމާތު އާންމުކުރުމަކީ މަނާ އަދި ޖިނާއީ ކުށެއް ކަމަށެވެ.

އަދި މެމްބަރު ސައުދުﷲ ހިލްމީގެ އެ އަމަލަކީ އެ ގާނޫނުގެ 33 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށް ވާތީ، މެމްބަރުގެ އިތުރުން ގާނޫނާ ހިލާފަށް އެ މައުލޫމާތުތައް ދޫކުރި އެލްޖީއޭގެ ފަރާތްތަކުގެ މައްޗަށް ވެސް ފިޔަވަޅު އަޅައި، މައްސަލައިގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް މައްސަލަ ހުށެހެޅި ފަރާތުންވެސް ވަނީ އެދިފައެވެ.

ކުޑަކުދިންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވާއިރު، މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ މެދުގައި ދަނީ ބޮޑު ކަންބޮޑުވުމެއް އުފެދެމުންނެވެ.

"އަސްލުޓީވީ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވި ފުރަތަމަ ދުވަސްކޮޅުގައި ޕީޖީން މިކަމަށް އަމިއްލަޔަށް އިސްނަގައިގެން ތަހުގީގު ވެސް ވަނީ ކޮށްފައެވެ. އެގޮތުން ޕީޖީން ވަނީ ސައުދުﷲ އާއި ސުވާލުކޮށްފައެވެ. ނަމަވެސް މި މައްސަލަ މިއަދާއި ހަމަޔަށް ކުރިޔަށް ގޮސްފައިވާ ހިސާބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.

މި މައްސަލަ އަލުން ފެންމަތިވެފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ވަނީ އާންމުންގެ ފަރާތަކާއި، ތިނަދޫ ސިޓީ ކައުންސިލުން އަންނަނީ ގޮވާލަމުންނެވެ.

https://wamco.com.mv/
tel:+9607331319