
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް, ފޮޓޯ: ސޯޝަލް މީޑިއާ
ރައްޔިތުންގެ ފައިސާއިން 700 މިލިއަން ޑޮލަރު ޚަރަދުކޮށް ހިއްކާ ބިން އީގަލް ހިލްސްއަށް ދެނީ ހިލޭ: ރައީސް ޞާލިޙް

އާމިނަތު ޝަޒްލާ - 29 އޮކްޓޯބަރު 2026 - 09:43
ރަސްމާލެ (ފުށިދިއްގަރުފަޅު) ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން 500 ހެކްޓަރުގެ ބިން، ދިވެހި ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކޮށްގެން ހިއްކުމަށްފަހު އީގަލް ހިލްސް ކުންފުންޏަށް ހިލޭ ދޭގޮތަށް އޮތުމަކީ ބޮޑު ގެއްލުމެއް ކަމަށް ވިދާޅުވެ، އެ މަޝްރޫޢު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ރައީސް ޞާލިޙް މީސްމީޑިއާ މަންސަ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަނގަޅު ވިޔަފާރި މުޢާމަލާތެއްގައި މުދާ ވިއްކާ ފަރާތާއި ގަންނަ ފަރާތަށް، ނުވަތަ ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތަށް ވެސް ފައިދާވާން ޖެހޭނެ ކަމަށެވެ. ނަމަވެސް، ރަސްމާލޭން 500 ހެކްޓަރުގެ ބިން އެއްވެސް އަގަކާ ނުލައި ދާއިމީކޮށް އީގަލް ހިލްސްއަށް ދިނުމުގައި ދިވެހި ދައުލަތަށް އެއްވެސް ފައިދާއެއް ވާތަން ފެންނަން ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ، މި މުޢާމަލާތުން އިންތިހާއަށް ފައިދާވަނީ އީގަލް ހިލްސް ކުންފުންޏަށް އެކަނި ކަމަށާއި، ރާއްޖެއަށް މާލީގޮތުން ލިބެންޖެހޭ އެއްވެސް މަންފާއެއް ލިބޭތަން ނުފެންނަ ކަމަށެވެ. އެގޮތުން، 500 ހެކްޓަރުގެ ބިން ހިއްކަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަނަށް ވުރެ ގިނަ ޑޮލަރު (ގާތްގަނޑަކަށް 10.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން ކަމަށްވާއިރު، އެ ބިން އެ ކުންފުންޏަށް ހިލޭ ދިނުމުން ދައުލަތަށް އެއްވެސް ފައިސާއެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ކުންފުނިން އެ ބިމުގައި އަޅާނެ ކަމަށް ބުނާ 5,000 ހައުސިންގ ޔުނިޓަކީ ވެސް ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި، އެ ޔުނިޓުތައް ވެސް ޖެހެނީ ދިވެހި ސަރުކާރުން ގަންނަން ކަމަށް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
"މީގެ އިތުރުން މި ޕްރޮޖެކްޓް މިހާރު ރޭވިފައިވާ ގޮތުން މުސްތަޤުބަލުގައި މުޅި ޤައުމަށް ބޮޑެތި އެތައް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ތަން ފެނޭ،" ރައީސް ޞާލިޙްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
އެހެންކަމުން، މި މަޝްރޫޢު މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ނުގެންގޮސް ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދު ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން 1,153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫޢަށް ވާއިރު، ބޭރުގެ ޑިވެލޮޕަރުންނަށް ބޮޑެތި ބިންތައް ދިގު މުއްދަތަކަށް ނުވަތަ މިލްކުވާ ގޮތަށް ދޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކާއި ބައެއް ޢާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ބަޖެޓު ކުޑަވި ނަމަވެސް ޑެފިސިޓް ބޮޑުވާނެ ކަމަށް ލަފާކޮށް 59.7 ބިލިއަންގެ ބަޖެޓެއް މަޖިލީހަށް!
30 މިނިޓު ކުރިން

ތަރައްޤީގެ ނަމުގައި ޒަޔަނިސްޓުންނަށް ދޫދިނުމެއް ނެތް: ދިވެހި ރައްޔިތުންގެ އަޑު ކަނޑުވައެއް ނުލެވޭނެ!
5 ގަޑިއިރު ކުރިން

ފިހާރައެއްގެ ބިލްބޯޑުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ބަލަންފަށައިފި
5 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދިނުމާއެކު މަހުދީގެ އާއިލާ އަށް އިޓަލީން އެހީތެރިވަނީ
5 ގަޑިއިރު ކުރިން


